މޭގަން މާކެލް، ޕްރިންސް ހެރީ އާއި ކައިވެނި ކުރި ފަހުން ތަފާތު ހަފްލާތަކާއި ބޮޑެތި ރަސްމިއްޔާތުތަކުގައި ބޭނުންކުރި ޑައިމަންޑް ކަންފަތުލާ އެއްޗަކީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ހަދިޔާއަކަށް ދެއްވި އެއްޗެއް ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވަލީއަހްދު މުހައްމަދު ހަދިޔާއެއްގެ ގޮތުގައި ފޮނުވި ކަންފަތުލާ އެއްޗަކީ ފަސްލައްކަ ޕައުންޑްގެ އަގުހުރި ކަންފަތުލާ އެއްޗެކެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 10.7 މިލިއަން ރުފިޔާއެވެ.

މޭގަން ބޭނުންކުރި ކަންފަތުލާ އެއްޗަކީ ވަލީއަހްދު މުހައްމަދު ދެއްވި ހަދިޔާއެއްކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނި ނަމަވެސް އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ކެނިސްޓަން ޕެލަސް އިން ކުރިން ބުނެފައި ވަނީ މޭގަން ބޭނުންކުރި ކަންފަތުލާ އެއްޗަކީ ފަހުން އަނބުރާ ދޭ ގޮތައް މީހެއްގެ އަތުން ހޯދި އެއްޗެއް ކަމަށެވެ.

މޭގަން ވަލީއަހްދު މުހައްމަދުގެ ހަދިޔާ ބޭނުން ކުރީ އެއީ ގައުމެއްގެ ވެރިއެއްގެ ފަރާތުން ލިބުނު ހަދިޔާއަކަށް ވެފައި އެފަދަ ހަދިޔާއެއް ވިއްކާލުން އެއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީއެވެ. އަދި ގައުމެއްގެ ވެރިއަކު ދެއްވި ހަދިޔާއެއް އަނބުރާ ރައްދު ކުރުން ވެސް އެއީ ހުތުރު ކަމަކަށް ވާތީ އެކަން ނުކުރީ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން މޭގަން އަށް މިހާރު ފާޑުކިޔުން އަމާޒުކޮށްފައި ވަނީ ނޫސްވެރިޔާ ޖަމާލް ޚަޝޯޣީ މަރާލުމުގައި ވަލީއަހްދު މުހައްމަދުގެ ބައިވެރިވުމާއި، އޭނާގެ ހުއްދަ އޮތްކަމަށް އެތައް ތުހުމަތެއް ކުރެވިފައި ވަނިކޮށް ވަލީއަހްދު މުހައްމަދުގެ ހަދިޔާއެއް މޭގަން ބޭނުން ކޮށްފައި ވާތީއެވެ.

ހަދިޔާ ލިބުނުއިރު ޖަމާލް ޙަޝޯޣީ މަރައެއް ނުލައެވެ. ނަމަވެސް ޚަޝޯޣީ މަރާލިތާ ތިން ހަފްތާ ފަހުން ވެސް މޭގަން ވަނީ ވަލީ އަހްދު މުހައްމަދު ހަދިޔާއަކަށް ދެއްވި ކަންފަތުލާ އެއްޗެހި ބޭނުން ކޮށްފައެވެ. އެކަން ކަށަވަރު ކުރެވޭނެ ފޮޓޯތައް ވެސް އެބަހުއްޓެވެ. ނަމަވެސް މިހާރު މޭގަންގެ އަތުގައި އެހަދިޔާ އޮތްކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވެއެވެ.

މޭގަން އަށް ވަލީއަހްދު މުހައްމަދު ދެއްވި ކަންފަތުލާ އެއްޗަކީ ހޮންކޮންގެ ބްރޭންޑެކެވެ. އެބްރޭންޑްގެ ކަންފަތުލާ އެއްޗެހި މިޝޭލް އޮބާމާ އާއި ޖެނިފާ ލޮޕޭޒް ފަދަ މީހުން ވެސް ބޭނުންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝރކނ

    މީހަކު ނޭފަތުކުރީގައި ހުށިޔާރު ކަމާއެކު ފޮރުވައިގެން ގެންގުޅޭ މަޑުކޮޅެއް ސެޓުކުރެވޭތޯ ޔޭޔޭ 3އިން 1 އިންސްޓަންޓް ކޮފީ ޕެކެޓަކުން ކޮފީދޭ ކުދިން އަދިވެސް ގިނައީ