90 ގެ އަހަރުތަކުގެ ފިލުމު ތަކުން އެންމެ ފާހަގަ ކޮށްލެވުނު އެއް ބަތަލާ އުރުމިލާ މާޓޮންޑްކަރ ފިލުމީ މަސައްކަތްތަކާއި ދުރުގައި ހުރުމަށް ފަހު އެނބުރި ފިލުމީ މަސައްކަތްތަށް އަންނާނެ ކަމުގެ ޚަބަރު އޭނާގެ ސަޕޯޓަރުންނަށް ދީފިއެވެ.

2019 ވަނަ އަހަރު ސިޔާސީ ދާއިރާއާއި ގުޅުނު ނަމަވެސް އެކްޓު ކުރުން މުޅިން ދޫކޮށް ނުލާކަން ހާމަވެގެން ދިޔައީ އަނެއްކާ ވެސް ފިލުމީ މަސައްކަތަށް އުރުމިލާ އެނބުރި އައުމުންނެވެ.

އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އުރުމިލާ ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ކަންތައް ނެތް ނަމަ މިދިޔަ އަހަރު އޭޕްރީލް މަހު އޭނާ އެކްޓިންގެ ދާއިރާއަށް އެނބުރި އަންނަ ވެބް ސީރީޒްގެ މަސައްކަތް ފެށުނީސް ކަމަށެވެ. ނަމަވެސް ފުރަބަންދުގެ ސަބަބުން ޝޫޓިން ފަސް ކުރަން ޖެހުނީއެވެ.

މިހާރު މި ސީރީޒްގެ މަސައްކަތް ނުފެށިފައި ހުރީ ލިބެންޖެހޭ ހުއްދަތަކުގެ ތެރެއިން ހުއްދައެއް ލިބުން ލަސްވާތީ ކަމަށް ވެސް އުރުމިލާ ބުނެފައިވެއެވެ. އަދި މި ސީރީޒްގައި އޭނާ ފެނިގެންދާނީ މީގެ ކުރިން ނުފެންނަ ތަފާތު ރޯލަކުން ކަމަށް ވެސް އުރުމިލާ ބުނެފައިވެއެވެ.

އެކްޓިންގެ ދާއިރާއަށް އެނބުރި އައި ނަމަވެސް އޭނާ އެންމެ ބޭނުންވަނީ ޑިޖިޓަލް ޕްލެޓް ފޯމުގައި މަސައްކަތް ކުރުމަށް ކަމަށް ވެސް އުރުމިލާ ބުނެފައިވެއެވެ.

އުރުމިލާ ކުޅެފައިވާ ފިލުމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފިލުމަކީ 1995 ވަނަ އަހަރު އޭނާ ކުޅުނު ފިލުމު ''ރަންގީލާ'' އެވެ. މީގެއިތުރުން ''ޕިޔާރު ތޫނޭ ކިޔާ ކިޔާ'' އާއި ''ލައްޖާ'' އާއި ''ޖުދާއީ'' ފަދަ ފިލުމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ހިތުގެ ރާނީ އެނބުރި އަންނަނީތަ ، ވަރަށް އުފާވެއްޖެ.