ބަތަލާ އަނުޝް ޝަރުމާއާއި ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއަކީ އެ ދެމީހުން ރައްޓެހިވެގެން އުޅުނުއިރުއްސުރެން ފެށިގެން ކައިވެނި ކުރުމާއި ހަމައަށް ގުޅުން ސިއްރުކޮށްފައިވާ ދެ ފަންނާނުންނެވެ.

އަމިއްލަ ދިރިއުޅުން އެންމެންނާ ހިއްސާ ކުރަން ބޭނުން ނުވާ އަނުޝްކާއާއި ވިރާޓްގެ ކައިވެނީގެ ތައްޔާރީތައް ކުރުމުގައި އިސްކޮށް އުޅުނީ އަނުޝްކާއެވެ. އަދި މި ތައްޔާރީތައް ކުރިއަށް ދިޔައިރު ވިރާޓްގެ އަސްލު ނަމުގެ ބަދަލުގައި އަނުޝްކާ ބޭނުން ކޮށްފައިވަނީ ''ރާހޫލް'' މި ނަމެވެ. އަދި ތައްޔާރީތަކަށް ބޭނުންކުރި އީމެއިލްއަކީ ވެސް އަސްލު މެއިލް ނޫން ކަމަށް ވެސް އަނުޝްކާ ވަނީ ބުނެފައެވެ.

މިގޮތަށް ވިރާޓްއަށް އެހެން ނަމެއް ބޭނުން ކޮށްފައިވަނީ އެމީހުންގެ ކައިވެނީގެ ކަންތައްތައް މީހުންނަށް ނާންގަން ކަމަށް ވެސް އަނުޝްކާ ބުނެފައިވެއެވެ.

އަނުޝްކާ ކައިވެނި ކުރިތަން ވެސް ހާމަ ކޮށްފައިވަނީ ކައިވެންޏަށް ފަހުގައެވެ. އަދި ކައިވެނީގެ ފަހުން ވިރާޓް ބުނެފައިވަނީ ހުރިހާ ކަމެއް ސިއްރު ކޮށްގެން އަދި ކައިވެނީގެ ހުރިހާ ކަމެއްގެ ތައްޔާރީތައް ވެސް އަނުޝްކާ ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

އަނުޝްކާއާއި ވިރާޓްއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުމުން ވެސް އެ ދަރިފުޅު މީޑިއާ ތަކާއި ދުރުކޮށްގެން އުޅެން ބޭނުންވާ މި ދެމަފިރިން ވަނީ ފޮޓޯނަގާ މީހުންނަށް ހަދިޔާއަކާއި އެކު ''ޕްރައިވެސީ'' ދިނުމަށް އެދިފައެވެ.

ދަރިފުޅުގެ ކަންތައްތައް ބެލުމުގައި އަނުޝްކާ ފިލުމީ މަސައްކަތްތަކާއި ދުރުގައި ހުރި ނަމަވެސް ވިރާޓް މިހާރު ވަނީ އޭނާގެ މަސައްކަތް ފަށައިފައެވެ. ބްރޭކެއް ނެގުމަށްފަހު އެންމެ ފުރަތަމަ ކުޅުނު މެޗު ބަލައިލަން އަނުޝްކާއާއި ވަމިކާ ބައިވެރިވާނެ ކަމުގެ އަޑުތައް ވެސް ވަނީ އަރާފައެވެ.