ކޮވިޑް-19 ގެ ނުރައްކާތެރި އާލަމީ ވަބާގެ ސަބަބުން އެކި ގައުމުތަކަށް ޗުއްޓީ ހޭދަ ކުރުމަށާއި މަޖާ ކޮށްލުމަށް ދާން ބޭނުން ވެފައި ތިބި ގިނަ ބަޔަކަށް ވަނީ އުންމީދު ގެއްލިފައެވެ. އެއީ މި ބަލީގެ ސަބަބުން އެކި ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމާއިއެކު ހަރުކަށި ފިޔަވަޅުތައް އަޅާފައިވުމުން އެފަދަ ގިނަ ފަރާތްތަކަށް ދަތުރުކުރުމަށް ހުރަސްއެޅިފައި ވުމުންނެވެ. ރާއްޖެއަކީވެސް ބޭރުގެ އެކި ގައުމުތަކުގެ އާއިލާތަކާއި ލޯބިވެރިން ޗުއްޓީ ހޭދަ ކުރަމުން އައި ގައުމެކެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ވަބާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުކަން އައިސްފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައްވެސް ބަންދު ކުރުމަށްފަހު، ފަހުން ފިޔަވަޅުތަކަށް ލުއިދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލި ނަމަވެސް ޗުއްޓީ ހޭދަކުރުމަށް އަންނަ މީހުންގެެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. ހަމައެއާއެކު ކުރު ޗުއްޓީގެ ބަދަލުގައި ދިގު މުއްދަތަކަށް ޗުއްޓީ ހޭދަކުރާ ފަރާތްތައް އިތުރުވަމުން އަންނަކަމީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުން ފާއިތުވެދިޔަ ދުވަސްތަކުގައި ފާހަގަކުރެވިފައިވާ ބަދަލެކެވެ.

ކެނެޑާގައި ރެސްޓޯރެންޓެއް ހިންގަމުން އަންނަ ވެން އާއި އޭނާގެ ބައިވެރިޔާ ޗާމައިން ސަންޗޭޒް އަކީވެސް މިފަދަ ގޮތަކަށް ދިގު މުއްދަތަކަށް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް މިހާރު ރާއްޖެއަށް އައިސް އުޅޭ ދެމަފިރިއެކެވެ. އެމީހުން އެންމެ ފުރަތަމަ މި ދަތުރު ރާވާފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން ކެނެޑާގެ ސަރުކާރުން ވަނީ މަޖުބޫރު ހާލަތުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތަށް ނިންމައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ވެން ބިއާސް އާއި އޭނާގެ އަނބިމީހާ ރާއްޖެއަށް ކުރަމުން އަންނަ ދަތުރުގައި ނަގާފައިވާ ފޮޓޯއެއް- ފޮޓޯ: ވެން ބިއާސް

އޭގެ ފަހުން އެގައުމުގެ ސަރުކާރުން ދިން ލުއިތަކަށްފަހު އެދެމަފިރިންނަށް ރާއްޖެއަށް ދަތުރުކުރެވޭ ގޮތް ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅުއެވެ. އެ ދެމަފިރިން ރާއްޖޭގައި ހޭދަކުރާ އެއް އަހަރުގެ ދިގު ޗުއްޓީ ވޭތުކުރުމަށް ނިންމާފައި ވަނީ "އަނަންތަރާ ވެލި" ރިސޯޓުގައެވެ. އެ ރިސޯޓުގައި ތިބޭ މުއްދަތަށް އެ ދެމަފިރިން ނަގާފައި ވަނީ "އަންލިމިޓެޑް ސްޓޭއިސް އިން ޕެރެޑައިސް" ނަމަކަށް ކިޔާ ހާއްސަ ޕެކޭޖެކެވެ. މި ޕެކޭޖަކީ ދިގު މުއްދަތަކަށް ރާއްޖެއަށް އަންނަ ފަރާތްތަކަށް ހާއްސަ ޕެކޭޖެކެވެ.

ވެން އިނގިރޭސި ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އަނަންތަރަ ވެލި ރިސޯޓުން އޭނާގެ ދެމަފިރިން ނެގި ޕެޖޭކުގެ ޖުމްލަ އަގަކީ ތިރީސްހާސް އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 462،000 ރުފިޔާ) ކަމަށެވެ. މި ޕެކޭޖުގެ ދަށުން ރިސޯޓުގައި ހުރުމާއެކު ހެނދުނުގެ ނާސްތާ އާއި ދަތުރުފަތުރު ހިލޭ ލިބެއެވެ. މީގެ އިތުރުން އެހެން ވަގުތުތަކުގެ ކެއުންތަކުން ހާއްސަ ޑިސްކައުންޓުތައްވެސް ލިބެއެވެ.

ވެން ބުނެފައިވަނީ، ރިސޯޓުން އޭނާ ނަގާފައިވާ ޕެކޭޖު އެންމެ ފުރަތަމަވެސް ފެނުމުން އެއީ ހަޔާތުގައި ވެސް ލިބޭނެ އެންމެ ރަނގަޅު ފުރުސަތުކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. އަދި ދެމަފިރިން އަބަދުވެސް ދިގު ޗުއްޓީއެއް ހޭދަކުރުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް އެފަދަ އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށް ގަބޫލު ކުރެވުނު ކަމަށް ވެން ބިއާސް ބުންޏެވެ.

އެ ދެމަފިރިން ޗުއްޓީ ހޭދަ ކުރާ ރިސޯޓުގެ ކޮޓަރި-- ފޮޓޯ: ވެން ބިއާސް

ކައިވެންޏަށްފަހު ވެން އާއި އޭނާގެ އަނބިމީހާ އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުން އެ ދެމަފިރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި ހާއްސަކޮށް ދުނިޔެމަތީގެ ސުވަރުގެ ކަމަށްބުނާ، އަދި ފަތުރުވެރިކަމުގައި ދެވަނައެއްނުވާ ރާއްޖޭގައި އެ ހުވަފެން ހަގީގަތަކަށް ވުމުގެ ފުރުސަތު ލިބުމުން އެދެމަފިރިން ތިބީ ވަކިން އުފަލުންނެވެ.

ވެން ބުނެފައިވާ ގޮތުން އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ދިގު މުއްދަތުގައި އޭނާގެ ވިޔަފާރީގެ ކަންކަން ބަލަހައްޓަމުން އަންނަނީ އޮންލައިންކޮށް ކަމަށެވެ. އަދި މިފަދަ ތަފާތު މާހައުލެއްގައި ވިޔަފާރީގެ މަސައްކަތްތައް ކުރުމަކީވެސް ތަފާތު ތަޖުރިބާއެއް ކަމަށާއި، ހަމައެކަނި ދަތިވަނީ ރާއްޖެ އާއި ކެނެޑާގެ ވަގުތުގެ 12 ގަޑިއިރުގެ ތަފާތެއް ހުރުމުން މަސައްކަތްތަކަށް ފަސްކަމެއް އަންނާތީ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދުނިޔެ ކުރިމަތިލާން ޖެހުނު ފަހުން ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާއިރު ގިނަ ގައުމުތައް ފުރަބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބިގެން ދިއުމުން އެކި ގައުމުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާޒި މާ

    ކާމިޔާ ބު ފިރިއެއް

  2. ދިވެހިން

    ވެސް ރާއްޖޭގައި ދިގު ޗުއްޓީ ނަގަމުން ދޭ އެއީ އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮއް މައިންބަފައިން ދިނީމަ ކައިގެން ލައިގެން ބޮއެގެން އުޅުން