ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު ރޭގަނޑުގެ އަނދިރި ސާލު ދުނިޔެއާ ވަކިކުރަމުން އައު ފަތިހަކަށް ދުނިޔެ ހޭލައްވާލިއެވެ. ހުޅުމާލޭގެ މަގުތަކުން ބައެއް ދުއްވާ އެއްޗެހީގެ ހިލަން ވަމުންދިޔައެއްކަމަކު ފަތިހުގެ ފިނީގައި ނުކުމެ އުޅޭ މީހުންތައް ވަރަށް މަދެވެ. އިރު އޭގެ ދޯދިތަކުގެ އެހީގައި ދުނިޔެ އަލިކުރަމުންދިޔައިރު ކޮންމެވެސް ވަރަކަށް ވައިގަދަހެން ހީވެއެވެ. މިމަންޒަރު ބަލަން ފްލެޓްތަކުގެ މެދަށްވާ ގޮތަށް ހުންނަ ގޯޅީގައި ހުރި ޖޯއްޔެއްގައި އޮށޯވެގެން އޮތް ޝިނާލްގެ ހިތުގައި ވަނީ ގޮތް ނޭނގޭ ހާސްކަމެއް ވެރިވެފައެވެ. ހަށަން ބަނދެލައިގެން މައްޗަށް ބަލަން އޮތްއިރު އެލޮލުން ފެންނަނީ ވަރުބަލިކަމެވެ. ނުނިދާ ހުރުމުން ދެލޯވަނީ އެއްކޮށް ރަތްވެފައެވެ. މިހެން އޮވެލުމަށްފަހު ޝީނާލް ތެދުވީ މަންމަ ހޭލައިގެން ނުކުންނަން ވާއިރަށް ގޭތެރެއަށް ވަނުމަށެވެ.

ސައިތައްޔާރުކުރަން ހުރި ޝީލާއަށް އެތެރެއަށް ވަދެގެން އައި ޝިނާލް ފެނުމުން ކުރަން ހުރި ކަންތައް ހުއްޓާލުމަށްފަހު ޝިނާލްއަށް ސަމާލުކަންދެވުނެވެ.

"ދަރިފުޅާ. ކިހިނެއްވެފަ ތިހުރީ. ހާދަ އަވަހަކަށް ހޭލައިގެން. ރޭގަ ނުނިދަންތަ؟" ޝިނާލްގެ ދެލޮލަށް ބަލާލަމުން ޝީލާ އެއްސެވެ.

މަންމައާ ދިމާލަށް ބެލުމަށްފަހު އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ޝިނާލް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އޭގައި އިށީނެވެ.

"މަންމާ. ނުނިދެޔޭ ރޭގަނޑަކު މިހާރު" މޭޒުމަތީގައި ވިއްދާލި އަތުން މޫނުމަތި ފޮރުވާލަމުން ޝިނާލް ބުންޏެވެ. ކުރިމަތީގައި ހުރި ގޮނޑިއެއްގައި ޝީލާ އިށީނީ ދަރިފުޅަށް ސަމާލުކަން ދެމުންނެވެ.

"އެއީ ކީއްވެ ނުނިދެނީ؟"

"ނޭނގޭ. ކުރިން ދުވަހު މެންދަމު ޑިއުޓީ ނިންމާފައި ގެއަށް އައީސްސުރެން ފާޑެއްގެ ގޮތްތަކެއް ވަނީ"

"ކޮން ގޮތްތަކެއް؟" ކަންބޮޑުވެފައިވާ ރާގަކަށް ޝީލާ އެއްސެވެ.

