(އަށާރަވަނަ ބައި)

ނަތާޝާ ތުންފަތުގައި ލިޕްސްޓިކް ޖައްސައި ކުލަ އާކޮށްލިއެވެ. އެޔާއެކު މޫނުމަތީގައި ފުންމާ ހާކާލައި ކެހެމުން ދިޔަ ފުށްތައް ހަމަޔަކަށް އަޅުވައިލިއެވެ. ފަރި ހިނގުމެއްގައި ރިޕޯޓް ހިފައިގެން ގޮސް އަލީފްގެ ކޮޓަރިއަށް ނަތާޝާ ވަނީ ދޮރުގައި ޓަކިދީ ހުއްދަ ލިބުމުންނެވެ.

"ލައްބަ! އިރާދަކުރެއްވިއްޔާ އަޅުގަނޑު ޖަލްސާއަށް ހާޒިރުވާނަން." ނަތާޝާ ވަނުމުން އަލީފް ފޯން ބޭއްވިއެވެ. "ކޮބައި އަހްލާމަށް ގުޅިއްޖެތޯ؟"

"ނޫން!" އަލީފް ކުރި ސުވާލުން ނަތާޝާގެ ފަރިވެ ފޮޅެމުން ދިޔަ މޫނު މޯޅިވީ އެއްލަކިންނެވެ.

އަހްލާމާ ދޭތެރޭގައި އަލީފް ވިސްނަމުންދާކަން ނަތާޝާއަށް އިޙްސާސްވުމުންނެވެ. އެކަމުން އޭނާގެ ހިތަށް ތަދާއި ވޭން ލިބޭތީއެވެ. ނަތާޝާ ހިތުގައި ބިންވަޅު ނެގިނެގި ހުންނަނީ އަހްލާމްގެ މަޤާމުގައި ކުއްޖަކު ނެތްއިރުގެ ހަނދާންތަކެވެ. މިހާރު އަހްލާމް ހުރި މަޤާމުގައި ނަތާޝާ ހުރި ހަނދާންތަކެވެ. އަލީފްގެ ޚިދުމަތުގައި އޭނާ ހުރި ހުރުމެވެ. މާޒީ ނަތާޝާއަށް ކެހިދެނީ ކަމުގައި އޭނާއަށް ޤަބޫލުކުރެވޭ ފަހަރުވެސް އާދެއެވެ.

"އެކިހިނެއްވީ ނުގުޅީ؟" އަލީފްގެ މޫނުމަތީގެ ކުލަވަރު ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

"މީ... އަހްލާމް... ފޯނެއް ނުނަންގަވާ!" އަލީފްގެ ރުޅިވެރި މޫނު ފެނި ނަތާޝާ ޖެހިލުންވިއެވެ. "އަހްލާމް ފޯން އޮތީ ނިއްވާލާފަ ކަމަށް ބުނަނީ!"

"އެހެންތަ! ގޮނޑީގައި އިށީންނަވާ!" އަލީފްގެ މޫނު މައްޗަށް އޮމާންކަން އައެވެ. "ދެން އޮތް ނަންބަރަށް ގުޅައިލިންތަ؟"

"ކޮން ނަންބަރެއްތޯ؟" އަލީފް ބުނި އެއްޗެއް ނަތާޝާއަށް ނަގައެއް ނުގަނެވުނެވެ.

"އެމަރޖެންސީ ނަންބަރު!" އަލީފްގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.

"ނުގުޅަން. އަޅުގަނޑު އެ ނަންބަރު ހޯދާލައިފަ އެބަ ގުޅަން!" ނަތާޝާ އަލީފްގެ ކޮޓަރިން ބޭރަށް ދިއުމަށް ގޮނޑިން ތެދުވިއެވެ. "އަދި އަޅުގަނޑު އެއްޗެއް ސާފުކޮށްލަންތޯ؟"

"އެންމެ ރަނގަޅު!" އަލީފް ތުންފަތުގައި ކަނާއަތު ޝާހާދު އިނގިއްޔާއި މެދު އިނގިލި ޖައްސައިލިއެވެ. "އަވަހަށް ވިދާޅުވޭ!"

"އަހްލާމް ކޮބައިތޯ ތި ބައްލަވަނީ ކީއްވެތޯ؟" ނަތާޝާ ހިތްބިރުގަނެފައި ހުރެ އަލީފާއި ސުވާލެއް ކޮށްލީ، ސިކުނޑީގައި އޮތް އެއްޗެއް ބޭރުކޮށްލުމަށެވެ.

