އިންޑިއަގެ ބެންގަލޫރުގެ ކުނިގޮނޑަކަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ހޯދާ އެކުއްޖާ އަށް ފުލުހަކު ގާތުން ކިރު ދީގެން އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުން ފުލުސް މީހާ އަށް އެތައް ބައެއްގެ ތައުރީފް ލިބިއްޖެއެވެ.
ފުލުހުންގެ ތަރުޖަމާން ބުނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ކައިރީގައި އޮތް ކުނިގޮނޑަކުން ތުއްތު ކުއްޖަކު ރޯއަޑު އިވިގެން ފުލުހުންނަށް ގުޅީ އާންމު ފަރާތަކުން ކަމަށެވެ. އެއާއި އެކު ފުލުހުން އެސަރަހައްދަށް ގޮސް ބެލިއިރު ވިހެއުމަށް ފަހު އެއްލާލާފައި އޮތް ތުއްތު ފިރިހެން ކުއްޖަކު ފެނުނެވެ.
އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ކުއްޖާގެ ހާލަތު އޮތީ ވަރަށް ދަށްވެފައެވެ. ބެލެވޭ ގޮތުގައި އެއީ ގިނަ އިރުތަކެއް ވަންދެން އެއްވެސް އެއްޗެއް ނުކައި އޮތުމުންނެވެ.
އަންހެން ފުލުހެއް ކަމަށްވާ އަޗާނާ ވަގުތުން ތުއްތު ކުއްޖާ އަށް ގާތުން ކިރުދިނެވެ.
ރޮއެ ގަންނާނެހާ ވަރު ވެސް ފުރަތަމަ ނެތް ތުއްތު ކުއްޖާގެ ހަށިގަނޑުގައި ވަރުޖެހެން މާގިނަ އިރުތަކެއް ނުނެގިއެވެ. އަޗާނާ ވަނީ ދެދުވަސް ވަންދެން ތުއްތު ކުއްޖާ ބަލަހައްޓާފައެވެ. މިހާރު އެކުއްޖާ ވަނީ ތުއްތު ކުދިން ބަލަހައްޓާ ސަރުކާރުގެ މަރުކަޒަކާއި ހަވާލުކޮށްފައެވެ.
އަޗާނާ ތުއްތު ކުއްޖާ އަށް އެހީވުމުގައި ކަންތައް ކުރިގޮތުން މީސް މީޑިއާގައި އޭނާ އަށް ވަރަށް ގިނަ މީހުން ދަނީ ތައުރީފް ކުރަމުންނެވެ.
ފުލުހުން ބުނީ ތުއްތު ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
الحمد لله