""ހީވީ މީހަކު އެރޭ ފަހަތުން އަންނަހެން. މަންމައަށް ގުޅައިގެނެއްނު ހުރީ ގެއަށް އައިއިރު. ދެން އެރޭއްސުރެ ހަމަ ނިދޭގޮތް ނުވަނީ. ބޭރުގަ އަނދިރިވާފަހުން އުޅެފިއްޔާ ހީވަނީ ހަމަ މީހަކު އުޅޭހެން އަހަރެންގެ ފަހަތުގައި. ދެން އެކަންތައް މާ ބޮޑުވާން ފެށީމައި ނުވެސް ނިދޭ"

އެއީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ވީކަމެކެވެ. ޝިނާލްއަކީ އެއާރޕޯޓުގައި މަސައްކަތްކުރާ ހީވާގި މުވައްޒަފެކެވެ. ޝިނާލްގެ ބައްޕަވަނީ ޝިނާލް ވަރަށް ކުޑައިރު ނިޔާވެފައެވެ. އެހެންކަމުން ޝިނާލް ބަލާބޮޑު ކުރީ ޝީލާގެ ހިތްވަރުންނެވެ. ހުރިހާ ކަމެއް ޝިނާލްއަށްޓަކާ ކޮށްދެމުންދިޔައީ އެކަނި މާއެކަނިއެވެ. އެދެމައިންގެ ގުޅުން އާންމުކޮށް މިއުޅޭ މަންމައިންނާއި ދަރިންގެ ގުޅުމަށްވުރެ ވަރުގަދަވެފައި ހަރުދަނަލެވެ. ޝިނާލްއަކީ އޭނަގެ މަންމައަށް އެއްވެސް ކަމެއް ސިއްރުކުރާ ކުއްޖެއް ނޫނެވެ.

އެރޭވެސް ޑިއުޓީ ނިންމާފައި ޝިނާލް ގެއަށް އައީ ރައްޓެއްސެއްގެ ކާރުގައެވެ. އައި މަގުމަތީގައި ޝިނާލްއަށް އޭނަގެ މަންމަގެ ފޯނުކޯލެއް އައެވެ. ކާރު ފްލެޓް ކައިރީގައި ހުއްޓާލުމުން ޝިނާލް ކާރުން ނުކުތްއިރު މީހެއްގެ ގައިގައި ޖެހުނު ކަހަލަ އިހްސާސެއްވިއެވެ. ނަމަވެސް ކުރިމަތީގައި އޭރު މީހެއް ނެތެވެ. ޝިނާލް ކާރުން ފޭބީ އެހާ ބޮޑަށް ބަލައިގެން ނޫންކަމުން އެތަނުގައި މީހަކު ހުރިނަމަވެސް އޭނައަކަށް ނޭގުނީހެވެ. ނަމަވެސް މީހެއްގެ ގައިގައި ޖެހުނުހެން ހީވެގެން ބެލިއިރު މީހަކު ފެންނަން ނެތުމުން ވަރަށް ހާސްވިއެވެ. މަންމައާ ވާހަކަ ދައްކަމުން އައިއިރު މަންމަ ހުރީ ދޮރު ހުޅުވައިގެން ފޯނު ކަންފަތާ ކައިރިކޮށްގެންނެވެ. ޝިނާލްމެން އުޅެނީ އެތަނުން ފްލެޓްއެއްގެ ތިރީ ބައިގައި ކަމުން މަގުމަތިން އަންނައިރު ގޭގެ ދޮރުމަތި ރީއްޗަށް ފެނެއެވެ. އެރޭއްސުރެން ޝިނާލް ކައިރީގައި މީހަކު އުޅޭހެން ޝިނާލްއަށް ހީވަނީއެވެ. އެކަމަކު އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ.

ޝިނާލް މަންމަ ޝީލާއަށް މިކަންތައް އެނގުމުން ވަރަށް ހާސްވިއެވެ. ދަރިފުޅު ޝީނާލްއަށް އެއްވެސް ކަހަލަ އުދަނގުލެއް ވަންޏާ ޝީލާއަކަށްވެސް ހަމަޖެހިލައިގެން ނޫޅެވޭނެއެވެ. ޝިނާލްއާ ވާހަކަ ދެއްކުމަށްފަހު ޝީލާ ބުނީ ދެން ޑިއުޓީއަށް އަންނަ އިރު ޤްރްއާން ޖަހައިގެން އެއަޑު އަހަމުން އައުމަށެވެ. އަދި އިތުރު ކަމެއް ވަންޏާ ބޮޑުބެ ލައްވާ ރުޤްޔާ ކުރުވާނީކަމަށް ޝީލާ ބުންޏެވެ. އަދި މިދުވަސްކޮޅު ރޭގަނޑު ބޭރަށް ދާން ކޮންމެހެން ނުޖެހޭނަމަ ނުދިއުމަށްވެސް ނަސޭހަތްދިނެވެ.

