ގޭތެރޭގައި ބޭނުންކުރާ ތަކެތި ބަދަލު ކުރަން ޖެހޭ މިންވަރާއި އައު ކުރަން ޖެހޭ ހާލަތްތަކުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ނިދާ އެނދުގެ ބެޑް ޝީޓު ބަދަލު ކުރަންވާނީ ކިހާ ދުވަހަކުންތޯއާއި ގޭގެ ދޮރުފޮތި ބަދަލު ކުރަންޖެހޭނީ ކިހާ ދުވަހަކުންތޯ މިއީ އަބަދުވެސް ދެކެވޭ ވާހަކަ ތަކެކެވެ.

ނިދާ ބާލީހުގެ އުރައަކީ ވެސް ވަރަށް އަވަހަށް ބަދަލު ކުރަން ޖެހޭ އެއްޗެއްކަން ގިނަ މީހުންނަށް އެނގެއެވެ. އެއީ ހަންގަނޑަށް އޭގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ޓަކައެވެ.

ނަމަވެސް ނިދަން ގެންގުޅޭ ބާލީސް އައު ބާލީހަށް ބަދަލު ކުރަން ޖެހޭކަން އެނގޭ ހެއްޔެވެ؟ ޑރ. ކަރަން ރާޖު ޓިކް ޓޮކްގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ ކޮންމެ ދެ އަހަރަކުން ވެސް ނިދަން ބޭނުން ކުރާ ބާލީސް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. ބާލީހަކީ ވެސް ބާލީހުގެ އުރައެކޭ އެއްފަދައިން ހަޑިވާ އަދި އޭގެ ސަބަބުން އެކިއެކި ބަލިތައް ޖެހުމަށް މަގުފަހިވާ އެއްޗެއް ކަމަށް ވެސް ޑރ. ރާޖު ބުނެފައިވެއެވެ.

އެތައް ބަޔަކު ބަލާފައިވާ މި ވީޑިއޯ ހަލުވި ކަމާއި އެކު މީސް މީޑިއާގައި ފެތުރެމުން ދަނީ މި ވީޑިއޯގައި ޑރ. ކަރަން އޮޅުންފިލުވައިދީފައިވާ ކަންތަކުގެ ސަބަބުންނެވެ.

އެންމެ މަދުވެގެން ކޮންމެ ދެ އަހަރަކުން ބާލީސް ބަދަލު ކުރަން ޖެހޭނެ ކަމަށް ރާޖު ބުނެފައިވަނީ ބާލީސް ބަދަލު ނުކުރާނަމަ އޭގައި ހުންނަ ޖަރާސީމުގެ ސަބަބުން ނޭވާލުމުގެ މައްސަލަތަކާއި އެލާޖިކްވުމުގެ މައްސަލަތައް ކުރިމަތިވާނެތީއެވެ.

އިންސާނެއްގެ ހަށިގަނޑުން ކޮންމެ އަހަރަކު 4 ކިލޯ ގުރާމުގެ ހަން ވަކިވެގެންދާ ކަމަށާއި މީގެ ދެބައިކުޅަ އެއްބައި ހުންނަނީ ނިދާ އެނދާއި ބާލީހުގައި ކަމަށް ވެސް ރާޖު ބުނެފައިވެއެވެ. މީގެއިތުރުން ބާލީހުގައި ހުންނަ ކިލާގެ ސަބަބުން ވެސް ޖަރާސީމު އުފެދޭ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝުކުރިއްޔާ

    ރަގަޅު މަޢްލޫމާތު ކޮޅެއް.

    17
  2. ކަންތަކާޖެހުނީ

    ބާލީސް ބަދަލު ކޮށްކޮށް ރުފިޔާކޮޅު ހުސްވެދާނެނު. ދެން ނިދާނީ ރަޖާގަޑު ފަށްކޮށްގެން ބޯދަށަށް ލައިގެން. ކޮންމެ ހަފުތާޔަކުދޮވެވޭނެނު