އިނގިރޭސިވިލާތަށް ވެއްޓެފައިވާ ގިނިހިލަ އަކީ މަދުން ނޫނީ ނުފެންނަ ކަހަލަ ގިނިހިލައެއް ކަމަށް އެގައުމުގެ ސައިންސްވެރިން ބުނެފިއެވެ.
އެގައުމަށް މި ގިނިހިލަ ވެއްޓިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.
ކޮޓްސްވޯލްސްގެ ހަނިމަގަކުން ފެނިގެން ގޮސްފައިވާ ހިލައިގެ އެތިކޮޅުތަކުން ބިމުގެ ދިރުމާއި ސޫރަދަނިޒާމް (ސޯލާ ސިސްޓަމް) އާއި ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެން ދާނެއެވެ.
ވިންޗްކޮމްބޭގެ ކުޑަ އަވަށެއް ކަަމަށްވާ ގުލޮސްޓެޝެއާއިން އިން ސައިންސްވެރިން ވަނީ ގާތްގަނޑަކަށް 300 ގްރާމްގެ ގިނަ ހިލަ ތަކެއް އެއްކޮށްފައެވެ. ސައިންސްވެރިން ބުނެފައިވަނީ އެ ހިލަ އުފެދިފައިވަނީ ކާބަނޭޝަސް ކޮންޑްރައިޓް އިން ކަމަށާއި އެއީ ސޫރަދަނިޒާމް (ސޯލާ ސިސްޓަމް) ގައި ހިމެނޭ އެންމެ ގިނަ ދުވަސްވީ މައުދަނެއް ކަމަށެވެ. އަދި މި މައުދަނުގައި ދިރިހުރުމަށް ވަރަށް މުހިންމު ގުދުރަތީ މާއްދާތަކާއި އެމިނޯ އެސިޑް ހިމެނޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ލަންޑަނުގައި ހުންނަ މިފަދަ ތަކެތި ބަހައްޓާ ދާރުލްއާސާރަކުން ބުނެފައިވަނީ ސްޕޭސް މިޝަން ތަކުން އައިސް ފައިވާ ހިލަ ތަކާއި ތަފާތުކޮށް މިފަހަރު ފެނިފައިވާ ގިނިހިލަ ހުރީ ދިރާސާތަކަށް އެކަށީގެންވާ މިންވަރަށާއި ފެންވަރަށް ކަމަށެވެ.
ދުނިޔޭގައި ގާތްގަނޑަކަށް 65،000 ގިނަހިލަ ވާނެ ކަަމަށް ދާރުލްއާސާރުން ބުނެފައިވެއެވެ. އޭގެ ތެރެއިން 1،206 ގިނިހިލަ ވެއްޓުނު ކަމުގެ ހެކި ހުރި އިރު އޭގެއިން ކާބަނޭޝަސް ކޮންޑްރައިޓް ހިމެނެނީ 51 ހިލައިގައެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރޭނަގަޑު 9:54 ގައި ލަންޑަނުގެ އަދި އުތުރު ޔޫރަޕްގެ ގިނަ މީހުންނަށް މި ގިނިހިލަ ފެނިފައިވާ ކަމަށާއި އަދި ގޭގޭގައި ހަރު ކުރެވިފައިވާ ސީސީޓީވީ ކެމެރާތަކުންނާއި އަދި އެހެނިހެން ކެމެރާތަކުން ވެސް މަންޒަރު ރެކޯޑް ކުރެވިފައި ވެއެވެ.