އެކްޓަރ ސުޝާންތު ސިންގް ރާޖުޕޫތުގެ މަރާއި ގުޅިގެން އޭނާގެ ކުރީގެ ލޯބިވެރިޔާ، ބަތަލާ ރިއާ ޗަކްރަބޯތީއަށް ކުރެވުނު ތުހުމަތެއްގައި އެއް މަސް ދުވަސް ވަންދެން ޖަލުގައި ހުރުމަށް ފަހު މިހާރު ފިލުމީ ދާއިރާއަށް އެނބުރި އައުމަށް ތައްޔާރު ވެފައިވާ ފިލުމު ''ޗެހެރޭ'' ގެ ޕޯސްޓާ ނެރުނު އިރު ޕޯސްޓާގައި ރިއާ ނެތެވެ. އަދި ޓްވީޓް ކޮށްފައިވާ ޕޯސްޓުގައި ވެސް ރިއާ ޓެގް ކުރެވިފައެއް ނެތެވެ.

އިމްރާން ޚަޝްމީ ޓްވިޓާގައި މި ފިލުމުގެ ފުރަތަމަ ޕޯސްޓަރު ހިއްސާކޮށް ބުނެފައިވަނީ އަސްލު ''ޗެހެރޭ'' އަކީ ކޮބައި ތޯއާއި ގޮތް ނޭނގޭ އެތައް ކަމެއް އެކުލެވިގެންވާ މި ފިލުމު ސިނަމާތަކުގައި އަޅުވާނީ މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

މި ޕޯސްޓަ ހިއްސާކޮށް އިމްރާން ޓެގްކޮށްފައިވަނީ އަމީތާބު ބައްޗަންއާއި އާނަންދު ޕަންޑިތުއާއި ރޫމީ ޖެފްރީއާއި އަންނޫ ކަޕޫރާއި ކްރިސްޓަލް ޑި ސޫޒާއާއި ސިދާންތު ކަޕޫރާއި ރަގޫބީރު ޔާދަވްއާއި ދުރިތިމަން ޖެޓަރުޖީއެވެ.

ރޫމީ ޖެފްރީގެ މި ފިލުމުން ރިއާ ޗަކްރަބޯތީ ފެންނާނެ ކަމަށް ބެެލެވުނެވެ. އަދި މިއީ ރިއާ އެނބުރި ފިލުމީ ދުނިޔެއަށް އަންނަ ފިލުމު ކަމަށް ވެސް ރޫމީ ވަނީ ބުނެފައެވެ. ނަމަވެސް ފިލުމުގެ ޕޯސްޓާގައި ރިއާ ނެތުމާއި ރިއާ ޓެގްކޮށްފައި ނެތުމުން ގިނަ ބަޔަކު ބުނަމުން ދަނީ ރިއާގެ ބަދަލުގައި ކްރިސްޓަލް އެ ފިލުމުގައި ހިމަނާފައިވާ ކަމަށެވެ.

މިކަމަށް ފާޑުކިޔައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އަސްލު ''ޗެހެރޭ'' އަކީ ރިއާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޕޯސްޓާގައި ރިއާ ނެތް ނަމަވެސް ފިލުމުން އޭނާ ފެންނާނެ ކަމަށާއި އެއީ ހަމައެކަނި ފިލުމު ބަލާ މީހުންގެ ލޯ މައްޗަށް އޮޅުވާލުމެއް ކަމަށެވެ.