ސިންގަޕޫރުގައި ހޮޓަލެއްގައި ކަރަންޓީނުގައި ހުރި މީހަކު، ނުކުމެ އަނބިމީހާއާ ބައްދަލުކުރުމުން ހަ މަސް ދުވަހަށް ޖަލަށް ދާން ޖެހިއްޖެއެވެ.

ނިގެލް ކިއާ 52، ނަމަކަށް ކިޔާ އިނގިރޭސި ވިލާތުގެ ރައްޔިތަކު ޖަލަށްދާން ޖެހުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ތިން ފަހަރެއްގެ މަތިން ބޭރަށް ނުކުމެ ސިންގަޕޫރަށް އުފަން ލޯބިވެރިޔާ އަގަތަ މަގޭޝް އެޔަމަލައި އާ ބައްދަލު ކުރި މައްސަލައިގައެވެ.

އޭނާގެ ލޯބިވެރިޔާ ހުރީ ހަމަ އެ ހޮޓަލްގައި ވަކިން ކޮޓަރިއެއް ހިފައިގެން ކަމަށްވެއެވެ.

އެޔަމަލައި 39، ކިއާއާ ކައިވެނިކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ކިއާ، ލޯބިވެރިޔާއާ ބައްދަލު ކުރި އިރު ހުރީ މާސްކް ވެސް ނާޅައެވެ. ސިންގަޕޫރުގައި ދިރިއުޅޭ ކޮންމެ މީހަކު ވެސް މާސްކް އެޅުން އޮތީ މަޖުބޫރުކޮށްފައެވެ.

ސިންގަޕޫރުގައި އޮންނަ ގޮތުން، އެ ގައުމަށް އަންނަ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ. ކަރަންޓީނާ ހިލާފުވާ މީހުންނަށް އަދަބެއްގެ ގޮތުގައި އޮންނަނީ ހަ މަހަށް ޖަލަށްލުން ނުވަތަ ސިންގަޕޫރުގެ 1،000 ޑޮލަރުން ޖޫރިމަނާ ކުރުމެވެ.

ކޮވިޑް-19 އާ ދެކޮޅަށް ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވެގެން ބައެއް މީހުން ޖަލަށް އަދި ޖޫރިމަނާ ވެސް ކޮށްފައިވެއެވެ. އަދި ބައެއް މީހުންގެ ވޯކް ޕާމިޓް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ސިންގަޕޫރުގައި ކޮވިޑް-19 ފެތުރުން މިހާރު އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.