މަސައްކަތް ކުރުމާއި ވަޒީފާ އަދާ ކުރުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ހިސާއެެވެ. ކޮވިޑް19 ގެ ހާލަތުގައި އެންމެ ގިނަ ބަޔަކަށް އެންމެ އުނދަގޫވާ އެއް ކަމަކީ މި ހާލަތުގައި މަސައްކަތް ކުރަން ޖެހޭ ގޮތެވެ. އޮފީހަށް ނުގޮސް ގޭގައި މަޑު ކުރަން ޖެހުމުން މަސައްކަތުގެ މާހައުލުގައި އުޅެވޭ ކަމުގެ އިހުސާސް ނުކުރެވި އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށް ވާން މެދުވެރިވެއެވެ.

ޓެލެގްރާފްގައި ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން އިގިރޭސި ވިލާތުގައި ވަނީ މީހުން މަސައްކަތް ކުރަން ބޭނުންވާ ގޮތާ މެދު މައުލޫމާތު ސާފުކުރުމަށް ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.

އެ ދިރާސާއިން އެނގޭ ގޮތުން އެ ގައުމުގައި މަސައްކަތް ކުރާ މީހުންގެ 39 އިންސައްތަ މީހުން ވަޒީފާ އަދާކުރަމުން ދަނީ އޮފީހުގައެވެ. އަދި ގޭގައި މަސައްކަތް ކުރަނީ 32 އިންސައްތަ މީހުންނެވެ. މި ސާވޭގައި 4000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިކޮށްފައެވެ.

ގޭގައި ވަޒީފާ އަދާ ކުރާ މީހުން ވަޒީފާ އަދާ ކުރާ އިރު އެ މީހުންގެ މަސައްކަތުގެ ފެންވަރު ދަށްވާކަން އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ފުރަބަންދުގެ މުއްދަތު ދިގުވާ ވަރަކަށް މި މައްސަލަ އިތުރަށް ފާހަގަކުރެވޭކަން އެ ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މުވައްޒަފުން ބެލެހެއްޓުމާއި މަސައްކަތް ކުރުމުގެ އިންތިޒާމްތައް ވެސް ބޮޑަށް ފުރިހަމައީ އޮފީހުގައި މަސައްކަތް ކުރުމުންނެވެ.

ފުރަބަންދަށް ލުއި ދީފި ނަމަ ވީހާވެސް ބޮޑަށް އޮފީހުގައި މަސައްކަތް ކުރަން ކުންފުނިތަކުން ސަމާލުކަން ދޭ ސަބަބަކީ އެއީކަން އެ ދިރާސާއިން އެނގެއެވެ.

ދެހާސް ތޭވީހުގެ ނިޔަަލަށް އޮފީސްތަކުގެ އަދަދުތަައް 20 އިންސައްތަ އާ ހަމައަށް މަދު ކުރަން ނިންމި ނިންމުމާއެކު މަސައްކަތްތެރިންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ޓެލެގްރާފްގެ ލިއުމުން އެނގޭ ގޮތުން ގިނަ މީހުންނަށް ގޭގައި މަސައްކަތް ކުރަން އުނދަގޫވެއެވެ. ތިންބައި ކުޅަ ދެބައި މީހުން ބުނަނީ ހަފްތާއަކު 2-3 ދުވަހު ގޭގައި މަސަައްކަތް ކުރަން އެންމެ ރަނގަަޅު ކަމަށެވެ.

ނަަމަވެސް ދާއިމީ ގޮތެއްގައި ގޭގައި މަސައްކަތް ކުރަން ބޭނުން ވަނީ 14 އިންސައްތަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު