ފިލުމު ''އާޝިގީ 2'' ބަތަލާ ޝްރަދާ ކަޕޫރުގެ 34 ވަނަ އުފަންދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އުފަންދުވަހުގެ ތަހުނިޔާއާއި މަރުހަބާގެ މެސެޖުތަކާއި ޕޯސްޓުތައް ދަނީ ސަޕޯޓަރުންނާއި ބޮލީވުޑުގެ ފަންނާނުންގެ ފަރާތުން ލިބެމުންނެވެ.

ކޮއްކޮއެއްގެ ކައިވެނި ހަފްލާއެއް ފާހަގަ ކުރުމަށް ރާއްޖެ އައިސް އުޅޭ ޝްރަދާ ކަޕޫރުގެ އުފަންދުވަހު ދޭނެ ހަދިޔާއަކާއި ގުޅޭގޮތުން ޝްރަދާގެ ބައްޕަ އެކްޓަރ ޝަކްތީ ކަޕޫރާއި ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ޝްރަދާ އެންމެ ބޭނުންވަނީ އޭނާ ސިނގިރޭޓް ބުއިން ހުއްޓާލުމަށް ކަމަށެވެ.

ޝްރަދާއާއި ބެހޭގޮތުން ޝަކްތީ ބުނެފައިވަނީ ޝްރަދާއަކީ ވަރަށް ބަސްއަހާ ދަރިއެއް ކަމަށާއި ޝްރަދާގެ ކާމީޔާބީތައް ފެނުމުން ވަރަށް އުފާވާ ކަމަށާއި މިއަދު ވެސް އޭނާގެ ބަސް ގަބޫލު ކުރާ ގަބޫލު ކުރާ ކަމަށެވެ. އަދި މީގެ އިތުރުން ދިރިއުޅުމުގައި އަދި ފިލުމީ ދުނިޔޭގައި ވެސް ނިންމަން ޖެހޭ ކޮންމެ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން އޭނާއާއި މަޝްވަރާ ކުރާ ކަމަށް ވެސް ޝަކްތީ ބުނެފައިވެއެވެ.

ދަރިންނާއި މެދު ދެކޭ ހުވަފެނަކީ ކޮބައިތޯ ސުވާލު ކުރުމުން ޝަކްތީ ބުނެފައިވަނީ އޭނާ ބޭނުންވަނީ އޭނާގެ ދަރިން ރަނގަޅު ދިރިއުޅުމެއް ފެށުން ކަމަށާއި ނަމަވެސް މި ޒަމާނުގައި އެކަންކަމަކީ ކުދިން އަމިއްލައަށް ނިންމާ ނިންމުމެއް ކަމަށެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު ޝްރަދާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ނާގިން ފިލުމަކުންނެވެ. ޝްރީދޭވީއަށް ސަޕޯޓްކުރާ ޝްރަދާ އެންމެ އުފާވާ ކަމަކީ އޮން ސްކްރީންގައި ނާގިން (ހަރުފަ) އެއްގެ ރޯލު ކުޅެން ލިބުމުން ކަމަށް ޓްވީޓް ކޮށްފައިވެއެވެ.