އިންޑިއާގެ ރޫޕްކުންޑް ކޯރު އޮންނަނީ ކަނޑުގެ އައްސޭރިން ފެށިގެން 16،500 ފޫޓު އުހުގައެވެ. ޓްރިސުލް ނަމަކަށްކިޔާ ފަރުބަދައިގެ ބުޑުގައެވެ. ޓްރިސުލް ފަރުބަދަކީ އިންޑިއާގެ އެންމެ އުސް ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ ފަރުބަދައެކެވެ. މި ފަރުބަދަ ހުންނަނީ އިންޑިއާގެ އުއްތަރަޚަންދް ސްޓޭޓްގައެވެ.

1942 ވަނަ އަހަރު ތެރޭގައި އެ ކޯރުން އިނގިރޭސިވިލާތުގެ ފޮރެސްޓް ރޭންޖާސްއަށް އެތައް ހާސް ބައެއްގެ މިނިކަށިތަކެއް ފެނުނެވެ. އެ ކޯރަކީ ބައެއް މޫސުންތަކުގައި ގަނޑުވެފައި އޮންނަ ތަނެކެވެ. އަހަރުގެ ބޮޑުބައިގައި އެތަން އޮންނަނީ ގަނޑުވެފައެވެ. އެތަނުން މިނިކަށިތައް ފެންނަނީ ގަނޑުފެންތައް ވިރޭ ދުވަސްވަރުއެވެ. އެތަނުން މިހާތަނަށް 600-800 އާ ދެމެދުގެ އަދަދަކަށް މިނިކަށިތައް ފެނިފައި ވެއެވެ.

މިހާރު އެތަނަކީ ފަތުރުވެރިންގެ މަޝްހޫރު މަންޒިލަކަށް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާއިރު، އެތަނަށް ދީފައި ނަމަކީ ގޮތްނޭނގޭ ކޯރެވެ.

މީގެ އެތައް އަހަރެއް ކުރިންވެސް ސައިންސްވެރިން ވަނީ އެތަނުން ފެނުނު ކަށިތަކުގެ ހަގީގަތް ހޯދަން ފަށާފައެވެ. މިކޯރުން މިނިކަށި ފެންނަ ސަބަބާއި ގުޅޭ ގޮތުން އާއްމުންގެ އިތުރުން އެތައް ސައިންސްވެރިންނެއް ވެސް ސުވާލު ކުރެއެވެ.

މިއީ ކޮން ބައެއް ހެއްޔެވެ؟ މި މީހުން މަރުވީ ކޮން އިރަކު ހެއްޔެެވެ؟ މި މީހުން މަރުވީ ކިހިނެއް ހެއްޔެވެ؟ މި މީހުން އައީ ކޮން ތަނަކުން ހެއްޔެވެ؟

އެ މީހުންނާއި ގުޅޭގޮތުން ހެދި ދިރާސާއެއް ބުނާ ގޮތުގައި، އެއީ އިންޑިއާގެ ރަސްގެފާނަކާއި، އޭނާގެ އަނބިކަނބަލުންނާއި އެ މީހުންގެ ގާތުގައި މަސައްކަތް ކުރި ބައެއްގެ މިނިކަށިތަކެކެވެ. ބެލެވޭ ގޮތުގައި އެއީ މީގެ 870 ވަރަކަށް އަހަރު ކުރިން މަރުވެފައިވާ ބައެއް ކަމަށް ބެލެވެއެވެ.

އެހެން ނަމަވެސް މިއީ އަދި ރަނގަޅު ހޯދުމެއް ކަން ޔަގީން ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ތިޔައީ އިންޑިއާގެ މުޝްރިކުން އެމީހުންގެ ކަލާނގެތަކަށް ގުރުބާންކޮށްފައިވާ އިންސާނުންގެ ކަށިކަމަށް ބެލެވެނީ. އެމީހުންނަކީ އަޅުކަންކުރަންވެސް ބޮޑަތި އުސް ފަރުބަދަތަކަށް އަރާ ބައެއް. ވީމާ ތިޔަތާނގައިވާ "ކަލާނގެ"އަކަށް ގުރުބާންކުރަންވެސް އަރާފާނެ

    10
    3