ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ، ފިލްމީ ތަރި ކަރަން ސިންގް ގްރޯވާ ރާއްޖޭގައި ތިބޭތާ ހަފްތާއެއް ވެފައިވާ އިރު ބިޕާޝާ އަށް ރާއްޖެއިން އެންމެ ކަމުދަނީ ކޮން ކަމެއް ކަން ކިޔައިދީފިއެވެ.

ކަރަންގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބިޕާޝާ ރާއްޖެއަށް އައިއިރު އޭނާ ބުނީ ރާއްޖެއިން އޭނާ އަށް އެންމެ ކަމުދަނީ އިރުން ލިބޭ ހޫނު ދޯދިތައް ކަމަށެވެ. އަވީގައި ހުރެ ނަގާފައިވާ ފޮޓޯތަކުން ބިޕާޝާގެ އިންސްޓަގްރާމް ފުރާލަމުންދާއިރު ގިނަ ބައެއްގެ ސަމާލުކަމެއް ދަނީ އޭނާގެ ހެދުންތަކަށް ލިބެމުންނެވެ.

ބިޕާޝާ ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އޭނާ މީސްމީޑިއާ އަށް ލާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އޭނާއަށް އެންމެ ގިނަ ބައެއްގެ ސަމާލުކަމެއް ލިބޭ އެކައްޗަކީ އޭނާގެ ހެދުންތަކެވެ. އޭނާގެ ހެދުން އެޅުމުގެ ސްޓައިލް ގިނަ ބަޔަކަށް ކަމުދެއެވެ.

ފިލްމީ ދާއިރާގައި ބިޕާޝާ ވަނީ މިހާތަނަށް މަޝްހޫރު އެތައް ފިލްމެއް ކުޅެފައެވެ. އޭގެ ތެރޭގައި ދޫމް 2، ދަން މަރު ދަމް، ރޭސް، އޮމްކަރާ، ބަޗްނާ އޭ ހަސީނޭ އަދި ރާޖް ފަދަ ފިލްމުތައް ހިމެނެއެވެ. ބިޕާޝާ އެންމެ ފަހުން ފެނިގެން ދިޔައީ ވެބް ސީރީސް އެއް ކަމަށްވާ ޑެންޖަރަސް އިންނެވެ.

ޑެންޖަރަސް އިން ބިޕާޝާ އާއެކު ދެން ފެނިގެންދަނީ ޖަރަން ސިން ގްރޯވާއެވެ. މި ސީރީސް ރިލީޒް ކޮށްފައި ވަނީ މިދިޔަ އަހަރުއެވެ.

ބިޕާޝާ އާއި ކަރަންގެ ލޯބީގެ ހަޔާތް ފެށުނީ 2015 ވަނަ އަހަރުގެ ފިލްމު އެލޯން އިންނެވެ. ދެ ތަރީން ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.