ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ހަޔާތާއި ބެހޭގޮތުން ލިޔެފައިވާ ފޮތް ''އަންފިނިޝްޑް'' ހިންދީ ބަހުން ވެސް ލިޔެ ޝާއިޢު ކުރާނެ ކަމުގެ އިޝާރާތެއް އޭނާގެ އިންސްޓަގުރާމުގައި ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވެއެވެ.

ޕްރިޔަންކާގެ ކެއިރަރގައި ދިމާވި ކަންތައްތަކާއި ބޮލީވުޑަށް މުޅިން އައު މީހެއްގެ ގޮތުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއި ގޮންޖެހުންތައް ހިއްސާކޮށް ލިޔެފައިވާ މި ފޮތަކީ މިހާރު ނިއުޔޯކް ސިޓީގައި އެންމެ ހަލުވި ކަމާއި އެކު ވިކެމުންދާ ފޮތެވެ.

ޕްރިޔަންކާގެ ''އަންފިނިޝްޑް'' ފޮތުގައި ކެރިއރަގެ ފުރަތަމަ ދުވަސްވަރު ދިމާވި އުސްގަނޑުތަކާއި އަޑިގަނޑުގެ ވާހަކަ ތަކުން ފެށިގެން އިންޓަނެޝަނަލް ތަރިއަކަށްވެ ކެރިއަރގެ ކާމިޔާބީތައް ހާސިލު ކުރުމާއި ފިރިމީހާ ނިކް ޖޯނަސްއާއި ދިމާވެ ލޯބި ވެވުނު ގޮތާއި ކައިވެނީގެ ކަންތައްތަކާއި ބެހޭގޮތުން ވެސް މި ފޮތުގައި ލިޔެފައިވެއެވެ.

ޕްރިޔަންކާގެ ސަޕޯޓަރުންނަށް މި ފޮތުގެ ކޮންމެ ފޮޅުވަތަށް ވެސް ވީ ވަރަށް ޝައުގުވެރިވި ވާހަކަ ތަކަކަށެވެ. ޕްރިޔަންކާއާއި ބެހޭގޮތުން އެތައް ބައިވަރު ކަންތައްތަކެއް އެނގިގެން ދިޔަ ފޮތެއް ކަމުގައި މި ފޮތްވިއެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ މި ފޮތުގެ ހިންދީ ވާޝަންއެއް ނެރެން އުޅޭ ކަމުގެ އިޝާރާތެއް ޕްރިޔަންކާ ވަނީ ދީފައެވެ. އޭނާގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފައިވާ ވީޑިއޯއިން ފެންނަނީ ގަނޑެއްގައި ލިޔެފައިވަނީ ހިންދީ ބަހުން ދަތުރު އަދި ނުނިމޭ ކަމަށެވެ. އަދި މި ވީޑިއޯ ހިއްސާކޮށް ކެޕްޝަންގައި ލިޔެފައިވަނީ ވަރަށް އަވަހަށް އަންނަނީ ކަމުގައެވެ.

''އަންފިނިޝްޑް'' މި ފޮތް ހިންދީ ބަހުން ލިޔެގެން ނެރުމަކީ ޕްރިޔަންކާގެ އުފަން ގައުމުގެ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.