ދިވެހި ފިލްމީ އުދަރެހުން ބޮޑު ބަދަލުތައް ގެނައި އެއް ފިލްމު ކަމަށްވާ "ދެރިޔާގެ" ދެވަނަ ބަޔެއް ނެރުމަށް ނިންމައިފިއެވެ.

ޕީއެސްއެމްގެ ދިވެހި އެފްއެމުން ގެނެސްދޭ "ފެމްލީ އަލްބަމް" ޝޯގައި ވާހަކަދައްކަވަމުން ފިލްމު ދެރިޔާގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ބުނީ ދެރިޔާގެ ދެވަނަ ބައެއް ތައްޔާރުކުރުމުގެ ވިސްނުމުގައި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ފިލްމުގެ ވާހަކަ ލިޔުމުގެ މަސައްކަތް ކުރަމުން ދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދެ ލަވައެއްގެ ރިކޯޑިން ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

މުހައިމިން ބުނީ މި ފިލްމުގައި ވެސް ވިސްނުން ގެންގުޅުނީ ފުރަތަމަ ފިލްމުގައި މުހިއްމު ރޯލެއް އަދާކުރެއްވި ހަސަން މަނިކު(ކޮއްޔަ) އަށް މުހިއްމު ރޯލެއް ދިނުމަށް ކަމަށެވެ. ނަމަވެސް ހަސަން މަނިކު ގެއްލިގެންދިޔަ ދިޔުމަކީ މުޅި ފިލްމީ ދައިރާއަށް ލިބިގެންދިޔަ ބޮޑު ހުސްކަމެއްކަމަށް އޭނާ ބުންޏެވެ.

ކޮއްޔަ ހަސަން މަނިކު މި ދުނިޔެއާ ވަކިވީ ކޮވިޑް ބަލީގައެވެ.

އަބްދުލް މުހައިމިން ޕްރޮޑިއުސްކޮށް މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓް ކުރި ދެރިޔާ ސިނާމަތަކަށް ނުކުތީ 1994 ވަނަ އަހަރުއެވެ. އެ ފިލްމާއި އެކު ދިވެހި ފިލްމީ މަސްރަހު މުޅިން ބަދަލުކޮށްލިއިރު ކުރީގެ ފިލްމުގައި މަސައްކަތްކުރި ބައެއް ތަރިންނަށް، ފިލްމުގެ ދެވަނަ ބައިންވެސް ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް މުހައިމިން ބުންޏެވެ.

"މިއީ އަޅުގަނޑުގެ އެނބުރި އައުމަކަށް ވެދާނެ. އަޅުގަނޑު ދަންނަވާފައި އޮންނާނެ ސިޔާސީ ދައިރާއިންނާއި ފިލްމީ ދައިރާއިން ދެން ނުފެންނާނެކަމަށް. ދެން އެކަމަކު މިހިތަށް އަރަނީ ސިޔާސީ ދާއިރާއިން ނުފެނުނަސް ފިލްމީ ދައިރާއިން ފެނިލަންވެއްޖެއޭ. އެހެން ހީކޮށް އަޅުގަނޑު މި މަސައްކަތް ކުރަނީ." މުހައިމިން ބުންޏެވެ.

އަލީ ޚާލިދާއި ހައްވާ ޒާހިރާ ލީޑް ރޯލުން ފެނިގެންދިޔަ މި ފިލްމުގައި ކޮއްޔަ ހަސަން މަނިކާއި މަރިޔަމް ވަހީދާ އާއި ހައްވާ ރިޔާޒާއާއި އާރިފާވެސް މުހިއްމު ރޯލަތަކުން ފެނިގެންދިޔައެވެ. އަދި މި ފިލްމު ވަނީ އެ އަހަރުގެ ގައުމީ އެވޯޑުގައި 8 އެވޯޑް ހާސިލުކޮށް، އެންމެ މޮޅު އަންހެން އެކްޓަރެސް އާއި އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ފިލްމުގެ އެވޯޑްވެސް ހޯދައިފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިލްމްފޭރޭ

    ފޮނި، ނުކަނޑުއްވާ! ނުވާނެ ތިކަމެއް!

    8
    5
  2. ޅަބޭ

    އޯއް ސަޅި. 2 ވަނަ ޕާޓުގަ ތަންކޮޅެއް ގިނައިން ސެންސަރު ސޮޓުތައް ހިމާނާލާތި، އޭރުން ޒުވާނުން ފިލުމުބަލަން ވަންނާނީ....

    9
    11
  3. ފޭން

    އަލީ ޚާލިދަށް ލީޑްރޯލް ދެއްވައްޗޭ މުހައިމިން