ސުޝާންތު ސިންގް ރާޖުޕޫތާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީއާ އެކުގައި ފިލުމެއް ކުޅޭނެ ކަން އޮތީ ކުރިން އަޑު ފެތުރިފައެވެ.

އެކަމަކު، ސުޝާންތުގެ މަރަށް ފަހު ރިއާ އަށް އެތައް ކަމަކާ ކުރިމަތިލާން ޖެހުނެވެ. އަދި މިކަންތައްތަކުގެ ސަބަބުން ރިއާގެ ފިލްމީ ކެރިއަރަށް ކުރިމަތިވި ހުރަސްތައް އެއްފަރާތްކޮށްލައި އަލުން ރިއާގެ ކެރިއަރު ފެށުމުގައި އެހީތެރިވެދޭން ޑިރެކްޓަރު ރޫމީ ޖެފްރީ ހުރީ ތައްޔާރަށެވެ.

އަމީތާބު ބައްޗަން އާއި އިމްރާން ޚަޝްމީ އާއި އަންނޫ ކަޕޫރާއި ކްރިސްޓަލް ޑި ސޫޒާ ފެނިގެންދާ ފިލުމު ''ޗެހެރޭ'' އަކީ ރިއާ އެނބުރި ފިލުމު އިންޑަސްޓްރީއަށް ނުކުންނަ ފިލުމު ކަމަށް ރޫމީ ބުނެފައިވީ ނަމަވެސް ފިލުމުގެ ޕޯސްޓާ އާންމު ކުރިއިރު އެ ފޮޓޯގައި ރިއާއެއް ނުހިމެނެއެވެ.

''މި ހުރިހާ ދުވަހަކު ވެސް އަހަރެން ގަބޫލު ކުރިން ރިއާގެ ކުށެއް ނެތް ކަން. ރިއާ އާއި އޭނާގެ އާއިލާއަށް މިފަދަ އިހާނެތިކޮށް ކަންތައް ކުރާކަށް ނުވާނެ. ރިއާގެ ބައްޕައަކީ އެތައް އަހަރެއް ވަންދެން ގައުމަށް ޚިދުމަތް ކޮށްދީފައިވާ މީހެއް. މިހުރިހާ ކަންތައްތަކެއްގެ ކުރިން ވެސް އަހަރެން ރިއާ އާއި އެކު މަސައްކަތް ކުރިން. އަދި ފުރަބަންދު ނިމުމުން ރިއާ އާއި ސުޝާންތުގެ ލޯބީގެ ވާހަކައެއް ދައްކުވައިދޭ ފިލުމެއް ލަންޑަނުގައި ކުޅުމަށް ވެސް ޕްލޭން ކުރިން. ނަމަވެސް ކަންތައް ވެގެން ދިޔައީ މުޅިން ތަފާތު ގޮތަކަށް'' ރޫމީ ބުނެފައިވެއެވެ.

ރޫމީ ބުނެފައިވާ ގޮތުގައި މި ލޯބީގެ ފިލުމުގެ މަސައްކަތް އޭނާ ދެން ކުރާނީ ރިއާ އާއި އަދި އެހެން ކޮންމެވެސް އެކްޓަރަކާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު