ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ ކަމަށްވާ އެމެޒަންގެ ވެރިޔާ ޖެފް ބެޒޮސް ކައިރިން ވަރިވި މެކެންޒީ ސްކޮޓް އާކައިވެންޏެއް ފަށައިފިއެވެ. މެކެންޒީ ކައިވެނި ކޮށްފައި ވަނީ ޑެން ޖެވެޓް ނަމަކަށް ކިޔާ ސައިންސް ޓީޗަރަކާއި ކަމަށް "ވޯލް ސްޓްރީޓް ޖާނަލް" އިން ބުނެއެވެ.

މެކެންޒީ ކައިވެނި ކުރި ޑެންގެ މާގިނަ މައުލޫމާތެއް އަދި މީޑިއާތަކަށް ވެސް ނޭންގެއެވެ. މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވަނީ އޭނާ އަކީ ޕްރައިވެޓް ސްކޫލެއްގައި ސައިންސް މާއްދާ ކިޔަވައިދޭން އުޅޭ ޓީޗަރެއް ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޑެން އަކީ މެކެންޒީގެ ދަރިފުޅު ޕްރެސްޓޮން ތައުލީމް ހާސިލް ކުރާ ސްކޫލްގެ ޓީޗަރެކެވެ.

މެކެންޒީ އާއި ޖެފް ވެރިވީ މީގެ ދެއަހަރު ކުރިންނެވެ. ޖެފް ކައިރިން ވަރިވުމުން މެކެންޒީ އަށް ލިބުނު ފައިސާ އާއިއެކު އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެނުންގެ ތެރޭގައި ހިމެނިފައެވެ. ދެމަފިރިން ވަރިވުމުން އެމެޒަންގެ ހިއްސާގެ %4 ވެސް މެކެންޒީއަށް ލިބުނެވެ. ދެމަފިރިންގެ ވަރީގެ މައްސަލަ ނިމުނީ 2019 ވަނަ އަހަރގެ ޖުލައި މަހުއެވެ.

މެކެންޒީ އާއި ޖެފް ވަރިވީ ކައިވެންޏަށް 25 އަހަރުވީ ފަހުންނެވެ.

ޖެފްގެ މިލްކިއްޔާތުގައި މިހާރު 177 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އެހެންކަމުން އޭނާ އަކީ މިވަގުތު ވެސް ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ. މެކެންޒީގެ މިލްކިއްޔާތުގައި ވެސް 51.5 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

މެކެންޒީ ފާހަގަ ކުރެވެނީ ހައިރާތުގެ ގޮތުގައި ވެސް ވަރަށް ގިނައިން ފައިސާ ހަދިޔާ ކުރާ މީހެއްގެ ގޮތުގައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އޭނާ 384 ޖަމިއްޔާ އަކަށް 4.18 ބިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުބީނު މާރނީ

    އަންހެނުން ގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮންނަ ޤައުމުތަކުގައި ވަރިވެއްޖެ ނަމަ ފިރިމީހާ ގެ ރައުސުލްމާލުން ވަރަށް ގިނަ ލާރި އަނބިމީހާ އަށް ދޭންޖެހޭ. ރާއްޖޭ ގައި މިއޮންނަ ގޮތަކީ ފިރިމީހާ ގެ ބިމެއް ވިއްޔާ އެބިމުގައި ދެމަފިރިން ވެގެން ގެއެއް އެޅިއަސް ވަރިވާން ޖެހިއްޖެ ނަމަ އަނބިމީހާ ކުރިކަމެއް ފެންނާކަށް ނޯވޭ. ވީމާ ކިތަންމެ މުއްސަންޖަސް ފިރިމީހާ ގައިގާ ނޭދެވޭ ސިފަތަކެއް ހުއްޓުމެއްނެތި ހުންނަ ނަމަ ވަރިވާން މަޖުބޫރުވޭ. މިސާލަކަށް ބެޒޯސް އަށް ބަލާލަމާ. ބެޒޯސް އަކީ އޭނާ ގެ ބައްޕަ މަރުވުމުގެ ކުރިން ދެކިލާ، ސަލާން ކޮށްލާ ހަދާލަން ބޭނުން ވާހަކަ ބުނީމާވެސް ޤަސްތުގައި އެކަން ނުކުރި މީހެއް. ބައްޕަ މަރުވީ ހިތާމައިން ހިތްފަޅައިގެން ގޮސްގެން. މީގެން ދައްކަނީ ބެޒޯސް އަކީ ރަޙްމް ކުޑަ މީހެއްކަން. ގިނަ މީހުންނަށް ދުނިޔޭގައި ބޭނުންވަނީ ހަމްދަރުދީ އާއި އަޅާލުމާއި ލޯބި. (ނޯޓް : ވަރިވުމުގެ ސަބަބުން މިއަން މީހާއަށް ވަރަށް ގިނަ މިލިއަނުން ފައިސާ ލިބުނު)

    9
    1