އިރުއޭގެ ވާޖިބު އަދާކޮށްފައި ހަނދަށް ތަންދެމުން ނިވާވެލިއިރު ނާސިޔާގެ ރަށުގެ ހަމަހިމޭންކަން ވަނީ ނެގިފައެވެ. ރައްޔިތުންގެ މޫނުމަތިން ހިތާމައާއި މާޔޫސްކަން ފެންނަމުން ދިޔައިރު އެންމެންގެ ލޯތައް ކަރުނުން ފުރިފައިވަނީ އެދުވަހުގެ މެންދުރެއްހާ އިރު ހިނގާފައިވާ ހިތާމަވެރި ހާދިޡާއެއްގެ ސަބަބުންނެވެ. ނާސިޔާގެ ހިތުގެ ހާލު އެހެން އެންމެނަށްވުރެ ބޮޑުވެފައިވަނީ ނިޔާވެގެން ދިޔައީ ހުރި ހަމައެކަނި ދަރިފުޅަށްވާތީއެވެ. އެއީ ނާސިޔާގެ ދިރިއުޅުމުގެ ހުރިހާވެސް އުންމީދެވެ.

ހޮނިހިރު ދުވަހުގެ އިރު ފެނުން ތޮޅެލިއިރު ހޫދުއިނީ ދޮންވެލި ތުނޑިމަތީގައި އިރު އެރުމުގެ ސާފު މަންޒަރު ދެކިލުމަށް ގޮހެވެ. ހޫދުއަކީ އެރަށުގެ މީހުންގެ މެދުގައި ވަރަށް ނަން މަޝްހޫރު ޒުވާނެކެވެ. ރަށުގެ އެންނެމާ ގުޅޭ މަޖާ މިޒާޖެއްގެ ހޫދު ދެކެ އެރަށުގެ ކުދި ބޮޑު އެންމެން ލޯބިވެއެވެ. ހޫދުގެ ކައިވެނީގެ ކަންތައް ހަމަޖެހިގެން އައި އިރު ހޫދު އިންނަން އުޅޭ ސީމާގެ ޢާއިލާގެ މީހުންވެސް ހީވަނީ އުފަލުން ފޮޅިދާނެހެންނެވެ. ހޫދު ފަދަ އަޚްލާޤް ރަނގަޅު މާތް ކުއްޖެއް ޢާއިލާއާ ގުޅެން އުޅޭތީ އެކަމާ އިންތިހާއަށް އެމީހުން އުފާކުރިއެވެ. ހޫދު އެތަނުގައި އިންދާ ސީމާ އެދިމާލަށް އަންނަތަން ފެނުނެވެ. ދެކުދިން ވަރަށް ގިނައިން އަންނަ ތަނަކަށް އެދޮންވެލި ތުނޑި ވެއެވެ. އާންމުކޮށް އަންނާނީވެސް ފަތިސް ނަމާދަށްފަހު އިރުއެރުމުގެ ހިތްގައިމު މަންޒަރު ދެކުދިން އެއްކޮށް ބަލާލުމަށެވެ.

ކުރެވުމަށް ތައްޔާރުވަމުންދިޔަ ކައިވެނީގެ ވާހަކަތަކުގަޔާއި ލޯބީގެ އެތަށް ވަޢުދަކާ އަޙުދުތަކެއް ވަމުން ދެކުދިން ގެއާ ދިމާލަށް މިސްރާބުޖެހިއިރު ހެނދުނު ހަތެއް ޖަހައިފިއެވެ. އުފަލުންހުރެ ގެއަށް ދިޔަ ހޫދު ފެނުމުން ނާސިޔާއަށް ހިނިތުންވެލެވުނެވެ. ހޫދު ވަރަށް ކުޑަ އިރު ހޫދުގެ ބައްޕަ ނިޔާވުމުން ނާސިޔާ އެދަރިފުޅުބެލީ ފުރާނަކަމުގައި ދެކިގެންނެވެ. އެދަރިފުޅު ހިނތުންވާ ކޮންމެ ފަހަރަކު ބަޔާންކުރަން ނޭނގޭ އުފަލެއް ވެއެވެ. ހެނދުނު ސައި ބުއިމަށްފަހު ހޫދު ބޭރަށް ނުކުމެލީ ކައިވެނި ކުރެވެން ހަފްތާއަކަށްވެފައި ވާތީ ޕާޓީގެ ސެޓް ތައްޔާރުކުރަން ބޭނުންވާ ބައެއް ސާމާނު ހޯދާލުމަށެވެ. ވަކަރު ފިލާ ބޭނުންކޮށްގެން ހޫދު އަދި ސީމާގެ ކައިވެނި ހަފްލާގެ ބެކްގްރައުންޑް ހެދުމަށް ނިންމާފައިވާތީ ކަތީބުގެ ވަޑާންގެއަށް ހޫދު ދިޔައެވެ.

