ދުނިޔޭގެ އެކި ހިސާބުތަކުގައި އިއްޔެ ތިމާވެށީގެ ދުވަސް ފާހަގަކުރިއިރު ސޭންޑް އާޓިސްޓަކު ވަނީ ގޮނޑުދޮށުގައި އެއްލާލާފައި ހުންނަ ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ބޮޑު ވެލައެއް ތައްޔާރުކޮށް އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ސްދާސަން ޕަޓްނައިކް ނަމަކަށް ކިޔާ މި ސޭންޑް އާޓިސްޓް، ވެލާ ތައްޔާރުކޮށްފައި ވަނީ އޮދިށާ ޕުރީގެ ގޮނޑުދޮށުގައި އެވެ.

ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން އެ ވެލާ ތައްޔާރުކުރިއިރު މެސެޖެއްގެ ގޮތުގައި ކައިރީގައި ވަނީ "ބީޓް ދަ ޕްލާސްޓިކް" މި ފަދައިން ޖަހާފައި އެވެ. ސްދާސަން ބުނިގޮތުގައި އޭނާ މި ވެލާ ތައްޔާރުކުރީ، ޕްލާސްޓިކްގެ ސަބަބުން މަރުވަމުންދާ ވެލާތައް މަރުވާ މިންވަރު ހާމަކޮށްދީ ޕްލާސްޓިކް މަދުކުރުމަށް މީހުން ހޭލުންތެރި ކުރުމަށްޓަކައެވވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ކަނޑަށް އެޅޭ ޕްލާސްޓިކްގެ ތެރޭގައި 7.5 މިލިޔަން ޓަން ހިމެނޭއިރު ގިނަ އަދަދަކަށް ވެލާ، ބޮޑުމަސް ފަދަ ހިމާޔަތްކުރެވިފައި ހުންނަ ތަކެތި ލައްގާފައި ހުރެއެވެ.

މޫދަން ކުނިއެޅުން އިންތިހާއަށް އިތުރުވަމުންދާއިރު މިކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިތުރު ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް މޫދަށާއި ގޮނޑުދޮށަށް ކުނި ނާޅަން އާދަކުރުމަށް ސްދާސަން ވަނީ ނަސޭހަތްތެރިވެފައެވެ.