އުމުރުން 27 އަހަރުގެ ކިމް ޖި ސޫއަކީ ދެކުނު ކޮރެޔާގެ ޑްރާމާތަކުގައި ދެވަނަ ލީޑެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެކްޓަރެކެވެ. އެތައް ފިލުމެއްގައި ދެވަނަ ލީޑް ރޯލު ކުޅުމަށް ފަހު ޑްރާމާގެ މެއިން ލީޑް ރޯލު ކުޅުމަށް ލިބުމުން މެދުތެރެއިން ޑްރާމާ ދޫކޮށްލަން ޖެހުނީ އޭނާގެ ސުކޫލު ދައުރުގައި ކޮށްފައިވާ ކުށް ތަކެއްގެ ސަބަބުންނެވެ.

ސުކޫލު ދައުރުގައި ޖިސޫ ވަނީ ހަނގާ ކުރުމާއި ސުކޫލުގައި މަރާމާރިތައް ހިންގުމާއި ބަހުންނާއި އަމަލުން ކުދިންނަށް އަނިޔާ ދިނުމާއި ބިރު ދެއްކުމާއި މިފަދަ އެތައް ތުހުމަތެއް ޖިސޫއަށް ވަނީ ކުރެވިފައެވެ.

މިކަމާއި ގުޅިގެން ޖިސޫގެ އެޖެންސީ ކީއީސްޓް އެންޓަޓެއިންމަންޓުން ދަނީ މިކަން އިތުރަށް ބަލަމުން ކަމަށް އެ އެޖެންސީއިން ހާމަކޮށްފައިވެއެވެ. އަދި މި ކަންތައްތައް ކުރި ކަމަށާއި އެކަމަށް މަޢާފަށް އެދި ޖިސޫ ވަނީ ސިޓީއެއް އާއްމު ކޮށްފައެވެ.

ޖިސޫ އަމިއްލަ އަތުން ލިޔެފައިވާ މި ސިޓީގައި އޭނާ ބުނެފައިވަނީ ކުރީގައި ހިނގާފައިވާ ކަންތައްތަކަށް މަޢާފަށް އެދޭ ކަމަށާއި އަދި މިހާރު ކުޅޭ ޑްރާމާ ''ރިވާ ވެއަރ ދަ މޫން ރައިސަސް'' ގެ ޓީމުގެ ކިބައިން ވެސް މަޢާފަށް އެދިފައިވެއެވެ.

ޖިސޫ ބުނެފައިވާ ގޮތުގައި އޭނާ ކޮށްފައިވާ ކުށަށް އެއްވެސް ބަހަނާއެއް ދެއްކެން ނެތް ކަމަށާއި އަދި އެކްޓިން ފެށުމުން އެކަންތައް ސިއްރު ކުރެވިފައިވީ ނަމަވެސް ހިތުގައި އަބަދުވެސް އެކަން އޮންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ މައްސަލަ ތަކަކާއި ވެސް ކުރިމަތިވީ ކަމަށް އޭނާ ބުނެފައިވެއެވެ.

''ސްޓްރޯންގް ވުމަން ދޮ ބޮންގް ސޫން''، ''މޫން ލަވާސް: ސްކާލެޓް ހާޓް ރެޔޯ'' ފަދަ ޑްރާމާ ތަކުން ފެނިފައިވާ ޖިސޫގެ ފަރާތުން އަނިޔާ ލިބުނު އެންމެންގެ ކިބައިން އޭނާ މަޢާފަށް އެދިފައިވެއެވެ