ސްޕޭންގެ އަންހެނަކު އައިވީއެފް ހަދައިގެން އުމުރުން 64 އަހަރުގައި ހޯދި އެއްމާބަނޑު ދެކުދިންނާއި އެކު އެއަންހެން މީހާ ދަރިއަކު ލިބުމުގެ އުފަލާއި ހިތްހަމަޖެހުން ހޯދަމުން ދަނިކޮށް އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ސްޕޭންގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.

މޯރިސާ ނަމަކަށް ކިޔާ އަންހެން މީހާގެ ދެދަރިން ދައުލަތައް ނަގަން މަސައްކަތް ފެށުމުން އޭނާ އެކި މަރުހަލާތަކުގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން އުޅޭތާ ހަތަރު އަހަރު ފަހުން އިއްޔެ އެންމެ ފަހުން ސުޕްރީމް ކޯޓުން ވެސް ޙުކުމް ކުރީ މޯރިސާ އަކީ ކުޑަދެކުދިން ބެލެހެއްޓޭނެ ފަދަ ނަފްސާނީ ގާބިލްކަން ހުރި އަންހެނެއް ނޫން ކަމަށެވެ.

"އެއްމާބަނޑު ދެކުދިން ބަލަހައްޓައި އެކުދިންނަށް ބޭނުންވާ ކަންކަން ކޮށްދެވޭނެ ފަދަ ގާބިލްކަމެއް މޯރިސާގެ ކިބަޔަކު ނެތް. ނަމަވެސް މިމައްސަލަ ނިންމުމުގައި ބަލާފައި މިވަނީ އޭނާގެ އުމުރަކަށް ނޫން. މައްސަލަ ނިންމުމުގައި ބެލީ މޯރިސާގެ ނަފްސާނީ ގާބިލްކަމަށް." ކޯޓުގެ ޙުކުމާއި ހަވާލާދީ ސްޕޭންގެ ނޫހެއްގައި ބުނެފައި ވެއެވެ.

އިތުރަށް ޙުކުމުގައި ބުނެފައި ވަނީ މޯރިސާ ދެކުދިން ބަލަން ޖެހިފައި ވަނީ އާއިލާގެ ވެސް އެހީތެރިކަމެއް ނެތި ކަމަށާއި އެހެންކަމުން ދެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދެކުދިންގެ ބެލެނިވެރިކަން މޯރިސާގެ އަތުން ނަގައި ދެކުދިންގެ ބެލެނިވެރިކަން ދައުލަތާއި ހަވާލު ކުރަން ޖެހޭ ކަމަށެވެ.

ދެދަރިން ދައުލަތާއި ހަވާލު ކުރަން މޯރިސާގެ މައްޗަށް ޙުކުމް އިއްވި ނަމަވެސް އޭނާ އަށް އޭނާގެ ދަރިންނާއި ބައްދަލު ކުރުމުގެ ހުއްދަ އޮންނާނެ ކަމަށް ކޯޓުގެ ޙުކުމުގައި ވެއެވެ.

ޙުކުމާއި ގުޅިގެން މޯރިސާ ބުނީ އިންސާފު ހޯދުމަށް އޭނާ ކުރަމުން އައި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވެފައިވާ ކަމަށާއި ދެން ބުނާނެ އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

އުމުރުން ދޮށިވެފައި ވަނިކޮށް މޯރިސާ އަށް އެއްމާބަނޑު ދެކުދިން ލިބުނީ އެމެރިކާގައި ހާއްސަ ފަރުވާއެއް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު