ޕިއްޒާއަކީ ކޮންމެ ވަގުތެއްގައި ވެސް ބަނޑުހައިހޫނު ކަން ފިލުވައިލުމަށް ކަމުދާ އެއްޗެކެވެ. އެކި ހަފުލާތަކުގައި އާއި ކެއުމުގެ އެއްވުން ތަކުގައި ވެސް ވަރަށް މުހިންމު އެއްޗެކެވެ. އެކަމަކު މި ފަހަރު ޕިއްޒާ އަށް އިންސާފްކޮށްފައި ވަނީ މުޅިން ތަފާތު މާހައުލެއްގައެވެ.

ސްކައި ޑައިވް ކުރަން އުޅުނު ހަތަރު މީހަކު މަތިންދާ ބޯޓުން ފުންމާލުމަށްފަހު ޕިއްޒާއެއް ކާ ވީޑިއޯއެއް މިވަނީ އާންމުވެފައެވެ. މި މީހުން ފުންމާލާފައި ވަނީ 14،000 ފޫޓު މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްކައި ޑައިވަރުން މި ޕިއްޒާ ކެއުމުގެ ކުރިން ވަނީ ހޯސްޓަންގައި އެތައް ފަހަރަކު ފަރިތަކޮށްފައި ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ. އުމުރުން 43 އަހަރުގެ ލޮރީ ޕެޓަލޮކޯ އެސްޑަބްލިޔުއެންއެސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިއީ އޭނާ ކުރި ސްކައި ޑައިވްތަކުގެ ތެރެއިން އެންމެ ހިތްހަމަ ޖެހޭ އަދި އެންމެ ތަފާތު ޑައިވް ކަމަށެވެ.

ލޮރީ ބުނެފައިވާ ގޮތުގައި އޭނާގެ ރަހުމަތްތެރި މެލީސާއަކީ ޕިއްޒާ ކެއުމަށް ވަރަށް ލޯބި ކުރާ މީހަކެވެ. މެލީސާ ބޭނުންވީ ސްކައި ޑައިވް ކުރަމުން މާގެރީޓާ ޕިއްޒާއެއް ކެވޭތޯ ބަލައިލުމަށެވެ.

މި ވީޑިއޯއިން ފެންނަނީ އެކަކު މި މަންޒަރުތައް ރިކޯޑް ކުރަމުންދާ ތަނެވެ. އަދި ޕިއްޒާ ހިފަހައްޓައިގެން ހުރި މީހާ ނޫން އަނެއް މީހާ އޭނާގެ އަނގަޔަށް ޕިއްޒާ ފޮއްޗެއް ލަވައިދޭ މަންޒަރެވެ. މި ވީޑިއޯއަށް ބަލައިލުމުން މި ގޮތަށް ޕިއްޒާ ކެއުމަކީ އުނދަގޫ ކަމެއްކަން ފާހަގަ ކުރެވޭނެއެވެ. މި ޕިއްޒާ ފޮށިން އެއް ޕިއްޒާ ފޮތި ވެއްޓޭ މަންޒަރު ވެސް ފެނެއެވެ.

މެލީސާ ބުނެފައިވާ ގޮތުގައި ބިމުގައި ހުރެގެން ޕިއްޒާ ކެއުމަށްވުރެ މަތީގައި ހުރެގެން ޕިއްޒާ ކެއުން މާ ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުސާން

    ދެން ދިވެހީންވެސްވީ ސުކައި ޑައިވް ކުރަމުން ރިހާކުރާ ބަތާ ތެލުލިފަތް ކާން.