މަޝްހޫރު ފަންނާނުންނަކީ އެމީހުން ދެކެ ލޯބިވާ އެތައް ބަޔަކު ތިބޭ ފަދައިން އެމީހުންނަށް ހަސަދަވެރިވާ ވެސް އެތައް ބަޔަކު ތިބޭ މީހުންނެވެ.

ލޯތްބާއި ނަފްރަތުގެ އިތުރުން މަޝްހޫރު ފަންނާނުންނަށް ނުރައްކާތެރި އެތައް އިންޒާރުތަކެއް ވެސް ލިބެއެވެ. މިގޮތުން ބިގް ބޮސް 13 ގެ މެމްބަރެއް ކަމުގައިވާ ޝެހެނާޒު ގިލްއަކީ ވެސް އޭނާއަށް ތާއީދު ކުރާ އަދި އޭނާ ދެކެ ލޯބިވާ އެތައް މިލިއަން ސަޕޯޓަރުންނެއް ތިބި ނަމަވެސް ނުރައްކާތެރި އިންޒާރެއް ލިބިފައިވާ ފަންނާނެކެވެ.

މީސް މީޑިއާގައި ހަރަކާތްތެރި ޝެހެނާޒުގެ ގަޔަށް އެސިޑު ޖަހާނެ ކަމުގެ އިންޒާރުތަކާއި ފާޑުފާޑުގެ ވީޑިޔޯތައް އާއްމު ކުރަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމަކާއި އޭނާ ބިރެއް ނުގަނެއެެވެ.

މިކަމާއި ގުޅިގެން ބޮލީވުޑު ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ޝެހެނާޒު ބުނެފައިވަނީ އެފަދަ އަމަލު ތަކަކީ އޭނާއަށް އެހެން މީހުންގެ ހަމްދަރުދީ ލިބޭނެ ކަމެއް ކަމަށެވެ.

''މިފަދަ އިންޒާރުގެ ސަބަބުން އަހަރެންނަށް އެއްވެސް އަސަރެއް ނުކުރާނެ. ނަމަވެސް އޭގެ ބަދަލުގައި އަހަރެންނަށް ލިބޭނީ އެހެން މީހުންގެ ހަމްދަރުދީ. އެފަދަ ވާހަކަ ދައްކާ މީހުންނަކަށް ނޭނގެ މީހަކާއި މެދު ''ނެގެޓިވް'' ކޮށް ވާހަކަ ދެއްކުމަކީ އަނެއް މީހާއަށް ލިބޭ ''ޕޮޒިޓިވް'' ކަމެއްކަން. ޝެހެނާަޒު ބުނެފައިވެއެވެ.

ބިގް ބޮސް ޝޯއަށް ފަހު ވީޑިއޯ ލަވަތަކުގައި ހަރަކާތްތެރި ވަމުންދާ ޝެހެނާޒް ގިލްގެ އެންމެ ފަހު ލަވައަކީ ''ފްލައި ވިތު ބާޑްޝާހް'' އެވެ. މިހާރު ކެނެޑާގައި ކުރިއަށް އޮތް ފިލުމުގެ ޝޫޓިންތައް ނެގުމަށް ގޮސްފައިވާ ޝެހެނާޒުގެ މި ފިލުމުން ފެންނާނީ ދިލްޖީތް ދޮސަންޖްއާއި ސޯނަމް ބަވޭޖާއާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު