ބޮލީވުޑުގެ އެކްޓަރ ރިތިކް ރޯޝަންއާއި ބަތަލާ ކަންގަނާ ރަނައުޓުގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން 2016 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައިގެ ބަޔާން ނެގުމަށް އިއްޔެ މުމްބާއީގެ ފުލުހަށް ރިތިކް ހާޟިރު ކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިން އޮފިސަރ ބުނެފައިވަނީ ކަންގަނާ ރަނައުޓުގެ ނަމުގައި ރިތިކްއަށް ފޮނުވާފައިވާ 950 އީމެއިލްގެ ތެރެއިން 350 މެއިލްއެއްގެ މައްސަލަތައް މިހާރު ދަނީ ބަލަމުން ކަމަށެވެ. މި 950 މެއިލް ވެސް ފޮނުވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާއި ދެމެދުގައި ކަމަށް ވެސް އޮފިސަރ ބުނެފައިވެއެވެ.

ކަންގަނާއާއި ރިތިކްގެ މެދުގައި ހަމަނުޖެހުން ފެށިފައިވަނީ ކަންގަނާއާއި ލޯބީގެ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ރިތިކް ބުނުމުންނެވެ. ނަމަވެސް ކަންގަނާ ބުނެފައިވަނީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އެތައް ހެކިތަކެއް ވެސް ދީފާނެ ކަމަށެވެ.

މި މައްސަލަ ހިނދިފައިވަނިކޮށް އަލުން ފެށުނީ 2020 ވަނަ އަހަރު ޑިސެމްބަރު މަހު ކަންގަނާ ކުރި ޓްވީޓުގެ ސަބަބުންނެވެ.މި ޓްވީޓުގައި ކަންގަނާ ބުނެފައިވަނީ ރިތިކްއާއި ސުޒޭން ވަރިވިތާ އެތައް ދުވަހެއްވި ކަމަށާއި އަދި ރިތިކްއާއި ކަންގަނާ ރުޅިވިތާ ވެސް އެތައް ދުވަހެއް ވީ ނަމަވެސް އަދިވެސް އެހެން އެއްވެސް މީހަކާއި އެކު ރިތިކް އެއްވެސް ގުޅުމެއް ނުބާއްވ ކަމަށާއި އަދި ރިތިކްއަށް ޓެގްކޮށް ބުނެފައިވަނީ އާދައިގެ ގުޅުމަކާއި ހުރެ އެ ވަރަށް ރޯން ނުވާނެ ކަމަށް ވެސް ކަންގަނާގެ މި ޓްވީޓްގައިވެއެވެ.

މި މައްސަލައިގެ ނިމުން އަންނާނެ ގޮތެއް ނޭނގޭ ނަމަވެސް ކަންގަނާއަށް ގާނޫނީ ގޮތުން އަންނަ މައްސަލަތައް ހުއްޓޭނެ ދުވަހެއް އަންނާނެތޯ ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ.