އިންޑިޔާގެ ރިއަލިޓީ ޝޯތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ޝޯ ކަމުގައިވާ ބިގް ބޮސްގެ މިފަހަރުގެ ސީޒަން ބިގް ބޮސް 14 ކާމިޔާބު ކޮށްފައިވަނީ ރުބީނާ ޑިލައިކްއެވެ. މި ޝޯގެ އެއްވަނަ ލިބުމުން ޓްރޮފީގެ އިތުރަށް ރުބީނާއަށް ވަނީ ފައިސާގެ ބޮޑު އިނާމެއް ވެސް ލިބިފައެވެ.

ސަގާފަތާއި އާދަކާދައަށް ލޯބިކުރާ ރުބީނާއަށް ބިގް ބޮސްއިން ލިބުނު ފައިސާ އޭނާ ޚަރަދު ކުރަން ބޭނުންވަނީ އޭނާގެ އުފަން އަވަށުގެ ކުރިއެރުމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ރުބީނާ މި ފައިސާ ޚަރަދު ކުރާނީ އޭނާގެ އަވަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށެވެ. އެއީ އެ އަވަށުގެ މީހުންނަށް ފަސޭހަ ކަމާއި އެކު ދިރިއުޅުމަށް ކަމަށް ރުބީނާ ފާހަގަ ކޮށްފައިވެއެވެ.

ރުބީނާ މި ފައިސާ ޚަރަދު ކުރަން ބޭނުންވާ ގޮތް ހާމަ ކުރުމުން އޭނާގެ ސަޕޯޓަރުންގެ ލޯބި އިތުރު ވެގެން ދިޔައެވެ ބައެއް ސަޕޯޓަރުން ބުނެފައިވާ ގޮތުގައި އެމީހުން ރުބީނާއަށް ވޯޓް ދީ ޝޯ ކާމިޔާބު ކުރުމަށް އެހީތެރިވެދިނީ އޭނާގެ މިފަދަ ރަނގަޅު ޢަމަލު ތަކުގެ ސަބަބުންނެވެ.

ރުބީނާއާއި އޭނާގެ ފިރިމީހާ އަބީނާވް ބިގް ބޮސްގެ ޝޯގައި ބައިވެރިވީ އެމީހުންގެ ކައިވެންޏަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށް ރުބީނާ ބުނެފައިވެއެވެ. އަދި މި ޝޯގެ ސަބަބުން މިހާރު ރުބީނާއާއި އަބީނާވްގެ ކައިވެނި ސަލާމަތްވި ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

ބިގް ބޮސް 14 ގެ ދެވަނަ ލިބިފައިވަނީ ރާހޫލް ވެއިދިޔާއަށެވެ. އަދި ޝޯގެ ތިންވަނަ ހާސިލް ކޮށްފައިވަނީ ނިކީއެވެ.