އެމެރިކާގެ ޕެންސަލްވޭނިއާ އިން އާދަޔާ ޚިލާފު ވައްތަރެއްގެ ދޫންޏެއް ފެނިއްޖެއެވެ. އެ ދޫންޏަކީ އެއްބައި ފިރިހެން އަނެއްބައި އަންހެން ދޫންޏެކެވެ.

މި ދޫނީގެ ފޮޓޯ އެއް މިހާރު މީސްމީޑިއާގައި ދަނީ އާންމުވަމުންނެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެކެވެ. ޖިންސު މަސްހުނިވެފައިވާ ދޫނި ފެންނަނީ ވަރަށް މަދު ފަހަރެއްގައެވެ.

ކާޑިނަލް ކިޔާ ދޫނީގެ ވައްތަރަކަށް ނިސްބަތްވާ މި ދޫނިތަކުގެ ތެރެއިން ފިރިހެން ދޫނި ހުންނަނީ ރަތް ކުލައިގައެވެ. އަންހެން ދޫނި ހުންނަނީ މަޑު މުށި ކުލައެއްގައެވެ. އާއްމުވެފައިވާ ދޫނިން އެ ދެ ކުލަ ވެސް ފެންނާތީ އެއީ ދެ ޖިންސު މަސްހުނިވެފައިވާ ދޫންޏެއްކަން ހާމަވެއެވެ.

އެ ދޫނީގެ ފޮޓޯ ނަގާފައި ވަނީ ރިޓަޔަކޮށްފައިވާ އޮނިތޮލޮޖިސްޓެއް ކަމަށްވާ ޖޭމީ ހިލްއެވެ. އޭނާ ބުނީ މިއީ މިލިއަނަކުން އެއްފަހަރުވެސް ނުފެންނާނެ ފަދަ ގުދުރަތުގެ ފުރިހަމަ އުފެއްދުމެއް ކަމަށެވެ.

އެ އާދަޔާ ޚިލާފު ދޫންޏަކީ ޕެންސަލްވޭނިއާގައި ދޫނިތަކަށް ކާންދީ އުޅުނު ހިސާބަކަށް ގޮސް އުޅުނު ދޫންޏެއް ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ. އެންމެ ފުރަތަމަ އެ ދޫނި ފެނުމުން ބެލެވުނީ އެ ދޫނީގެ ބައެއް ފަތްތަކުގެ ކުލަ ފަނޑުވެ، ކުލަ ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ ދޫނީގެ ފޮޓޯތައް ނެގުމަށް ފަހު ބެލި ބެލުމުން އެ ދޫންޏަކީ ދެ ޖިންސަށް ނިސްބަތްވާ ދޫންޏެއްކަން ޔަގީންވިއެވެ.

އެއްބައި އަންހެން އަދި އެއްބައި ފިރިހެން ދޫނިތައް ބޭރުފުށުން ވަކިކުރަން އެނގޭނެހެން ހުންނަނީ ވަރަށް މަދު ފަހަރެއްގައި ކަމަށް ވެސްޓާން އިލިނޮއިސްް ޔުނިވަރސިޓީގެ ޕްރޮފެސަރު ބްރިއަން ޕިއަ ވަނީ ބުނެފައެވެ. އަދި ގިނަ ފަހަރު އެ ހާލަތު ހުންނަ ދޫނިތަކުން އެކަން ބޭރު ފުށަށް ދެނެ ނުގަނެވޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއްލާ

    ދޮއްތުއްތު ދޫނި ނުވަތަ ތައުފީގު ދޫނި