ތައިލެންޑު އަންހެނަކަށް ގޮނޑުދޮށުން ބޮޑު މާވަހަރެއް ފެނިއްޖެއެވެ.

މި މާވަހަރު ފެނިފައި ވަނީ ތައިލެންޑުގެ ދެކުނުގައި އޮންނަ ނަހޮން ސި ތަމްމަރަތް ޕްރިވިންސުންނެވެ.

މާވަހަރު ފެނުނު ސިރިޕޮން ނިއަމްރިން އެ ގައުމުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބޯކޮށް ވާރޭ ވެހުމަށްފަހު މޫސުން ރަނގަޅު ވެފައި އޮއްވައި ގޮނޑުދޮށުން ހިނގާލާފައި ދަނިކޮށް އާދަޔާ ހިލާފު ބައްޓަމަކަށް އޮތް އެއްޗެއް ފެނުނު ކަމަށެވެ.

އެ މާވަހަރު އާދަޔާ ހިލާފު ބަރު ކަމަށް ސިރިޕޮން ބުނެފައިވެއެވެ. އޭނާ ބުނީ ފުރަތަމަ އެއީ ކޮން އެއްޗެއްކަން ނޭނގުނު ކަމަށާއި ނަމަވެސް އޭގައި މަސް ވަހެއް ދުވާތީ އެއީ އަގު ބޮޑު މާވަހަރެއްގެ ބާވަތަކަށް ވެދާނެ ކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށެވެ.

ބޮޑު މަހުން ބޭރުކުރާ އެފަދަ މާވަހަރަކީ އަގުބޮޑު އެއްޗަކަށް ވެފައި އެއީ ސެންޓު ފަދަ މީރުވަސް ދުވާ އެއްޗެހި އުފައްދަން ބޭނުން ކުރާ އެއްޗެއް ކަން މައުލޫމާތު އެނގޭ މީހުން ސިރިފޮން އަށް ކިޔައިދީފައިވެއެވެ.

ސިރިޕޮން ބުނީ އެއީ މާވަހަރަކަށްވެ އެ ބޮޑު އަގުގައި ވިކިއްޖެ ނަމަ އަވައްޓެރީންނަށްވެސް އެހީވާނެ ކަމަށެވެ. އޭނާ ބުނީ އެ މާވަހަރު ބެލުމަށް ލޯކަން ކައުންސިލަށް އެދިފައިވާނެ ކަމަށެވެ.

އެ މާވަހަރު ވިކިއްޖެ ނަމަ އޭގެ އަގު 3.9 މިލިއަން ރުފިޔާ އަށް އަރާނޭ ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު