މިއަދު 31 ވަނަ އުފަން ދުވަސް ކުރަމުންދާ އެކްޓަރ ޓައިގަރ ޝްރޯފްގެ ކައިވެންޏާއި ބެހޭގޮތުން އޭނާގެ ބައްޕަ ޖެކީ ޝްރޯފް ވާހަކަދައްކައިފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ހިންދުސްތާނު ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޓައިގަރގެ ބައްޕަ ޖެކީ ވާހަކަ ދައްކާފައިވަނީ ޓައިގަރގެ އުފަންދުވަހުގެ ޕްލޭންތަކާއި، އާދަކާދަތަކާއި ފިލުމީ ކެރިއަރގައި ލިބުނު ކާމިޔާބުތަކާއި ޓައިގަރގެ ލޯބިވެރިޔާ ކަމަށް އަޑު އަރާފައިވާ ދިޝާ ޕަޓާނީއާއި އެކު ކައިވެނީގެ ޕްލޭންތަކާއި ބެހޭގޮތުންނެވެ.

ޓައިގަރގެ އުފަންދުވަހު ކޮންމެ އަހަރަކު ޓައިގަރގެ ނަމުގައި ގަހެއް އިންދާ ކަމަށާއި އަދި އެއީ ޝްރޯފް އާއިލާގެ އާދަކާދައިގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ވެސް ޖެކީ ބުނެފައިވެއެވެ. އަދި ޓައިގަރގެ މަންމަ އައިޝާއާއި ކޮއްކޮ ކްރިޝްނާއާއި އެކު ކޮންމެވެސް ޕްލޭނެއް ރާވާފައިވާނެ ކަމަށާއި ޓައިގަރގެ އުފަންދުވަހު ޖެކީގެ ޝޫޓިން އޮތް ކަމަށް ވެސް ޖެކީ ބުނެފައިވެއެވެ.

ޓައިގަރގެ އުފަންދުވަހާއި ގުޅިގެން މާބޮޑު ޕްލޭން ތަކެއް ރާވާފައި ނުވާ ކަމަށާއި އެއީ ޓައިގަރ ފިލުމީ މަސައްކަތްތަކުގައި އުޅޭލެއް ބުރަކަމުން ކަމަށް ވެސް ޖެކީ ފާހަގަ ކޮށްފައިވެއެވެ.

ޓައިގަރގެ ކައިވެންޏާއި ބެހޭގޮތުން ސުވާލު ކުރުމުން ޖެކީ ބުނެފައިވަނީ ޓައިގަރ ކައިވެނި ކޮށްގެން އުޅެނީ އޭނާގެ މަސައްކަތާއި ކަމުގައެވެ. ޓައިގައަކީ އޭނާ ކުރާ ކަމަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން އުޅޭ ފަންނާނެއް ކަމަށާއި އަދި އެ ކަމަކަށް މީހާ އެއްކޮށް ހުސްކޮށްލާ ފަންނާނެއް ކަމަށެވެ. އަދި ޓައިގަރ އެހާ އަވަހަށް ކައިވެނި ނުކުރާނެ ކަމަށާއި ނަމަވެސް ކައިވެނި ކޮށްފިނަމަ އެ ކައިވެންޏަށް ވެސް އޭނާގެ ސަމާލުކަން ބަރާބަރަށް ދޭނެ ކަމަށް ވެސް ޖެކީ ބުނެފައިވެއެވެ.