ސައިކަލު ދުއްވަމުން ދާ އިރުގައި ފަހަތަށް އެނބުރި ބެލުމުގެ ބަދަލުގައި އައިނުގެ ފޯކަސް ބަދަލު ކޮށްލައިގެން ފަހަތް ފެންނަ ކަހަަލަ އައިނެއް އުފައްދައިފިއެވެ.

މި އައިނު އުފައްދާފައި ވަނީ 2016 ވަނަ އަހަރު އޮލިމްޕިކް ގޯލްޑް އަދި ސިލްވާ މެޑަލް ލިބިފައިވާ ކެލަމް ސްކިނާ އާއި އެލެކަސް މެކްޑޮނާލްޑެވެ. މި އައިނު އުފައްދާފައިވަނީ ކިކްސްޓާޓާ ކެމްޕެއިން މެދުވެރިކޮށް 100,000 ޕައުންޑް ހޯދައިގެންނެވެ.

28 އަހަރުގެ ކެލަމް ސްކިނާ، އުފައްދާފައިވާ މި އައިނުގެ އަގަކީ 199.99 ޕައުންޑެވެ. ޓޫ ޕާޓް އޭންގަލް ލެންސު ހުންނަ މި އައިނުގައި ބޭނުން ކޮށްފައި ވަނީ ސެމީ ޓްރާންސްޕޭރެންޓް ލޯގަނޑެކެވެ.

ކެލަމް ސްކިނާ އާއި އެލެކްސް މެކްޑޮނާލްޑް

މި އުފެއްދި މީހުންގެ އުންމީދަކީ އެ އައިނުގެ ސަބަބުން ސައިކަލު ދުއްވާ މީހުންނަށާއި ދުވާ މީހުންނަށް ފަސޭހަތަކެއް ވެގެން ގޮސް ސައިކަލު ދުއްވާއިރު ރައްކާތެރި ވުމެވެ.

ސްކިނާ ބުނެފައިވަނީ ސައިކަލު ދުއްވާ މީހެއްގެ ހައިސިއްޔަތުން، ސައިކަލު ދުއްވާއިރު މަގުމަތީގެ ރައްކާތެރި ކަމުގެ މުހިންމުކަން އެނގި އެކަމަށް ސަމާލުކަން ދޭ ކަމަށެވެ.

މި އައިނު އުފައްދާފައި ވަނީ ދުއްވަމުން ދާއިރު ފަހަތަށް އެނބުރިގެން ބެލުމުގެ ބަދަލުގައި ފަސޭހަ ގޮތަކަށް ފަހަތް ބެލޭނެ ގޮތަކަށެވެ. މި އައިނުން ދުއްވަމުން ދާއިރު މަގުގެ ކުރި އަދި ފަހަތް ބެލޭނެ ގޮތް ވެގެން ދިޔުުމުން ދުއްވާ މީހާޔަށް ވަރަށް ފަސޭހަ ވެގެން ދާނެއެވެ.

ކެލަމް ސްކިނާ ވަނީ 2019 ވަނަ އަހަރު ކުޅިވަރުން ރިޓަޔާރ ވެފައެވެ. އޭނާ ބުނެފައިވަނީ އެ ނިންމުމަކީ ކުޅިވަރު ކުޅޭ މީހުންނަށް އެކި ގޮތް ކޮތުން ކުރި އެރުން ހޯދަދޭން މަސައްކަތް ކުރުމަށް ކަމުގައެވެ.