އިޓަލީވިލާތުގެ ޖެނެއޯ ކައިރިން ކަޑުމަތުން އެތައް ސަތޭކަ ސަންދޯއްތަކެއް އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

ސަންދޯއްތަކެއް އޮޔާ ދާން މެދުވެރިވީ ޖެނެއޯގެ ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާއެއްގައި އެ ސިޓީގެ ގަބުރުސްތާނެއްގައި ވަޅުލާފައި ހުރި އެތައް ސަތޭކަ ސަންދޯއްތަކެއް މޫދަށް ފައިބައިގެން ދިއުމުންނެވެ.

އެ މަންޒަރު ފެނުނު ބައެއް އެ ސިޓީގެ ބައެއް ރައްޔިތުން ތިބީ ހިތާމައިން ފުރިފައެވެ. އެއީ އެ މީހުންގެ ލޯބިވާ މީހުން މަރުވުމުން، ވަޅުލާފައިވާ ސަންދޯއްތަކެވެ. މި ސަންދޯއްތައް އޮޔާ ދަނިކޮށް ފެނިފައި ވަނީ ލިގުރިއަން ކަނޑުންނެވެ. ބައެއް ސަންދޯއްތައް ހަލާކުވެގެން ވަޅުލެވިފައި ހުރެދާނެ ކަމުގެ ބިރު އޮތްއިރު، ބައެއް ސަންދޯއްތައް ނުފެނިދާނެ ކަމުގެ ބިރުވެރިކަންވެސް އެބަ އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސީއެންއެންގެ ރިޕޯޓްކުރާ ގޮތުގައި އެ ކަނޑަށް 200 އާ ގާތް ކުރާ އަދަދަށް ސަންދޯއްތައް ވެއްޓިފައި ވެއެވެ. އޭގެ ތެރެެއިން އަދި މިހާތަނަށް ނެގިފައި ވަނީ އެންމެ 10 ސަންދޯކެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ސަންދޯއްތައް ކަނޑުމަތިން ނެގޭ ގޮތް ވާނީ، ކަނޑުގެ އަޮއިވަރާއި ހާލަތަށް ބެލުމަށްފަހުގައި ކަމަށް އެ ކަންކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނެފައި ވެއެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގާދިޔަ މި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި ގަބުރުސްތާނުގައި ހުރި އަޅުކަން ކުރާ ދެ ތަނެއްވެސް ވަނީ ހަލާކުވެފައެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، ސަންދޯއްތައް ކަނޑުމަތިން ފެނުމުން، އެ އެއްޗެހި ނެގުމުގެ މަސައްކަތް ކުރާ ތަން ބެލުމަށް އާއްމުން އެއްވެފައި ވެއެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި ސަންދޯއްތައް ކަނޑަށް އެޅުނީ 70 މީޓަރު ފެނުން މަތީގައި އޮތް ގަބުރުސްތާނަކުންނެވެ.

މިހާރު އެ ސަހަރާ ވަނީ އާއްމުންނަށް ބަަންދުކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު