އަވަސް ހިނގުމެއްގައި މަޖީދީ މަގުން ހިނގާފައި އެ ދަނީ އަށާރަ އަހަރުގެ ލަވަކިޔުންތެރިޔާ އާނާއެވެ. ލޮލުގައި ބޮޑު އައިނެއް އަޅާފައިވާއިރު ބޯ ވަނީ ކަޅު ސްކާފަކުން ނިވާކޮށްލާފައެވެ. ހަރަކާތްތަކުން އޭނާ ބަޔަކާ ފިލަން އުޅޭހެން ހީވެއެވެ. އާންމުކޮށް ސެކިއުރިޓީންނާއެކު ފެންނަ އާނާގެ އަރިހުގައި މިއަދު އެކަކުވެސް ނެތެވެ. އިރުއިރު ކޮޅާ އޭނާ ފަހަތް ބަލާލައެވެ. އަދި އިހުނަށްވުރެ ހިނގުމުގެ ދުވެލި ހަލުވި ކޮށްލައެވެ.

ކުޑައިރުއްސުރެ އާނާއަކީ ލަވަކިޔުމަށް ޝައުގު ހުންނަ، ހުނަރުވެރި ކުއްޖެކެވެ. އުމުރުން ދުވަސްވީ ވަރަކަށް ލަވަ ކިޔުމުގެ އުދަރެހުގައި ވިދުންގަދަ ތަރިއަކަށް އާނާ ވެއްޖެއެވެ. ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ލަވަކިޔުމުގެ މުބާރާތުން އެއް ވަނަ ލިބުމުން އޭނާގެ މަޝްހޫރުކަން ދިޔައީ އިންތިހާއަށް ބޮޑުވެގެންނެވެ. ލޯބިވާ މީހުންގެ ލިސްޓު ގިނަވަމުންދިޔަ ވަރަކަށް ހަސަދަވެރިވާ މީހުންގެ ލިސްޓުވެސް ދިޔައީ ދިގުވަމުންނެވެ. ނަމަވެސް މިހާ ހިސާބަށް ކަންތައް ގޮސްފާނޭ ކަމަށް އޭނާގެ ޚިޔާލަށްވެސް ނުގެނެއެވެ.

ޖީބުން ރިންގުވާން ފެށި ފޯނާ ދިމާލަށް އަތް ދިޔައީ ތުރުތުރު އަޅާ ހާލުގައެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އިވިގެން ދިޔައީ ބާރު އަޑުފަށްގަނޑަކާއެކު އޭނާގެ ޕަބްލިސިސްޓުގެ ހަޅޭކުގެ އަޑެވެ. ސުވާލަކަށްފަހު ސުވާލެއް އާނާ އާ ކުރަމުންދިޔައިރު އޭނާގެ ނޭވާ ދިޔައީ ހާސްވަމުންނެވެ. އަދިވެސް އިރުއިރުކޮޅާ ފަހަތަށް ބަލާލެވެއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ފޯނު ކަނޑާލައިފައި ނޫކުލައިގެ ދޮރާއްޓެއްގެ ތެރެއަށް ވަދެގެން ގޮސްފިއެވެ.

ޓީވީ ބަލަން އިން ޝަމްހާގެ ދެ ލޯ ބޮޑުވެފައި އިނީ ސްކްރީނުން މީގެ ވިހި ވަރަކަށް މިނިޓް ކުރިން ފެނުނު މަންޒަރަކުންނެވެ. އެއީ ހަމަ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާނާ ބާވައެވެ؟ އާނާ އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ އިންޓަވިއު ކުރަނިކޮށް ހަޅޭލަވަމުން އެ ބޭލީ ލައިގެން އިން މަތިކޮޅެވެ. ވަގުތުން ދައްކަމުން ދިޔަ ޝޯވ ބަލަމުންދިޔަ އެންމެންނަށް ހާމަވަގެން އެދިޔައީ އާނާގެ ހަށިގަނޑެވެ. ގަސްތުގައި ކުރި ކަމެއް ނަމަ އާނާގެ މޫނުމަތިން ފެންނަ ބިރުވެރިކަމެއް ނުފެންނާނެއެވެ. މިއީ ބަޔަކު ކުރުވާ ކަމެއް ބާވައެވެ؟ ނޫނީ އާނާ ބުއްދި ހަމައިން ގެއްލުނީ ހެއްޔެވެ؟ އޭނާ އިނީ ހަމަ ހޭގައި ނޫނީ ބާވައެވެ؟ ކޮންމެއަކަސް ޝަމްހާ އާނާ އާ ވާހަކަ ދައްކަން ބޭނުމެވެ. ވެގެން އުޅޭ ގޮތެއް އެނގެން ބޭނުމެވެ.

މި ޚިޔާލުތަކުގައި އިންދާ ދޮރުން ވަދެގެން އައި އާނާ ފެނި ޝަމްހާއަށް ލިބިގެންދިޔައީ އިހުނަށްވުރެ ބޮޑު ސިހުމެކެވެ. މުޅި މީހާ ހުރީ ދާ ހިތްލާ ފޯވެފައެވެ. ލައިގެން ހުރީ ދެންމެ ދެއްކި އިންޓަވިއުގައިވެސް ލައިގެން ހުރި އެއްޗެއްސެވެ. އެތަނުން ނިކުތްގޮތަށް، އޭނާގެ ގަދަރާއި އިއްޒަތް އަތަށް ލައިގެން ދުވެފައި އެއައީ ޝަމްހާ ގާތަށެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ގާތަށެވެ. ފަހަތުން ދުވަމުން ދިޔަ ފޮޓޯ ނަގާމީހުންނާއި ނޫސްވެރިންނަށް ރެކެން ލައްކަ މަސައްކަތެއް ކުރިއެވެ. އިރުކޮޅެއް ނުވެ އެމީހުން މި ގެ ވަށާލަފާނެއެވެ.

ހާސް ނޭވާތަކެއް ބޭރުކުރަމުން އާނާ ޝަމްހާގެ އަތުގައި ހިފައިގެން ގެންގޮސް ޝަމްހާގެ ކޮޓަރިއަށް ވެއްދިއެވެ. ވާނުވާ އެނގެން ކެތްމަދުވެފައިހުރި ޝަމްހާގެ ސުވާލުތައް އޮހިގެންދިޔައީ ހިފަހައްޓާލުމެއް ނެތިއެވެ. ބައެއް ސުވާލުތަކުން އާނާގެ މޫނުގެ ކުލަވަރު ބަނަކޮށްލައެވެ. ބައެއް ސުވާލުތަކުން އޭނާގެ ފުރިހަމަ ދެ ބުމަ ގޮއްޖެހި ރުޅިވެރިކަން އެ ކުޑަ ދެ ލޮލަށް ވެރިވެއެވެ. ނަމަވެސް ޝަމްހާ ސުވާލުތައް ކޮށް ނިމެންދެން އާނާ އިނީ ހަނެވެ. ފަށާނީ ކިހާ ހިސާބަކުން، ކޮން ދިމާލަކުން ކަމެއް އޭނާއަކަށް ނޭނގެއެވެ. މި ހުރިހާ ކަމަކީ އޭނާ އަށްވެސް އެހާމެ އާ ކަންތައްތަކެކެވެ.

އާނާ ވާހަކަ ފެށީ އޭނާ ބައިވެރިވި މުބާރާތް ނިމުނު ހިސާބުންނެވެ. ރާއްޖޭގެ ހުރި އެންމެ ޒުވާން، އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމު އޭނާއަށް ލިބުނު ހިސާބުންނެވެ. މީހުންގެ ލޯބި ލިބެން ފެށީ ކުއްލިއަކަށެވެ. އޭނާގެ ފަނޑުވެފައި އަލި، ވިދުންގަދަ ތަރިއަކަށް ބަދަލުވީ ހީވެސް ނުކުރާހާ އަވަހަށެވެ. އާނާއަށް ކާމިޔާބަށް އެދޭ މީހުންނެކޭ އެއްވަރަށް ހަސަދަވެރިވާ މީހުންވެސް ގިނަވަމުންދިޔައެވެ. ގޮތް ނޭނގޭ މީހަކު ކާންދިން އެއްޗަކުން އާނާއަށްވަނީ ސިހުރުވެރި ކަންތައްތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިވާހަކަ އަޑު އަހާފައި ޝަމްހާގެ ދެ ލޯ ބޮޑުވިއެވެ. ގަބޫލުކުރަން ދަތިވިއެވެ. ހަސަދައިގެ އަލިފާނުގެ ހޫނު މިހާ ގަދަ ހެއްޔެވެ؟

ފުރަތަމަ ފެންނަން ފެށީ ބިރުވެރި ހުވަފެންތަކެކެވެ. އުސް އިމާރާތްތަކުން ވެއްޓޭ ތަނާއި، ކަޅު އަނދިރިގަނޑެއް އޭނާ ފަހަތުން އަންނަ ތަނެވެ. ހުވަފެންތަކުން ސަލާމަތް ނުވެވި އުޅެނިކޮށް ދެން ލައިގަތީ އެއަށްވުރެ ބޮޑު މުސީބާތަކާއެވެ. ގޮތް ނޭނގޭ ތަންތަނުން ހޭލެވެނީއެވެ. އަމިއްލަ ކޮޓަރީގައި އަމިއްލަ އެނދުގައި ނިދަން އެރިއަސް ހޭލެވެނީ އެކި އެކި ތަންތަނުންނެވެ. ނުވެސް ދަންނަ ގޯތިތަކުންނެވެ. ބައެއްފަހަރު ކުނި ކޮށިންނެވެ. ވާއެއް ނުވާއެއް އާނާއަކަށް ނޭނގެއެވެ. މި ވާހަކަ ހިއްސާކޮށް އެހީއަކަށް އެދޭނީ ވަކި ކާކުގެ ކައިރިން ކަމެއް އާނާއަކަށް ނުވިސްނުނެވެ. މިހެން ހުއްޓާ ދިރޭ ސޫތްޕާއި ސޫފީގެ އުނދަގޫ ޖެހިއްޖެއެވެ. ބަރަވެއްޔާ، ކުރަތްޕާއި، ނަގުލަންދާށި ގަޔަށް އަރާތީ ފފެންނަނީއެވެ. މިއަދު އިންޓަވިއުގައިވެސް ވީ އެހެންނެވެ. މި ފެންނަ އެއްޗެއް ފެންނަނީ އާނާއަށް އެކަންޏެވެ. އިތުރު އެހެން މީހަކަށް ނުފެނެނެއެވެ. އެހެންކަމުން އޭނާއަށް ވިސްނުނީ މީހެއް ގާތު ބުންޏަކަސް އެކަކުވެސް ގަބޫލެއް ނުކުރާނޭކަން އޭނާއަށް ވިސްނެއެވެ.

ޝަމްހާ ލަފާދިނީ ރުގްޔާ ކިޔަވާށެވެ. ދެވެރިން މީހެއް ހޯދުމަށްފަހު ޤުރުއާނުގެ އެހީގައި ވެގެން އުޅޭ ގޮތެއް ހޯދިއެވެ. ހޯދި ހޯދުމުން އެނގުނު އެއްޗަކީ ބަޔަކު އާނާގެ ކުރިއެރުމާ ދެކޮޅަށް މަސައްކަތްކޮށްފައިވާކަމެވެ. ދިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އާނާއަށް ވަނީ އެތަކެއް ގެއްލުމެއް ލިބިފައެވެ. ހަސަދައަކީ މިއީ ހެއްޔެވެ؟

ކޮންމެއަކަސް ނަމާދުކޮށް ގުރުއާނުގެ އެހީގައި އާނާއަށް ފެންނަ ބިރުވެރި ހުވަފެންތަކާ ދުރުވެވެއެވެ. ނަމަވެސް އަދިވެސް އެ ބިރު އޭނާގެ ހިތުން ނުދެއެވެ. މުޖުތަމައުގައި ބޮޑު ޖޯކަކަށް އޭނާވެއްޖެއެވެ. ހަގީގަތް ކިޔައި ދިނަސް އާންމުން ގަބޫލެއް ނުކުރާނެއެވެ. ކޮންމެވެސް ދޮގެއް ހަދާލީއޭ ކިޔާ ވާހަކަ ހިންދާލާނާއެވެ. މަޑުމަޑުން އާނާގެ މަޝްހޫރުކަން ފަނޑުވަމުން ދިޔައެވެ. ނަމަވެސް އޭނާއަށް އެއްވެސް ފަރުވާލެއް ނެތެވެ. އޭނާއަށް މިހާރު ފެންނަނީ ނިދުމަށް ހިތްވަރު ލިބޭ ހުވަފެންތަކެވެ. ގޮތްނޭނގޭތަންތަނުގައި ހޭލެވުން ހުއްޓިއްޖެއެވެ. ދިރޭ ސޫފިތައް ފެނުން މަދުވެއްޖެއެވެ. ލޯބިވާ މީހުންގެ ލިސްޓު ކުރުވެއްޖެއެވެ.

ނަމަވެސް އާނާ ހުރީ އުފަލުންނެވެ. އޭނާގެ މައްޗަށް ހަސަދަވެރިވާ މީހުންގެ މައްޗަށް ކުރިހޯދުނީމައެވެ.