އޮޕަރޭޝަނެއްގެ މެދުތެރެއިން އެމެރިކާގެ ޑޮކްޓަރަކު ކޯޓުގައި ކުރިއަށްދިޔަ އޮންލައިން އަޑުއެހުމަކަށް އެރި މައްސަލަ ބަލަން ފަށައިފިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ މެޑިކަލް ބޯޑުން ބުނެފައިވަނީ އޮޕަރޭޝަނެއްގެ މެދުތެރެއިން ޑޮކްޓަރަކު އޮންލައިން ބައްދަލުވުމަކަށް އެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އޭނާގެ އެ އަޑުއެހުމަކީ ވެހިކަލް ޖޫރިމަނާ އަކާއި ގުޅިގެން ބޭއްވި އަޑުއެހުމެއް ކަމަށް ވެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑރ. ސްކޮޓް ގްރީން ނަމަކަށް ކިޔާ އެޑޮކްޓަރުގެ އަޑު އެހުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ކޮވިޑް-19ގެ ސަބަބުންނެވެ. އެހެން ކަމުން އޭނާ އެ އަޑުއެހުމަށް އެރިއިރު ހުރީ އޮޕަރޭޝަން ކުރުމަށް އަޅާ ހެދުން އަޅައިގެން އޮޕަރޭޝަން ކުރާ ކޮޓަރީގައެވެ.

އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ބަލި މީހާގެ ހަށިގަނޑާއި ގުޅާފައިވާ ބައެއް މެޝިންތަކުގެ އަޑުވެސް ވީޑިއޯތަކުން އިވޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެ ވީޑީއޯއިން ކޯޓު އޮފިސަރު އޭނާ ކައިރިން އަޑުއެހުމަށް ތައްޔާރުތޯ އެހުމުން ބުނެފައިވަނީ އޮޕަރޭޝަން ކޮޓަރީގައި އޭނާ ހުރި ކަމަށެވެ. އެހެން ނަމަވެސް އެ އަޑުއެހުން ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ އަޑުއެހުމަކީ އާންމުންނަށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުން އޮންލައިން ކޮށްފައިވަނީ ޓްރެފިކް ވަޔޮލޭޝަން މައްސަލައެއް ކަމުން އާންމުންނަށް އޭގެން ވާނުވާ އަންގަން ވެގެންނެވެ. އެހެން ނަމަވެސް އަޑުއެހުން ކުރިއަށްދިޔަ ވަގުތު އޭނާ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކަން ވަނީ އެނގިފައެވެ.

މެޑިކަލް ބޯޑުން ބުނެފައިވަނީ ޑޮކްޓަރުންގެ އަމަލު ހުންނަން ޖެހެނީ އެގޮތަށް ނޫން ކަމަށާއި ބަލި މީހާއާއި އަށް އަޅާލުމުގައި ވަކި މިންގަނޑެއް ޑޮކްޓަރުން ގެންގުޅުން ޖެހޭ ކަމަށެވެ.