އަހަރުމެން މުސްލިމުންނާ އެންމެ އަވަހަށް ދެން ބައްދަލު ވާނީ ރަމަޟާން މަހެވެ.

ރަމަޟާން މަހަކީ ރޯދަ ހިފުމުގެ ސަބަބުން އެތައް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެތައް ހާސް ދަރުމައެއް ލިބޭ އަދި އަހަރު ތެރޭގައި އަންނަ އެންމެ މާތް މަހެވެ. އަހަރުމެން ހުރިހާ މުސްލިމުން އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރާ މަސްވެސް މެއެވެ. މިގޮތުން ގިނަ ގުނަ ފައިދާތައް ރޯދައިން ލިއްބައިދޭ އިރު، ރޯދައަކީ އިންސާނާގެ ސިއްހަތަށް އެތައް ފައިދާއެއް ލިއްބައިދޭ އަޅުކަމެއް ކަމަށް އެތައް ހޯދުންތަކުން އެނގިފައިވެއެވެ.

ރަމަޟާން މަހާއި ކައިރިވެފައިވާއިރު ރަމަޟާން މަހުގެ އެންމެ ފުރަތަމަ ދުވަސްކޮޅު ބައެއް މީހުންނަކީ ކެއުމަށާއި ދިރިއުޅުމަށް އެ އަންނަ ބަދަލުތަކުގެ ސަބަބުން ބައެއް ފަހަރު އަހަރުމެން ވިސްނަންޖެހޭ ކަންތައްތައް ހުރެއެވެ.

މިގޮތުން އެންމެ ކަންބޮޑުވާ އެއްކަމަކަށް ވެފައި އޮންނަ ކަމަކީ އަނގައިން ވަސް ދުވާތީއެވެ.

އެގޮތުން ރޯދަ ހިފައިގެން ހުންނަ ވަގުތުގައި ގިނަ މީހުންގެ އަނގައިން ނުބައި ވަސް ދުވުން މިއީ ދިމާވާ ކަމަކެވެ. ނޭވާލާ ކޮންމެ ފަހަރަކު އެ ވަހުގެ ސަބަބުން އުނދަގޫތަކާ ކުރިމަތި ލާންޖެހޭ މީހުން އަހަރުމެންގެ ތެރޭގައި ވަރަށް ގިނައެވެ.

އަހަރުމެންގެ ތެރޭގައި ބައެއް މީހުންނަށް ރޯދަ ހިފުމުގެ ސަބަބުން ނޭވާ ލުމުގައި މިކަންތައް ދިމާ ނުވެއެވެ. ނަމަވެސް މި އުނދަގުލާ ކުރިމަތިލާން ޖެހިފައިވާ މީހުން މަދެކޭވެސް ބުނެވެން ނެތެވެ.

ސިޑްނީގެ ހޮލިސްޓިކް ޑެންޓިސްޓް ސެންޓަރުގެ ދަތުގެ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރު ލެވިސް އާލިކް ވަނީ މިހެން ކަންތައް ދިމާ ވާންޖެހެނީ ކީއްވެގެން ކަން އަދި މިކަމުން ސަލާމަތް ވާން ކުރެވިިދާނެ ކަންތައް ހުރިތޯ ބަލައި ހޯދައިފައެވެ.

ރަމަޟާން މަހުގައި އާއި އަދި ބައެއް އެހެނިހެން ދުސްތަކުގައި ރޯދަ ހިފައިގެން ހުރުމުގެ ތެރޭގައި ވަސް ދުވަން މެދުވެރިވަނީ ކާން ބޭނުން ކުރަމުންދާ އެއްޗެހީގެ ސަބަބުންނެވެ. ޑޮކްޓަރު އާލިކް ބުނާގޮތުގައި އެކި މީހުންނަށް މިކަން ދިމާ ވަނީ އެކި ގޮތަށެވެ.

ޑޮކްޓަރ އާލިކް ބުނާ ގޮތުގައި މިފަދަ ކަންތައް ދަތް ސާފު ކުރަން ޖެހޭ މިންވަރަށް ސާފު ނުކުރެވޭތީއެވެ. ގިނަ ފަހަރަށް ހަކުރުބަލީގެ ސަބަބުން ހިރުގަނޑުގައި ހުންނަ ބަލިކަން ފަސޭހަ ނުވެ ހުރުމުން ވެސް މިކަންތަކާ ކުރިމަތިލާން ޖެހެއެވެ.

ގިނަ ފަހަރަށް ނޭވާލާ އިރު ވަސް ދުވަން މެދުވެރިވާ އަނެއް ކަމަކީ ހިރުގަނޑުގައި ހުންނަ ބައްޔެއްގެ ސަބަބުން ކަމުގައިވެސް ވެއެވެ. މިހެން މިކަން އޮތް ކަމުގައިވިޔަސް ރޯދަ ހިފުމުގެ ސަބަބުން އުނދަގޫ ވާ ފަދަ ވަހެއް ހުރުން އެއީ މާ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމައް ނޫނެވެ. އެއީ ކޮންމެހެން ބައްޔެއް ހުރުމުގެ ސަބަބުން ދިމާވާ ކަންތައްތަކެއް ނޫނެވެ.