ކޮވިޑާއި ގުޅިގެން ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި އެއްގޮތަށް ރާއްޖޭގައި އެތައް މަހެއްވަންދެން ފުރަބަންދު އިއުލާން ކުރިއެވެ. ގޭގައި ތިބެ އެތައް ބަޔަކު އުފެއްދުންތެރި އެތައް ކަމެއް ކޮށްފައިވާއިރު މޮޅެތި ކެއްކުންތެރިންނާއި ކުރެހުންތެރިން އަދި ފެހުންތެރިންވެސް ފުރަބަންދުގެ ތެރޭގައި ފެނިގެންދިޔައެވެ.

ނިޝްވާ ނައީމް (ނިޝީ) އަކީ ބޭކް ކުރުމުގައި އެތައް ބައެއްގެ ސަމާލުކަން ހޯދަމުންދާ ބޭކާއެކެވެ. އުމުރުން 24 އަހަރުގެ ނިޝީ ފިހެ ޒީނަތްތެރިކޮށްފައިވާ ކޭކްތަކާއި ބްރައުނީސްތައް ކައިފި ކޮންމެ ފަރާތަކުންވެސް ދެވަނަ ފަހަރަށް އެ ކޭކެއް ނުވަތަ ބްރައުނީއެއް ކާހިތްވާނެކަން ޔަގީނެވެ. ނިޝީ ތައްޔާރުކޮށްފައިވާ ބްރައުނީއެއް އަޅުގަނޑުވެސް ރަހަ ބަލާފައިވާއިރު އެއީ މިހާތަނަށް ކެވުނު ބްރައުނީސް ތަކުގެ ތެރެއިން އެންމެ މީރު ބްރައުނީސްކަން ފާހަގަ ކޮށްލަމެވެ.

އެންމެ ކުޑައިރުއްސުރެ ކޭކް އެޅުމަށާއި ކެއްކުމަށް ޝައުގުވެރިކަން ހުންނަ ނިޝީ ބުނީ ރޯދަމަސް އައުމުން ވަރަށް އުފާވާކަމަށާއި އެއީ ރޯދަމަހުގައި އާ ރެސިޕީތައް ތައްޔާރުކޮށް އާއިލާ އާއި ރައްޓެހީންނާއި އެ ތަޖުރިބާކުރެވޭނެތީ ކަމަށް އޭނާ ބުންޏެވެ.

ނިޝީ ބުނީ އޭނާ އެންމެ ދެކޭހިތްވާ ހުވަފެނަކީ އަމިއްލަ ޕޭސްޓްރީ އާއި ކޮފީ ލިބޭނޭ ބޭކަރީ ކެފޭއެއް ހުޅުވުން ކަމަށެވެ. ނިޝީ ކޭކްތައް ތައްޔާރުކުރުމުގައި ބޭރުގެ އެކި ފަރާތްތަކުގެ ކެއްކުންތައްވެސް ބަލައެވެ. ޔޫޓިއުބާއި އިންސްޓަގްރާމު މެދުވެރިކޮށް އެކި މީހުން ބޭކް ކުރާ ވީޑިއޯތައް ބެލުމާއި ބޭކް ކުރުމާއި ގުޅޭ ފޮތްތައްވެސް ކިޔާކަމަށް ނިޝީ ވަނީ ބުނެފަ އެވެ.

މިހާތަނަށް ތައްޔާރުކުރެވުނު އެންމެ ގަޔާވާ ކޭކަކީ ރޯޒް ޕެއިންޓެޑް ކޭކެއް ކަމަށް ނިޝީ ބުންޏެވެ. އެއީ ފުރަތަމަ އޭނާ އައިސިން ޖެހި ކޭކަށްވާއިރު އެ ކޭކް ފުރިހަމަ ވުމުން ވަރަށް ހިތްހަމަޖެހުނު ކަމަށް ނިޝީ ވަނީ ބުނެފަ އެވެ.

ކޭކާއި ބްރައުނީސްގެ ވިޔަފާރި އޮންލައިންކޮށް ކުރަމުން އަންނަ ނިޝީ ބުނީ ރައްޓެހީންނާއި އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ސަޕޯޓު ލިބޭ ކަމަށެވެ. ނިޝީގެ ޕޭޖް އިންސްޓަގްރާމުންނާއި ފޭސްބުކުން ވެސް ފެންނާނެ އެވެ.

ތައްޔާރުކުރަން އެންމެ އުނދަގޫ އެކައްޗަކީ ޕަވްލޯވާ ކަމަށް ނިޝީ ބުންޏެވެ. ވަރަށް ގިނަ އުކުޅުތައް ބޭނުންކޮށް އެ ތައްޔާރުކުމުގައި ވަރަށް ކެތްތެރިވާންޖެހޭ ކަމަށް ނިޝީ ބުންޏެވެ. އެންމެ ފުރަތަމަ ދަސްކުރި އިރު ވަރަށް އުނދަގޫވި ކަމަށާއި ނަމަވެސް އެއްފަހަރުވެސް ހިތްވަރުދެރަނުކުރާކަމަށް އޭނާ ބުންޏެވެ. މިހާރު ފަސޭހައިން އެވެސް ތައްޔާރުކޮށްލެވޭނެ ކަމަށް ނިޝީ ވަނީ ބުނެފަ އެވެ.