އޭގެ ދެދުވަސް ފަހެވެ. މިރެއަކީ ޝިނާލްގެ ރޭގަނޑުގެ ޑިއުޓީ އޮންނަ ރެއެވެ. ކުރީ ދެދުވަސް އެއީ ބަންދު ދެދުވަސްކަމުން ރޭގަނޑު އަނދިރިވުމުން އެއްވެސް ގޮތަކަށް ޝިނާލް ގެއިން ނުނުކުމެއެވެ. އެހެންކަމުން އެކަހަލަ އުދަނގުލަކާ ކުރިމައްޗެއް ނުވެއެވެ.

ރޭގަނޑު ޑިއުޓީގައި ޝިނާލް ހުއްޓާ ވަރަށް ގަދަޔަށް ވާރޭވެހި ވިއްސާރަކުރަންފެށިއެވެ. ޑިއުޓީއަށް އަންނަން ގެއިން ނުކުތީއްސުރެން ޝިނާލް އުޅުނީ ޤްރްޢާން ޖަހައިގެން ހެޑްސެޓުން އެއަޑު އެހުމުގައި ކަމުން ކުރިންވާކަހަލަ ކަމެއް އެވަގުތަކު ނުވެއެވެ. ނަމަވެސް އެގޮތަށް އަބަދު ފޯނު ހުޅުވިފައި އޮންނަން ވުމުން ދަންވަރު ގެއަށް ދާން ޖެހުނުއިރު ޝިނާލްގެ ފޯނު އޮތީ ނިވެން ކައިރިވެފައެވެ. އެހެންކަމުން ޝިނާލް ގަސްތުކުރީ މަންމަ ޝީލާއަށް ގުޅައިގެން ހުރެ ގެއަށް ދިއުމަށެވެ. އޭރުން ފަހަރެއްގައި މީހާ ހަމަޔަކަށް އެޅިދާނެއެވެ.

ޑިއުޓީ ނިމުމުން ގެއަށްދިޔުމަށްޓަކައި ޝިނާލް ބަހަށް އެރިއެވެ. އެވަގުތުވެސް ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. ނަމަވެސް ގެއާ ހަމަ ވާން ކައިރިވުމުން ޝިނާލް އެދުނީ ޑްރައިވަރ ކައިރީގައި ފްލެޓްއާ ތަންކޮޅެއް ދުރުގައި މަޑުކޮށްލަދިނުމަށެވެ. ސަބަބަކީ ދެންހުރި ގެތަކާއި ފިހާރަތަކުގެ އަސްކެނިތައް ދަށުން ގޮއްސިއްޔާ ނުތެމި ދެވޭނެތީއެވެ. ނަމަވެސް ބަހުން ގެ ކައިރިއަށް ހުއްޓައިފިއްޔާ ގޭގެ ދޮރާ ހަމައަށް ދެވޭއިރު މިވާރޭގައި ޝިނާލް އެއްކޮށް ތެމި ފޯވާނެތީ ޝިނާލް ނިންމީ ޖެހިގެން ހުންނަ ފިހާރަ ބަރީގެ އަސްކެނިތައް ދަށުން ގެއާ ހަމައަށް ދިއުމަށެވެ. ބަހުން ފައިބައިގެން ޝިނާލް މަންމަގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް ޝީލާ އެގަޑީގައި ފޯނެއް ނުނަގައެވެ. އިތުރަށް ގުޅަން ނަހަދައި ޝިނާލް ގެއާ ދިމާލަށް ދިއުމަށް މިސްރާބުޖެހީ ހަނދާން ހުރިއްޔާ ހުރި ހެޔޮ އެއްޗެއް ކިޔަމުންނެވެ. ކުޑަކޮށް އަޑު ނެރެގެން ކުރުސިފަދަ ހެޔޮ އެއްޗެހި ކިޔަމުން ދިޔައީ އެވެހޭ ބޯވާރޭ ތެރޭގައި އަޑު ހަރުކޮށް ކިޔަސް މީހަކަށް ނޭނގޭނެތީއެވެ.

