ސްކައި ޑައިވް ކުރާ މީހަކު ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ ކައިރި ތަފާތު ގޮތަކަށް އިންނަން އަހައިފިއެވެ. އެމީހާ އިންނަން އެހި އިރުގައި ދެމީހުން ތިބީ ބިމަށް ވުރެ، 16،000 ފޫޓު މަތީގައި ސްކައި ޑައިވް ކުރާށެވެ.

އުމުރުން 38 އަހަރުގެ ރާހިމް ހާޖިރު ސްކައި ޑައިވް ކުރަން ދިޔަ އިރުގައި އަނގޮއްޓި މެދު ދެ ދަތް ދޭތެރެއަށް ލައި ނުވެއްޓޭނެހެން ތާށިކޮށްފައި ބޭންދިއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި އޭނާ އަނގޮއްޓި ނަގާފައި "ވިލް ޔޫ މެރީ މީ" އޭ ބުނެލާ މަންޒަރު ފެނިގެން ދެއެވެ.

ރާހިމް ބުނެފައިވަނީ ސްކައި ޑައިވް ކުރަން ދިޔަ އިރުގައި އަނގޮއްޓި ގެންދިޔުމަކީ އޭނާ ނެގި ރިސްކެއް ކަމަށެވެ. އެއީ ފަހަރުގައި ހަމަ އަނގޮޓި ދޫވެގެން ތިރިޔަށް ވެއްޓި ދާނެތީއެވެ.

ބިމުން 16،000 ފޫޓު މަތީގައި ސްކައި ޑައިވް ކުރަމުން އިންނަން އަހާ މަނޒަރު

އިޑަހޯ އަށް ނިސްބަތްވާ 27 އަަހަރުގެ ޓްލީން ރައޫލް ކައިރިން ރާހިމް އިންނަން އެހުމުން އޭނާ އާ ބަސް ބުނެ ވައިގެ ތެރޭގައި އަނގޮއްޓި އަޅާފައިވެއެވެ.

ޕްރޮފެޝަނަލް ސްކައި ޑައިވާ ބުނެފައިވަނީ ކޭކުގެ ތެރޭގައި އަންގޮއްޓި ފޮރުވައިގެން އިންނަން އެހުމަކީ މިހާރު އާދައިގެ ގޮތެއް ކަމަށާއި އެގޮތަށް އިންނަން އަހަން ވިސްނާފައި ނުވާ ކަމަށެވެ. އޭނާ ބޭނުންވީ ތަފާތު ގޮތަކަށް އެކަން ކުރަން ކަމަށް އޭނާ ބުނެފައިވެއެވެ.