"އަޅުގަނޑު މިދެންނެވީ ސީރިއަސް މަސައްކަތެއް އަހްލާމް ނުނިންމާ އޮތީތޯއޭ؟" ނަތާޝާއަށް ހީވާހީވުން ޔަޤީނާ ގާތަށް އައީ، އޭނާ ކުރި ސުވާލަށް އަލީފް ޖަވާބެއް ނުދީ އިނުމުންނެވެ.

"ނޫން! ނެތް! އެކަމަކު އަހަރެންގެ މުވައްޒަފެއް މުޅިން އަލަށް އެގޮތަށް އެއްޗެއް ނާންގައި އޮފީހަށް ނާންނާތީވެ އަހަރެން ވާނުވާއެއް ބަލަން ބޭނުންވަނީ!" އަލީފް ޖަވާބު ދިނީ މިންގަނޑަށް ފައްތާފައެވެ.

އެއީ ނަތާޝާ ކޮށްލި އާދައިގެ ސުވާލަކުން އަލީފް ބޭޒާރުވާން ބޭނުން ނުވާތީއެވެ. އަހްލާމާ ދޭތެރޭގައި އަލީފްގެ ހިތުގައި އެއްޗެއް އޮތްކަން އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާތީއެވެ. އެކަމުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނާފައެވެ. އެކަމުގެ ސަބަބުން އޮފީހުގެ މަސައްކަތްތަކަށާއި މާހައުލަށް އައިސްދާނެ ހީނަރުކަމަކަށް ވިސްނާފައެވެ.

"އަޅުގަނޑު ގުޅައިފިން!" ނަތާޝާ ވާހަކަދެއްކީ ފޯނުންނެވެ.

"ދެން ކީއްކޭ ބުނީ؟" ލުކްޝާން އަވަސް އަވަހަށް އަހައިލިއެވެ.

"ނުނަގައޭ ފޯނެއް!" ނަތާޝާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. "ކީއްވެތަ އެންމެ އަހްލާމްގެ ވާހަކަ މިދައްކަނީ؟"

"މަށަށް އަހްލާމް ރީތިކަމުން! މަށަށް އަހްލާމް ކަމުދާތީވެ! މަށަށް އަހްލާމް ދެކެ..."

"ހުއްޓާލާ! މިހާރު އަހަރެންނަށް ފުދިއްޖެ!" ރުޅިއައިސްގެން ނަތާޝާގެ ބޮލުން ދުން ނާރަނީ ހަމަކިރިޔާއެވެ. "އަހަރެންނަށް ވަރަށް ރަނގަޅު ލުކްޝާންވެސް އަހްލާމް ދެކެ މާ ލޯބިވާ މީހެއްކަމަށް ނުދެއްކީޔާ!"

"އޭ ނަތާ! ކިހިނެއްވީ މިހާރު؟" ލުކްޝާން ސަމާސާ ގޮތް ދޫކޮށްލިއެވެ.

"އެއީ އަލީފްވެސް ހެދިގޮތް ވީމަ!" ނަތާޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ނަތާ އަދި ހަމަޖެހިބަލަ!" ލުކްޝާން ނަތާޝާއަށް ވިސްނައިދެވޭތޯ އުޅެން ފެށިއެވެ. "އަހަރެން އަހްލާމްގެ ރުހުން ހޯދީމަ، ނަތާއަށް އަލީފް ލިބޭކަށް މާކަ ގިނަ ދުވަހެއް ނުނަގާނެ!"

"ތިހެން ބުނީމަ އަހަރެން ގުނބޯ ހެދިގެން ހުންނަންވީ ދޯ؟" ނަތާޝާ އެހެން ބުނެފައި ފޯން ބޭއްވިއެވެ.

"ހަލޯ!"

"އަހަރެން ބުނެފީމެއްނުން އަހަރެން ގުނބޯ ހައްދާނިކަމެއް ނެތޭ!" ނަތާޝާއަށް ވާހަކަ ދެއްކުނީ ނިކަން ބާރަށެވެ.

"ސޮރީ!" އަލީފް ހުރީ ވާނުވާ ނޭނގިފައެވެ.