ގެ ފެންނަން ފެށިވަގުތު ޝިނާލްގެ މޫނުން ހިތްހަމަ ޖެހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. މަންމަ ޝީލާ ހުރީ ގޭގެ އަސްކެނި ދޮށުގައި ހުއްޓިލައިގެންނެވެ. ނަމަވެސް މަގުމައްޗަކަށް ނުބަލައެވެ. މަންމާއޭ ކިޔާފައި ވަރަށް ބާރަށް ޝިނާލް ގޮވާލިއެވެ. ނަމަވެސް އެއަޑު ވާރެޔާ އެކުވެގެން ދިޔައީއެވެ. އޭރުވެސް ޝިނާލަށް ހުރެވުނީ ގެއާ ކުޑަކޮށް ދުރުގައިކަމުން ޝީލާއަށް ޝިނާލް ނުފެނޭ ކަންނޭނގެއެވެ. ހިނގަމުން މަންމައާ ދިމާލަށް އައި ޝިނާލްގެ ފޯނު ވައިބްރޭޓް ވާންފެށުމުން ފޯނު ނަގައި ބެލިއިރު ގުޅަނީ މަންމަ ޝީލާކަން އެނގުމުން ޝިނާންގެ ހިނގުން ކުޑަކޮށް މަޑުވިއެވެ. ކުރިމައްޗަށް ބަލާލިއިރު މަންމަ ހުރީ ހަމަ އިހުހުރިގޮތަށް އިސްޖަހާލައިގެން ދޮރު ކައިރީގައެވެ. ނަމަވެސް އެމަންމަގެ ފަހަތުން ގޭގެ މައިދޮރު ހުޅުވާފައި އެނުކުތީވެސް ހަމަ ޝީލާއެވެ. ޝިނާލްގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައީ މިމަންޒަރު ފެނިފައެވެ. ދޮރު ހުޅުވާފައި ނުކުތް ޝީލާ ހުރީ ކަންފަތުގައި ފޯނު ޖައްސާލައިގެންނެވެ. ޝީލާ ފެނުމުން ދެން ޝިނާލްގެ ލޯ ދަތުރުކޮށްލީ ކުޑަކޮށް ދުރުން އަސްކެނި ދަށުން ފެނުނު ޝީލާ ހުރި ދިމާލަށެވެ. ނަމަވެސް މިހާރު އެތަނުގައި އެކަކުވެސް ނެތެވެ.

ޝިނާލް ގުޅާފައި އޮތްތަން ފެނިގެން އަވަހަށް ޝިނާލްއަށް ގުޅަމުން ގޭގެ ދޮރު ހުޅުވާފައި ނުކުތް ޝީލާއަށް ދުރުގައި ހުއްޓިގެން ހުރި ޝިނާލް ފެނުމުން އެދިމާލަށް ހިނގައިގަނެވުނެވެ. ހުއްޓުން އަރާފައި ހުއްޓަސް ޝިނާލް ދިޔައީ ކުރުސި ކިޔަމުންނެވެ. އެވެސް ކައިރީގައި މީހަކު ހުރިއްޔާ އަޑު އިވޭނެހާ ބާރަށެވެ. ގަޔަށް ފުމެލުމަށްފަހު މަންމަ ޝީލާއާ ދިމާލަށް ޝިނާލް މިސްރާބުޖެހިއެވެ. އަދި މަންމަގެ ގަޔަށްވެސް ފުމެލުމަށްފަހު ގެއަށް ވަންނަމުން ކިޔާ ދުޢާ ކިޔަމުން ދެމައިން ގޭތެރެއަށް ވަނެވެ.

