ދެމަފިރިން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅުމަށް ވަރަށް ގިނަ ޝަރުތުތައް ފުރިހަމަ ވާން ޖެހެއެވެ. އެޝަރުތުތައް ލިސްޓްކުރާނަމަ އެއްވަނަ ނުވަތަ ދެވަނަ އިން ޖާގަ ހޯދާނީ އެކަކު އަނެކަކަށް ކުރާ އިތުބާރު ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ސުވާލަކީ ދެމީހުން ކުރެ އެކަކުވެސް އަނެއް ބައިވެރިޔާ އަށް ފުރިހަމަ އަށް އިތުބާރު ނުކުރެވޭ ނަމަ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ހެއްޔެވެ؟

އިތުބާރު ނުކުރެވޭނަމަ އޭގެ މާނައަކީ އޭނާ ބުނާ އެއްވެސް ވާހަކައެއް ތިބާއަށް ގަބޫލެއް ނުކުރެވެއެވެ. އަބަދުވެސް ހިތުގައި ކޮންމެވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނުވަތަ ބިރުވެރިކަމެއްގެ އިހްސާސް އޮންނާނެއެވެ.

އިތުބާރު ނުކުރާ ހިސާބަށް ދެމީހުންގެ ކަންކަން ދިއުމުން އެކަކު އަނެކަކަށް އެންމެ ރަނގަޅަށް އިޙްތިރާމެއް ނުކުރެވެއެވެ. އޭނާއަށް ތިބާ ކުރާ އިތުބާރު ގެއްލުނީ ދޮގު ހެދުމުން ނުވަތަ ބޭވަފާތެރިވުމުން ކަމުގައި ވާނަމަ ދެން އޭނާ އަށް އިޙްތިރާމް ކުރުމަކީ ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.

އިތުބާރު ނުކުރެވޭނަމަ އޭނާގެ ކަންކަމަށް މާބޮޑު ސަމާލުކަމެއް ވެސް ނުދެވޭނެއެވެ. އޭނާ ވެސް މުހިންމު ނުވާނެ ފަދައިން އޭނާ ކުރާ ކަންތައްތަކާއި، އޭނާ ކުރަން ބޭނުންވާ ކަންތައްތަކެއް ވެސް މުހިންމެއް ނުވާނެއެވެ.

ގުޅުމެއް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް ކަންކަމުގައި މަޝްވަރާ ކުރެވި ދެމީހުން އެކަކު އަނެކަކަށް ވަގުތު ދޭން ޖެހެއެވެ. ނަމަވެސް އިތުބާރު ނުކުރެވޭ މީހަކާއި ކަމަކާއި ބެހޭ ގޮތުން އެންމެ ރަނގަޅު މަޝްވަރާއެއް ނުކުރެވޭނެއެވެ. އަދި އޭނާ ބޭނުންވާ ވަރަކަށް އޭނާ އަށް ވަގުތެއް ވެސް ނުދެވޭނެއެވެ.

އެހެންކަމުން އިތުބާރު ނުކުރެވޭ ދެމަފިރިއަކު އެކުގައި އުފާވެރި ދިރިއުޅުމެއް އުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ނަމަވެސް ގެއްލިފައިވާ އިތުބާރު އަލުން ހޯދޭނެ ގޮތްތައް ވެސް ހުރެއެވެ. އެވާހަކަތައް އެހެން ފުރުސަތެއްގައި ލިޔާނީއެވެ.

ކިޔުންތެރިންގެ ހިޔާލު