ޖޯން އަބްރަހަމް އާއި ޑިޝާ ޕަތާނީ ފެނިގެންދާ މޮހިތު ސީރީސްގެ އޭކް ވިލަން ރިޓާންސްގެ ޝޫޓިން ފަށައިފިއެވެ.

މި ފިލްމުގައި އަރްޖުން ކަޕޫރް އާއި ތާރާ ސުތާރިޔާ ވެސް މުހިންމު ރޯލަކުން ފެނިގެންދާ އިރު މިއީ 2014 ގައި ނިކުތް އޭކް ވިލަންގެ ދެ ވަނަ ބައެވެ. އޭރު ފިލްމުން ފެނިގެން ގޮސްފައިވާ ތަރީންނަކީ ޝްރަދާ ކަޕޫރް، ރިތެއިޝް ދެޝްމުކްގެ އިތުރުން ސިދާތު މަލޯތްރާއެވެ.

އޭކް ވިލަން ރިޓާންސްގެ މިފަހަރުގެ ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާ ޖޯން އަބްރަހަމް އޭނާގެ އިންސްޓަގްރާމަށް ވަނީ ފިލްމުގެ ތަރީންގެ ފޮޓޯތައް ލައިފައެވެ. މުމްބާއީގެ މަޝްހޫރު ސިނަމާއެއް ކަމަށްވާ، ގައިޓީ ގެލެކްސީ ސިނަމާގެ ބޭރުގައި ނަގާފައިވާ ފޮޓޯގައި ފިލްމުގެ ހުރިހާ ތަރީން ފެނިގެން ދެއެވެ.

ބަތަލާ ދިޝާ ވެސް ވަނީ އޭކް ވިލަން ރިޓާންސް ނެރޭތީ އެކަމާއި ގުޅިގެން ފޮޓޯއެއް އިންސްޓަގްރާމަށް ލައިފައެވެ. އެ ފޮޓޯ އަށް އޭނާގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ ބޮލީވުޑްގެ ފިލްމީތަރި ޓައިގާ ޝްރޮފް ވަނީ ކޮމެންޓެއް ވެސްކޮށްފައެވެ. އޭނާގެ ކޮމެންޓުގައި ވަނީ އެމީހުންނަށް ކާމިޔާބަށް އެދިފައެވެ.

އިންޑިއާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 11 ގައެވެ.

ކިޔުންތެރިންގެ ހިޔާލު