އެރޭ މަންމަގެ ސިފައިގައި ފެނުނީ މަންމަ ނޫންކަން ޝިނާލްއަށް އެނގުނެވެ. އެހެންކަމުން ގެއަށްވަދެ ވަގުތުން މަންމައާ އެވާހަކަ ހިއްސާ ކުރިއެވެ. ދަރިފުޅު ޝިނާލް ދައްކާ ވާހަކަ ޝީލާ އަޑުއެހިއެވެ. އަދި ފޯނުނަގައި ބޮޑުބެއަށް ގުޅައި ވެގެން އުޅޭގޮތް ކިޔައިދިނެވެ. ބޮޑުބެ ބުނެދިން ސޫރަތް ތަކެއް ކިޔެވުމަށްފަހު އެރޭ އެދެމައިން ނިދީ އޭގެ އަނެއް ދުވަހު ބޮޑުބެއާ ބައްދަލުކުރުމަށް ނިންމައިގެންނެވެ.

އަނެއް ދުވަހު ހެނދުރު އިރު އެރުމާއެކު ޝިލާގެ ބޮޑުބެ ދިޔައީ އެގެއަށެވެ. ކަންތައްވީގޮތް ސާފުވުމުން ޝީލާއާއި ޝިނާލް އެކަމުން ސަލާމަތްކުރުމުގެ މަސައްކަތް ބޮޑުބެ ފެށިއެވެ. އެކަމުގައި ރޫޚާނީ ކަމެއްވާކަމަށާއި ޝިނާލްއަށް ނޭނގި ކޮންމެވެސް އެކަހަލަ އެއްޗެއްގެ ގައިގައި ޖެހުމުން އެކަމާ ހިތްހަމަ ނުޖެހިގެން އުޅެދާނެކަމަށް ބޮޑުބެ ބުންޏެވެ. އަދި ކުރީ ރޭގައި ސީދާ ގޭގެ ދޮރު މައްޗަށް ބަސް ހުއްޓުވައިގެން ޝިނާލް ނުފޭބިކަން އެއީ ނަސީބެއްކަމަށް ބުންޏެވެ. އެހެންނޫންނަމަ ޝީލާގެ ސިފަ ޖެހިގެން ހުރި އެތީގެ އުދަނގޫ ޝިނާލްއަށް ކުރާނެ ގޮތެއްވެސް ނޭނގޭކަމަށްވެސް ބުންޏެވެ. އަދި ޝިނާލްއާއި ޝީލާ އެފަދަ ކޮންމެ ވަގުތެއްގައި ހެޔޮ އެއްޗެހި ކިޔައި އަމިއްލަ ސަލާމަތް ޚިޔާރުކުރި ކަމަށް ބުނެ އެކަމާ ބޮޑުވެ އުފާކުރިއެވެ.

ބޮޑުބެ ބުނިފަދައިން މަސައްކަތް ކުރުމުން އެރޭގެ ފަހުން ޝިނާލްއަށް އެފަދަ ކަމަކާ ކުރިމަތި ނުވެއެވެ. މިހާދިޡާ ހިނގި ފަހުން ޝިނާލް ވެގެން ދިޔައީ ޤްރްޢާން އަދި ނަމާދަށް ނުހަނު ކަމޭހިތައި އެކަމަށް ލޯބިކުރާ ކުއްޖަކަށެވެ. މާތްﷲގެ އިރާދަފުޅުން އޭގެ ފަހުން އެފަދަ އުދަނގުލެއް ޝިނާލްއަށް ނުވެއެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޤުލް

    މިދިޔަ އަހަރު ރޯދަމަހު ލިޔުން އަހުލާމް ވާހަކައިގެ ނުނިމޭ ބައި ކޮބާ