އެމެރިކާގެ ސްޓޭޓެއްގައި ކޯރެއް ކައިރިއަށް ދިޔަ ދެމައިންގެ ތެރެއިން މަންމަ ކޯރުގެ ތެރެއަށް ވެއްޓުމުން މަންމަ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި 12 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. މަންމަ އާއިއެކު އަންހެން ކުއްޖާ ކޯރުގެ ކައިރިއަށް ގޮސް އުޅެނިކޮށް މަންމަ ކޯރަށް ވެއްޓުނެވެ. އެއާއި އެކު މަންމަ ސަލާމަތް ކުރަން އަންހެން ކުއްޖާ ފުންމާލިއެވެ. ނަމަވެސް މަންމަ ސަލާމަތް ނުކުރެވިގެން އުޅެނިކޮށް ކުއްޖާ ވަނީ ގެނބިގެން އަޑިއަށް ގޮސްފައެވެ.

އެމަންޒަރު ފެނުނު ފިރިހެނަކު ވަނީ ކޯރަށް ފުންމާލައިގެން މަންމަ ސަލާމަތް ކޮށްފައެވެ. ނަމަވެސް އޭނާ އަށް ވެސް އަންހެން ކުއްޖާ ފެންނަ ގޮތެއް ނުވިއެވެ.

ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުން އައިސް ކޯރަށް ފީނި އިރު އަންހެން ކުއްޖާ އޮތީ ކޯރުގެ ތިން މީޓަރު އަޑީގައި މަރުވެފައެވެ.

ދެމައިން ވެއްޓުނު ކޯރުގެ ކައިރިއަށް މީހުން ނުދިއުމަށް ކުރިން ވެސް ކަމާބެހޭ ފަރާތްތަކުން އޮތީ އިރުޝާދު ދީފައެވެ. ނަމަވެސް އެސަރަހައްދުގައި އިންޒާރުގެ ބޯޑެއް ބަހައްޓާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު