ކޮންމެ މީހަކާއި ވައްތަރު އެތައް ބަޔަކު ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އުޅޭނެކަމީ އެންމެން ވެސް ގަބޫލު ކުރާ ކަމެކެވެ. މިގޮތުން ބޮލީވުޑުގެ ބައެއް ފަންނާނުންނާއި ވައްތަރު އެތައް ބަޔަކު ވަނީ ފެނިފައެވެ.

ގިނަ ފަހަރަށް މިހެން ދިމާވާ މީހުންނަކީ އަންހެނެއް ނަމަ ވައްތަރު ވަނީ ވެސް އަންހެނަކާއެވެ. ފިރިހެނެއް ނަމަ ވައްތަރު ވަނީ ފިރިހެނަކާއެވެ. ނަމަވެސް ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕާޑުކޯންއާއި ވައްތަރު ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުން ދަނީ ތުނބުޅިއެއް ލާފައި ހުރި ފިރިހެނެއްގެ ފޮޓޯއެވެ.

ދީޕިކާއާއި ވައްތަރު ކަމަށް ބުނެ މީޑިއާގައި އާއްމު ވަމުންދަނީ ޕާކިސްތާނުގެ އެކްޓަރެއް ކަމުގައިވާ ފަހަދު މުސްތަފާއެވެ. ވައްތަރު ކަމަށް ބުނެ މީސް މީޑިޔާގައި މި ދެ ފަންނާނުންގެ ފޮޓޯ އާއްމުވުމުން ގިނަ ބަޔަކު ބުނެފައިވަނީ ފަހަދުގެ ތުނބުޅި ނެތްނަމަ ހީވާނީ ހަމަ ދީޕިކާހެން ކަމަށެވެ.

މި ފޮޓޯ ފެނުނު ގިނަ މީހުން ވެސް ވަނީ ދީޕިކާއާއި ފަހަދުއާއި ވައްތަރު ކަމަށް އެއްބަސްވެފައެވެ. ވަކީން ހާއްސަކޮށް ލޮލާއި މޫނުގެ ބައްޓަން ވައްތަރު ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ދީޕިކާ ބުނާ އެއްޗެއް އަޑުއެހުމުގެ އިންތިޒާރުގައި ތިބި މީހުން ވެސް މަދެއް ނޫނެވެ. ދީޕިކާގެ ޓްވިންއާއި ގުޅޭގޮތުން އޭނާ ކަންތައް ކުރާގޮތް ބަލައިލުމުގެ ޝައުގުވެރިކަން އެތައް ސަޕޯޓަރުންނެއް އޮތްކަން ދަނީ މީސް މީޑިއާގައި ބުނަމުންނެވެ.

ފަހަދު މުސްތަފާއަކީ 2014 ވަނަ އަހަރު ނަބީލު ގުރެއިޝީ ޑައިރެކްޓްކޮށްފައިވާ ޕާކިސްތާނު ފިލުމު ''ނާ މާލޫމް އަފްރާދު'' އިން އެކްޓިންގެ ކެރިއަރ ފަށާފައިވާ ފަންނާނެކެވެ.