ތައިލެންޑްގައި އަނދަމުން ދިޔަ ބޯޓެއްގައި ތިބި ހަތަރު ބުޅާ ސަލާމަތްކޮށްފިއެވެ.

އަންޑުމަން ސީގައި އޮތް ބޯޓު އަނދަން ފެށުމުން އޭގައި ތިބި ފަޅުވެރިން މޫދަށް ފުންމާލި ކަމަށްވެއެވެ. އަދި އެމީޙުން ސަލާމަތް ކުރަން މޫދަށް ފުންމާލީ ތައިލެންޑްގެ ނޭވީ ސިފައިންނެވެ. ބޯޓުގައި ތިބި މީހުން ސަލާމަތް ހޯދި އިރުގައި ބޯޓުގައި ތިބި ބުޅާތައް މަތިން ހަނދާން ނެތް ކަމަށްވެއެވެ.

މި ބުޅާތައް ފެނިފައިވަނީ ބޯޓުން ތެޔޮ ފައިބާ ކަން ރިޕޯޓު ކުރުމުން އެކަން ބެލުމަށް މަސައްކަތް ކުރަމުން ދިޔަ އޮފިސަރުންނަށެވެ.

ބުރަކަށި މައްޗަށް ބުޅާތައް ލައިގެން ފަތާފައި އޮފިސަރަކު އަންނަ މަންޒަރު

ބުޅާތައް ސަލާމަތްކޮށްފައި ވަނީ 23 އަހަރުގެ ނަވީ ކޯސްޓަލް ޑިފެންސް ކޮމާންޑް އޮޕަރޭޝަން ޔުނިޓުގެ އޮފިސަރެއްގެ މަގާމުގައި ހުރި ތެޓްސަފޯން ފަތާފައި ގޮސް ބޯޓަށް އަރައި ބުޅާތައް އޭނާގެ ބުރަކަށި މައްޗަށް ލައިގެންނެވެ.

ބުޅާ ތައް ސަލާމަތް ކުރުމަށް ބޯޓުގައި އޮފިސަރެއް ހަރަކާތްތެރި ވަނީ

ކެމެރާ އިން ޒޫމް ކޮށްގެން ބޯޓު ބެލި އިރުގައި ބުޅާތައް ފެނުނީ ކަމަށް އެއާ އެންޑް ކޯސްޓަލް ޑިވިޝަންގެ ފަސްޓް ކްލާސް އޮފިސަރެއް ބުންޏެވެ. ފޭސްބުކް އަށް އަޕްލޯޑު ކުރި ބުޅާތައް ސަލަާމަތް ކުރާ ވީޑިއޯއަށް 2،500 އަށް ވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ.

ފޭސްބުކްގައި އާންމުކުރި ވީޑިއޯގައި ފެންނަނީ ނެވީގެ ފަސް ވަރަކަށް އޮފިސަރުން ބުޅާތަކަށް ކާން ދީ ބުޅާތަކާއެކު ސަކަރާތް ޖަހަމުންދާ މަންޒަރެެވެ.

ބުޅާތައް ސަލާމަތް ކުރެވުމުން ހިތްހަމަ ޖެހުން ކަމަށް ބުނަމުން ތެޓްސަފޯން ބުނީ އޭނާ ބުޅާތައް ސަލާމަތް ނުކުރި ނަމަ ހަތަރު ބުޅާ ވެސް ގެނބިގެން ނުވަތަ ކަރު ހިއްކައި ގަނެގެން ގޮސް މަރުވެދާނެ ކަމަށެވެ.