ރަށުގެ ބޮޑުމަގުން ހިނގާފައި އައި ސައްތާރަށް ހޫދު ފެނުނެވެ.

"އަނހާ ހޫދު. ކޮންތާކަށް ތިދަނީ؟"

"ސައްތާރުބެދޯ. މިދަނީ ކަތީބުގެ ވަޑާންގެއަށް"

"އެއީ ކޮންކަމަކު؟"

"އާނ އެއިދޯ ހެ ހެ ހެ. މިއީ ދެން ހަމަ ޕާޓީގެ ކަންތައް"

"އެހެންދޯ" ހީލަމުން ސައްތާޜު ބުންޏެވެ.

ހޫދުގޮސް ލޯމަތިން ގެއްލެންދެން ސައްތާރު އެދިމާލަށް ބަލަން ހުއްޓެވެ. އެއްވެސް މީހަކަށް ނޭނގުނަސް ސައްތާރުގެ ހިތުގައި އެންމެ ކުރީއްސުރެންވެސް ހޫދަށް ވަނީ ނަފްރަތުގެ ހުޅު ރޯވެފައެވެ. ސައްތާޜު އެންމެ ލޯބިވި ނާސިޔާ ރަށަށް އައި އެހެން މީހަކާ އިނދެގެން ލިބުނު ހޫދަށް މުރި ރަށުގެ މީހުން ކިޔާ ސަނާތައް ބަލަން ސައްތާރު ހުންނަނީ ރުޅިއައިސްފައެވެ. މިކަން އެންމެ ބޮޑުވީ ސައްތާރުގެ ދަރި އަހުމަދު އެންމެ ލޯބިވާ ސީމާ ހޫދުއާ ރައްޓެހިވެ އިންނަން ނިންމީތީއެވެ. އެކަމާ އަހުމަދު ހިތާމަ ކުރާތަން ދެކޭކަށް ސައްތާރު ނޭދެއެވެ. ސައްތާރާ ދޭތެރޭ ސާނިޔާ ކަންތައް ކުރިގޮތަށް ސީމާ، އަހުމަދާ ދޭތެރޭ ކަންތައް ކުރާކަށް ސައްތާރެއް ނޭދެއެވެ. އެހެންކަމުން ހިތުގައި މޮޅު ރޭވުމެއް ރާވަމުން ދިޔަ ސައްތާރަށް މިއަދު މީ އެކަން ކުރުމަށް އެންމެ ރަނގަޅު ދުވަސްކަމަށް ހީވެއެވެ.

ހޫދު އެކި އެކި ކަންތަކުގައި އުޅެނިކޮށް މެންދުރުވާން ކައިރިވެއްޖެއެވެ. ބަންގިގޮވުމުގެ ކުރިއަށް ގެއަށްގޮސް ފެންވަރާލުމަށް ނުކުތް ހޫދަށް އަނެއްކާ ސައްތާރާ ދިމާވީ މަގުމަތިންނެވެ.

"ހޫދު. މިއަދު އާދެބަލަ ސައްތާރުބެމެންގެ ގެއަށް މެންދުރުކާން"

ހޫދުއަކީ މިގޮތަށް ރަށު ކޮންމެ މީހަކުވެސް އޭނައަށް ހެޔޮހިތުން ކޮށްދޭ ކޮންމެ ކަމެއް ބަލައިގަންނަ ކުއްޖެއް ކަމުންނާއި ސައްތާރު ހިތުގައި އެނޫން ނުބައި ނިޔަތެއް އޮވެދާނެކަމަށް ހޫދު ހިއެއްވެސް ނުކުރެއެވެ. ކޮންމެއަކަސް ގެއަށް ގޮސް ފެންވަރާލައިގެން ހޫދު ނުކުތްތަނާ ނާސިޔާ ފެނުނެވެ.

"މަންމާ. މިދަނީ ސައްތާރުބެމެން ގެއަށް ކާން މިއަދު. މަންމަ ކައިގެން ހުންނައްޗޭ. މިރޭ ދެން ގެއިން ކާނީ"

"ސައްތާރުބެ ބުނީތަ ކާން އަންނާށޭ؟" ނާސިޔާ ހޫދު ކައިރީގައި ސޯފާގައި އިށީންނަމުން އެހިއެވެ.

"އާނ. ބުނީމަ ދާންވާނެއްނު"

"ދަރިފުޅާ. މަންމަ ކޮންމެވެސް ކަމަކާ އެބަ ބިރުގަނޭ. ދެން މިއަދު ގެއިން ކާންވީނު. ސައްތާރަކީ އެހާ މަންމަ ގަޔާވާ ކަހަލަ މީހެއް ނޫން" ހެނދުނު ހޭލީއްސުރެން ނާސިޔާގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމަކާ ހުރެ ހޫދު ކައިރިން ދުރަށް ފޮނުވާކަށް ނާސިޔާ ބޭނުމެއް ނުވިއެވެ.

"މަންމާ.. ދެން އެހާ ވަރަށް ނުވިސްނަބަލަ. ސައްތާރުބެ އިރެއްގަ މަންމައާ ހެދީ އުޅުނަސް ފަހުން އޯކޭއެއްނު. އެހެންނޫނަސް ނުވާނެ މީހުން ދޭ ދައުވަތު ޤަބޫލުނުކޮށް ހުންނާކަށް"

"އެކަމަކު ދަރިފުޅަށް ކަމެއް ވެދާނެތީ ހަމަ" ނާސިޔާ ދެރަފެވައި އިނދެ މިހެން ބުނުމުން ހޫދު މަންމަގެ އަތުގައި ހިފާލިއެވެ.

"މަންމާ. އަހަރެންނަށް ގޮތެއް ނުވާނެ އިރާދުކުރެއްވިއްޔާ. އެކަމަކު ވިޔަސް އަހަރެން މަންމަ ދެކެ ވަރަށް ލޯބިވެޔޭ. މަންމަ އެހާ ހާސްނުވެބަލަ" މިހެން ބުނެ ހޫދު ސޯފާއިން ތެދުވެ ބޭރު ދޮރާ ދިމާލަށް ހިނގައިގަތެވެ.

އަދިވެސް ކަންބޮޑުވެފައި ހުރި ނާސިޔާހުރީ ހޫދު އާ ދިމާލަށް ބަލާށެވެ. މަޑުމަޑުން ދޮރު ކައިރިއަށް ޖެހި ދަރިފުޅާ ދިމާލަށް ބަލަން ހުރެވުނެވެ.

މައިދޮރާ ހަމައަށް ގޮސްފައި ހޫދު އެނބުރުނެވެ.

"މަންމާ މިރޭ ނޫޑްލްސް ކާން ބޭނުމީ" ފުޅާ ހިނިތުންވުމެއް މަންމަ ނާސިޔާއަށް ހަދިޔާ ކުރުމަށްފަހު މަންމަގެ ކުރިމަތިން ދުރަށް ދިޔައިރު ހޫދު އަދި ނާސިޔާއަށް އެވަގުތަކީ ކިހާ މުހިންމު ވަގުތެއް ކަމެއް ނޭނގުނެވެ.

މެންދުރު ނަމާދުކޮށް ނިންމާފައި މިސްކިތުގައި ޤްރްޢާން ކިޔަވަން އިނުމަށްފަހު ހޫދު ސައްތާރުބެމެންގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު ފޯނު ވައިބްރޭޓްވާން ފެށުމުން ނެގި އިރު ގުޅަނީ ސީމާއެވެ. ސީމާއާ ވާހަކަ ދައްކަން ހުއްޓައި ސައްތާރުބެމެންގެއާ ހަމައަށް އާދެވުމުން ހޫދު ފޯނު ބާއްވަން އުޅުނެވެ. ނަމަވެސް އެކޮޅުން ސީމާ ބުނި ޖުމްލައެއް އަޑުއިވި ހޫދުގެ ހިނިތުންވުން ފުން ވެގެން ދިޔައެވެ.

"ހެހެ މީޓޫ. އަބަދުވެސް ލޯބިވާނަން" މިހެން ބުނެ ފޯނު ކަނޑާލާފައި ހޫދު ސައްތާރުމެންގެ ގޯތިތެރެއަށް ވަދެ ސަލާމް ގޮވާލިއެވެ.

ކެއުމަށްފަހު ހަމަޖެހިލައިގެން ހޫދު ބޭރަށް ނުކުތީ ސައްތާރުއާ ވާހަކަ ދައްކަމުންނެވެ.

"ސައްތާރުބޭ. ދެން ދަނީ އިނގޭ"

"އާ. އަވަހަށް ދޭ" ހޫދު ފޮނުވާލިއިރު ސައްތާރުގެ ތުންފަތް މަތީގައި ކުޅެލަ ކުޅެލަ ހުރީ ވިހަ ހިނިތުންވުމެކެވެ.

ގެއަށް އައިސް ހޫދު ބޭނުންވީ އިރުކޮޅަކަށް ނިދާލާށެވެ. ގޭތެރެއިން މަންމަ ފެންނަން ނެތުމުން ކޮޓަރިއަށްވަދެ ޖައްސާލިތަނާ ހޫދުގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަން ފެށިއެވެ. ހެއަށް ގޮތްވެ ޚަބަރުހުސްވެގެން ދިޔައީ އެހީއަށް އެދި މަންމައަށް ގުޅަން ފޯނު ނަގަން އުޅެނިކޮށެވެ.

