ބޮލީވުޑުގެ އެކްޓަރ ޓައިގަރ ޝްރޯފުއަކީ އެކްޓު ކުރުމާއި ނެށުމާއި ލަވަކިޔުމުގެ އިތުރުން އެކްރޮބަޓް ކުރުމާއި މާޝިއަލް އާޓްސްގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކެވެ.

ޓައިގަރ ޝްރޯފުގެ ފިލުމުތަކުން ވެސް މި ހުނަރުތައް ވަރަށް ރަނގަޅަށް ފާހަގަ ކުރެވެއެވެ. 2013 ވަނަ އަހަރު ރިލީޒް ކުރެވުނު ވިޖޭ ކްރިޝްނާ އަޖަރްޔާގެ ފިލުމު ''ދޫމް 3'' ގައި ބޮލީވުޑުގެ ސްޕަރސްޓަރ އާމިރު ޚާން ދައްކުވައިދީފައިވާ އެކްރޮބަޓްސްއަށް އާމިރު ޚާން ތަމްރީނު ކޮށްދީފައިވަނީ ޓައިގަރ ޝްރޯފް ކަމަށް ބުނެ އަރާފައިވާ އަޑުތަކަށް ޓައިގަރ ޖަވާބުދާރީ ވެއްޖެއެވެ.

ޓައިގަރ ދިން އިންޓަވިއުއެއްގައި މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ބުނެފައިވަނީ އެ ކަމަކީ އެންމެންނަށް ވެސް ހީކުރެވިފައިވާ ކުށްހީއެއް ކަމަށެވެ.

އިތުރަށް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓައިގަރ ބުނެފައިވަނީ ދޫމް 3 ކަށް އާމިރު ޚާން ތަމްރީނު ކޮށްދިނުމަށް އައިސްފައިވަނީ އެމެރިކާގެ ތަޖުރިބާކާރެއް ކަމަށެވެ. އަދި ޓައިގަރގެ ބައްޕަ ޖެކީ ޝްރޯފުގެ ފަރާތުން ޓައިގަރ ވެސް އެފަދަ ކަންތައްތަކަށް ޝައުގުވެރިކަން ހުންނަކަން އެނގުމުން އެމެރިކާގެ ޓްރެއިނަރއާއި އާމިރު ޚާންގެ ޓްރެއިނިންގ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު އާމިރު އޭނާއަށް ދީފައިވާ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

ޓައިގަރ ޝްރޯފުގެ އުމުރުން 4 އަހަރުން ފެށިގެން މާޝިއަލް އާޓްސް ދަސްކުރަމުން އަންނަ ކަމަށާއި ޖިމްނާސްޓިކްއާއި އެކްރޮބަޓް ދަސްކުރުމަށް ވެސް ޝައުގުވެރިކަން ހުންނަ ކަމަށް ޓައިގަރ ޝްރޯފު ބުނެފައިވެއެވެ.

ކާމިޔާބު ފިލުމު ސީކުއަލެއް ކަމުގައިވާ ''ބާޣީ'' ގެ އެކްޓަރ ވަނީ އޭނާގެ 31 ވަނަ އުފަންދުވަސް މި މާރޗް މަހު ފާހަގަ ކޮށްފައެވެ.