ރޯދަމަހުގައި އެންމެ ގިނައިން އޯޑަރު އަންނަ އެކައްޗަކީ ޕަވްލޯވާ ކަމަށް ނިޝީ ބުންޏެވެ. ގިނަ ދުވަހު ޕަވްލޯވާގެ އޯޑަރުތައް ފުލްވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އެންމެ މުހިންމުކަމެއްދެނީ ކަސްޓަމަރުން ބޭނުންވާގޮތަށް އަވަހަށް ތައްޔާރުކުރުން ކަމަށް ނިޝީ ވަނީ ބުނެފަ އެވެ. އަދި ވަރަށް ގިނަ މީހުންގެ ޕޮޒިޓިވް ކޮމެންޓުތައްވެސް އެއަށް އަންނަކަން އޭނާ ފާހަގަ ކުރިއެވެ.

"ހަފްތާގެ ކޮންމެ ދުވަހަކުވެސް އޯޑަރު ކުރެވޭނެ. ރޯދަމަސް ކަމަށް ވުމުން މިމަހު ދެދުވަސް ކުރިން އޯޑާ ކުރުމުން ވަރަށް ފަސޭހަވެގެންދާނެ. އެއީ މިހާރު ވަރަށް ގިނަ އޯޑަރުތައް ހުރީމަ. އަޅުގަނޑުމެން ޑެލިވަރީ ނުކޮށްދެން. އޯޑަރުތައް ނިމުމުން އެ އެއްޗެއް ބަލާ އައުމުން ލިބޭނެ." ރޯދަމަހު އޯޑަރުނަގާ ގޮތާއި ގުޅޭގޮތުން ނިޝީ ބުންޏެވެ.

ނިޝީގެ ކޭކްތަކަށް ވަރަށް ގިނަ ޕޮޒިޓިވް ފީޑްބެކްތައްވެސް ލިބޭކަމަށް އޭނާ ބުންޏެވެ. އެގޮތުން ކޭކްތަކާއި ބްރައުނީސްތައް ޒީނަތްތެރިކުރާގޮތަށާއި އޭގެ 'ޔުނީކް' ކަމަށްވެސް ގިނަ މީހުން ތައުރީފްކުރާކަމަށް ނިޝީ ބުންޏެވެ. ނިޝީ ބުނީ ފާޑުކިއުންތައްވެސް ބަލައިގަންނަ ކަމަށާއި ކަންކަން ރަނގަޅުކޮށް ފުރިހަމަ ކުރުމަށް ފާޑުކިޔުންވެސް މުހިންމު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ނިޝީ ތައްޔާރުކުރާ ފޮނި ކާއެއްޗެހީގެ ތެރޭގައި އެކި ވަތްތަރުގެ ޓްރެސްލެޗެސް، ބްރައުނީސް އަދި ކޭކްތައް ހިމެނެއެވެ. މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް އުނދަގުލަކީ ކޭކްތައް ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެތި ލިބުމުގެ ދަތިކަން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ގިނަ އެއްޗެހި ލިބުން ދަތިވަނީ މިދުވަސްކޮޅު އެތަކެއްޗަށް އޮންނަ ޑިމާންޑު ބޮޑުވާތީ ކަމަށެވެ.

"ކޮވިޑުގެ ދުވަސްވަރު އަދި މިއީ ރޯދަމަސް ކަމަށް ވާތީވެސް ތަކެތީގެ ޑިމާންޑު ބޮޑުވާނެ. މިދުވަސްކޮޅު އެހެން މަސްތަކާއި ހިލާފަށް ހުރިހާ ގެއެއްގައިވެސް ފޮނިއެއްޗެހި ތައްޔާރުކުރާނެ. އަދި ގިނަ އިންގްރީޑިއެންޓް ފިހަރާތަކުން ހުސްވާނެ މިދުވަސްވަރު." ނިޝީ ބުންޏެވެ.

"ކޮވިޑްގެ ތެރޭގައި އޮންލައިން ވިޔަފާރިތައް ވަރަށް ގިނަވެގެންދިޔަ. އަހަރެން ވަރަށް އުފާވޭ ޒުވާނުން މި ދާއިރާއަށް ނިކުމެ އެކި މިފަދަ ތަޖުރިބާތަކުގައި ބައިވެރިވާތީ. ވަރަށް ގިނަ ބޭކާސް އާއި ދިމާވެ އެކިވެރިވެފައިވޭ. އަދި އެފަދަ ފަރާތްތަކުން މިކަން ކުރުމުގައި ވަރަށް ހިތްވަރުވެސް ލިބުނު." މި ދާއިރާއަށް އެހެން ފަރާތްތައް ޝައުގުވެރިކަން ހުންނަތޯ ކުރި ސުވާލަށް ޖަވާބުދެމުން ނިޝީ ބުންޏެވެ.

ކެއްކުމާއި ބޭކް ކުރުމުގެ އިތުރުން ނިޝީ އަކީ ކުރެހުމަށާއި ފެހުމަށްވެސް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. އެންމެ ގިނައިން ފަހަނީ އަމިއްލަ ހެދުންތައް ކަމަށް ނިޝީ ބުންޏެވެ. އޭނާ ވަނީ ކޮންމެ މީހަކުވެސް އެމީހަކު ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކުރިޔަށް ދިއުމަށް އެދިފަ އެވެ. އަދި ޝައުގުވެރިކަން ހުންނަ ކަމެއް ދެނެގަތުމަށް ތަފާތު ތަޖުރިބާތައް ކުރުމަށާއި ގެއްލިފައިވާ ހުނަރެއްވެސް ފެނިދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައުޝަން އުމައިސް

    މިހާތަނަށް ކެވުނު އެންމެ މީރު ޓްރެސްލެޗެސް ކޭކް އެއީ ނިޝީގެ އިންސްޓަގްރާމް ޕޭޖް ކަމަށްވާ ޑެއިޒީ ޑެލިކަސީ އިން ކެވުނު ކޭކް. ހަމަ ބެސްޓް ޓްރެސް ލެޗެސް ކޭކް އެވަރ!! ♥️