ކޮޓަރިތެރެއަށް ވެއްޓިފައި އޮތް ހޫދު އިމަޖެންސީގައި އެމްބިއުލަންސްއަށް އަރުވައިގެން ސިއްޙީ މަރުކަޒަށް ގެންދެވުނުއިރުވެސް ވަނީ ނިޔާވެފައެވެ. ޑޮކްޓަރުން ބަލާފައި ބުނީ ހޫދުއަށް ނުރައްކާތެރި ވިހައެއް ކެވިފައިވާކަމަށެވެ. ނާސިޔާއަށް ވަގުތުން ހޫދުގެ ޤާތިލް އެނގުނެވެ. އެރަށަށް ފުލުހުންގެ ޓީމުތައް އައިސްގެން މައްސަލަ ބަލައި ޤާތިލް ހައްޔަރުކުރެވެން ގަޑިއިރެއްވެސް ނުނެގިއެވެ. ޙަޤީޤަތް ހާމަވުމުން އެންމެނަށް ޝޮކެއް ލިބުނެވެ. ނާސިޔާގެ ދިރިއުޅުމުގެ ހުޅުކޮޅު ކަމުގައިވާ ހޫދުގެ ވަކިވުން ވެގެންދިޔައީ ނާސިޔާގެ ހިތް ހުއްޓުނު ފަދަ ކަމަކަށެވެ. ސީމާވެސް ރޮއި ރޮއި ޚަބަރު ހުސްވިއެވެ.

ނާސިޔާ ގަނބުކައިފައި ހުރެ ހޫދުގެ ކޮޓަރީގައި އިނީ ރޯންވެސް ނޭނގިފައެވެ. ދަރިފުޅުގެ ޖަނާޒާ ކަންތައް ނިންމާފައި ނާސިޔާ ގެއަށް އައިއިރު ނާސިޔާގެ ޢާއިލާ މީހުންވެސް އެގެއަށް އައެވެ. އެފަދަ ވަގުތެއްގައި ނާސިޔާ އެކަނި ނުކޮށްލުމަށެވެ. ރަށުގެ އެންމެންގެ ހިތްތަކުގައި ކެތްނުކުރެވޭ ޥޭނެއް އުފެދިފައިވާއިރު ނާސިޔާ އަދި ސީމާގެ ހާލަތާމެދު ވިސްނާލާށެވެ. އެރޭ ނޫޑްލްސް ކާން ހޫދު ބޭނުންވުމުން ނޫޑްލްސް ގަންނަން ސީމާ ގޮށްފައި އައިއިރު ހޫދުގެ ފައިވާން ބޭރުގައި ހުރިތަން ފެނުނެވެ. ހޫދު ކޮބައިތޯ ބެލުމަށް އެކޮތަރިއަށް ވަތްއިރު އެނދުކައިރިއަށް ހޫދު ވެށްޓިފައި އޮތްތަން ފެނުނީ ނާސިޔާއަށެވެ. އެރަށުގައި ހޫދުގެ ވަކިވުމުގެ ހިތާމައިގައި ކަރުނަ ނާޅާ އެންމެ މީހެއްވެސް ނެތެވެ. ސައްތާރުގެ ދަރި އަހުމަދުވެސް އެކަމާ ރޮއި ހިތާމަކުރިއެވެ.

ގެއްލިގެން ދިޔައީ ރަށުގެ ދިރުމެވެ. މައެއްގެ ހިތް ހަލާކުވެ ލޯބިވެރިއެއްގެ ހަޔާތް ބަރުބާދުވެގެން ދިޔައީ މިހެއްގެ ހުރި ނުލަފާކަމުންނެވެ.

ސައްތާރު ހައްޔަރުކޮށްގެން ގެންދިޔައިރުވެސް ހުރީ ހިނިތުންވެލައިގެންނެވެ. ކުރެވުނު ކުށުގެ ބޮޑުކަން ސައްތާރަށް ނުވެސް އިނގޭކަހަލައެވެ. އެކަން ކުރީ އަހުމަދަށްޓަކައި ކަމަށް ބުނުމުން އަހުމަދު އެކަމާ ނުހަނު ހިތާމަކޮށް ސައްތާރު ކުރިމަތިން ދުރަށް ދިޔައެވެ. ފުލުހުންގެ ލޯންޗަށް ސައްތާރު އަރުވައިގެން ދިޔައިރު ރަށުގެ މީހުންތަކުގެ ބަދުދުޢާ ސައްތާރަށް އަމާޒުވެގެން ދިޔައެވެ.

 

ނިމުނީ