މި ދުވަސްވަރަކީ ދުނިޔޭގެ ބައެއް ޤައުމުތަކަށް ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. އުތުރު ހެމިސްފިޔާގެ ޤައުމުތަކަށް މިކަން ކުރިމަތިވަމުންދާއިރު، ބައެއް ޤައުމުތަކަށް އާދަޔާ ޚިލާފަށްވެސްވަނީ ހޫނުގަދަވެފައެވެ.

އެގޮތުން، ޗައިނާގެ ގިނަ ސަރަޙައްދުތަކަށްވެސް މި ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ.

ޗައިނާއަށް ހޫނުގަދަވުމުގެ ސަބަބުން، ޗައިނާގެ ރައްޔިތަކު ވަރަށް ފަހުންވަނީ މަގުމަތީގައި މަސް ފިހެފައެވެ. އަވީގައި އޮތް ކާރުމަތީގައި ކުދި ކުދި މަސްތަކެއް، އަންހެނަކު ފިހެފައިވާއިރު، މި މަންޒަރު ފެންނަ ފޮޓޯތައްވެސް އާއްމުވެފައެވެ.

އެޤައުމުގައި ނެރޭ މަޝްހޫރު ނޫހެއްކަމަށްވާ ޕީޕަލްސް ޑެއިލީ އިން މި ފޮޓޯތައް، މީސް މީޑިޔާގައި ހާމަކޮށްފައިވާއިރު ފޮޓޯ އިން ފެންނަ އަންހެން މީހާ ހުންނަ އަވިން ސަލާމަތްވުމަށް ކުޑައެއް އަޅައިގެންނެވެ. އަދި ކުޑައިގެ ދަށުގައި ހުރެގެން، މި އަންހެން މީހާ ދަނީ ޗޮޕްސްޓިކް ބޭނުންކޮށްގެން މަސް ފިހަމުންނެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޗައިނާގެ ގިނަ ސަރަޙައްދުތަކުގެ ފިނިހޫނުމިން މިހާރު އުޅެނީ 40 ޑިގްރީ ސެލްސިއަސްގައެވެ. މިއަކީ އާއްމު ނިސްބަތުން ބަލާކަމުގައިވާނަމަ ވަރަށް ހޫނުގަދައެވެ.

ޗައިނާ އަންހެނަކު މިފަދައިން މަސް ފިހެފައިވާއިރު، ދާދިފަހުން، އިންޑިޔާގެ ފިރިހެނަކުވެސްވަނީ ހޫނުގަދަކަމުން، އަވިން ރޮށި ފިހެފައެވެ. އަދި، މީގެ ދެ އަހަރުކުރިން އިންޑިޔާގައި އަންހެނަކު ވަނީ އަވިން ބިސް ފޮޅިވެސް އަޅާފައެވެ.