ބޮލީވުޑުގެ އެކްޝަން ފިލުމުތަކުން އެންމެ ފާހަގަ ކޮށްލެވޭ އެކްޓަރ ޖޯން އަބްރަހަމްއަށް އެކްޝަން ސީންއެއް ކުޅުމަކީ ލަވައެއް ކުޅުން ފަދަ ކަމެއް ކަމަށް ޖޯން ބުނެފިއެވެ.

''ބައެއް އެކްޓަރުންނަށް ބޭނުން ވާނީ ނަށަން. އަހަރެން ބޭނުން ވަނީ އެކްޝަން. އެކްޝަންއަކީ އަހަރެންގެ ނެށުން. އެއީ އަހަރެންނަށް އައިޓަމް ސޯންގްއެއް'' ޖޯން އަބްރަހަމް ބުނެފައިވެއެވެ.

ޖޯން އަބްރަހަމްގެ ކުރިއަށް އޮތް އެއް ފިލުމު ކަމަށްވާ ސަންޖޭ ގުޕްތާގެ ފިލުމު ''މުމްބާއީ ސާގާ'' އަކީ އެކްޝަން ފިލުމެކެވެ. މި ފިލުމުގައި ވަރަށް ވަރުގަދަ 3 އެކްޝަން ސީންއެއް އޮންނާނެ ކަމަށް ވެސް ޖޯން ބުނެފައިވެއެވެ.

''މުމްބާއީ ސާގާ'' ގައި ޖޯންއާއި އެކު އިތުރަށް ފެނިގެންދާނީ އިމްރާން ހަޝްމީއާއި ސުނިލް ޝެޓީއާއި ޖެކީ ޝްރޯފް އަދި ކާޖަލް އަގަރްވާލްއެވެ. މީގެއިތުރުން ވެސް ޕްރަތިކް ބާބަރއާއި ރޯހިތު ރޯއީއާއި އަންޖަނާ ސުޚާނީ އަދި ގުލްޝަން ގްރޯވަރ ވެސް ފެންނާނެއެވެ. މި ފިލުމަކީ ޖޯންއާއި އިމްރާން އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލުމެވެ.

މި ފިލުމުގައި ޖޯން ދައްކުވައިދޭނީ މުމްބާއީގައި އުޅޭ ގޭންގް ސްޓަރއެއްގެ ރޯލެވެ. އަދި އިމްރާން ދައްކުވައިދޭނީ މި ގޭންގް ސްޓަރ މަރައިލައިގެން 10 ކްރޯރް ރުފިޔާ ހޯދުމަށް މަސައްކަތް ކުރާ ފުލުސް އޮފިސަރެއްގެ ރޯލެވެ.

ކޮންމެ ފުލުމެއްގައި ވެސް ތަފާތު އެކްޝަންއެއް ދައްކައިދެނީ ކިހިނެއްތޯ ސުވާލު ކުރުމުން ޖޯން ބުނެފައިވަނީ އެއީ ވަރަށް އުދަނގޫ ކަމެއް ކަމަށާއި ހުރިހާ ކަށިތަކަކަށް ވެސް އަނިޔާ ލިބޭ ކަމެއް ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ވެސް ތަފާތު އެކްޝަންއެއް ދައްކުވައިދެވޭތޯ ވަރަށް މަސައްކަތް ކުރާ ކަމަށެވެ.

މުމްބާއީ ސާގާ ތިއޭޓަރ ތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.