"ސަރ!" ނަތާޝާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. "އަޅުގަނޑު... ހީކުރީ..! ވަރަށް... މަޢަފަށް... އެދެން..!"

"އިޓް އިސް އޯކޭ!" އަލީފް އެކަން ބޮޑުކަމަށް ނަހަދައެވެ. "ރަނގަޅުނޫން ދުވަހަކީތަ؟"

"ހުމް..! ނޫން! އެއީ ލުކްޝާން މަޖަލަށް އެއްޗިހި އެއްޗިހި ކިޔާތީވެ!" އަޅުގަނޑު ހީކުރީ ލުކްޝާން ކަމަށް ގުޅީ!" ނަތާޝާ ހުރީ އިންތިހާއަށް ލަދުގެންފައެވެ.

"ހިއްހިއް! އޯލްރައިޓް! އަޅުގަނޑު ދެންނެވީ ވޯރކްޝޮޕްގެ ކަންތައް އަހްލާމް އޮފީހަށް ނުކުންނާދެއް ބަލައިލަދޭތި!" އަލީފް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ.

"ލައްބަ!" އަލީފްގެ ބަސްމަގު ހުރިގޮތުން ނަތާޝާގެ ހިތް އުފަލުން ފޮޅެން ފެށިއެވެ. "އަޅުގަނޑު ނަފާޒާއަށް ގުޅިން! އެކަމަކު ފޯނެއް ނުނަންގަވާ!"

"ނަފާޒާއޭތޯ؟" އަލީފް ނަފާޒާގެ ނަން ތަކުރާރުކޮށްލީ ޔަޤީންކޮށްލުމުގެ ގޮތުންނެވެ.

"ލައްބަ! އެއީ އަހްލާމް އެމަރޖެންސީކޮށް ގުޅުމަށް ދީފައިވާ ނަންބަރުގެ ވެރިފަރާތް." ނަތާޝާ އިތުރު ތަފްޞީލެއް ދިނެވެ.

"އެހެންތަ؟ އޯކޭ! އަހްލާމް ރިޕޯޓްކުރީމަ އޭނާއަށް ޤަވާޢިދުގައި އޮންނަ ގޮތް ބުނެލަދީ!" އަލީފްގެ ބޮލުގައި އެނބުރިގަތީ ނަފާޒާގެ ނަމެވެ.

ކޮންމެވެސް ދިމާއަކުން އަލީފަށް އެ ނަން އަޑު އިވިފައި އޮތުމުންނެވެ. އެ ނަމުގެ ވެރިފަރާތް އަލީފްގެ ސިކުނޑީގައި ކުރެހެމުން ދިޔައެވެ. އިހަވަންދޫއަށް ކުރި ދަތުރުގައި އަހްލާމާއެކު ފެނުނު ކުއްޖަކީ ނަފާޒާކަން އަލީފްގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އާސިފް ނަފާޒާގެ ނަން ހާމަކުރިކަން އޭނާ ހަނދާންވިއެވެ. އަހަލްމާއެކު ލޯބީގެ ގުޅުމެއް ބާއްވަން ބޭނުންވާނަމަ ނަފާޒާގެ އެހީ ހޯދުމަށް އާސިފް ލަފާދިނެވެ.

އެއީ އަހްލާމްގެ އެންމެ ގާތް އެކުވެރިޔާއަކީ ނަފާޒާ ކަމުގައި ވުމުންނެވެ. އެހެނަސް އަލީފް އެކަން އެގޮތަށް ކުރަން ބޭނުން ނުވީ އެއީ ނިކަމެތި ގޮތަކަށް ވުމުންނެވެ. ޖެހިލުމެއް ނެތި ލޯބިވާކަން ހާމަކުރަން ޖެހޭނީ ރަނގަޅު އިރުވަރެއް ބަލައިފަކަން އަލީފަށް އެނގޭތީއެވެ. އެންމެ ރަނގަޅު ވަގުތެއް ހޯދާފައި، ލޯބިވާ ވާހަކަ ބުންނަން ޖެހޭނީ ލޯބިވާ ކުއްޖެއްގެ ގާތުގައިކަން އޭނާއަށް ކަށަވަރުވާތީއެވެ. އެ ވާހަކަ ބުނަންޖެހޭނީ ހަމައެކަނި އަހްލާމްގެ ގާތުގައި ކަމަށް އަލީފްގެ ހިތް ބުނަމުން ދިޔައެވެ.

(ނުނިމޭ)