ފޮޓޯ: ވިޒިޓް މޯލްޑިވްސް

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެކުދިން މި ޒަމާނުގައި ބައްދަލުކޮށް މީސްމީޑިޔާއިން ވާހަކަ ދައްކާ ލޯބީގެ މާތަށް ފޮޅިވިއެއްކަމަކު، މީގެ ތިރީހަކަށް އަހަރު ކުރިން ކަން އޮތީ މިގޮތަކަށް ނޫނެވެ. މާޒީގެ ތެރެއިން ކާބަފައިންގެ "ލަވް ސްޓޯރީސް" އަށް ބަލާލަމާ ހިނގާށެވެ.

ބައްދަލުކުރުން އެހާ ދަތިކޮށް އޮންނައިރު، ބައްދަލު ނުކޮށް މުޢާމަލާތު ކުރެވޭނެ އެއްވެސް ވަޞީލަތެއް އޭރަކު ނުހުރެއެވެ. ލިޔެކިޔުމުން މެސެޖް ބަދަލުކުރެވެނީވެސް ގުޅިގެން އުޅޭ ދެކުދިންނަކީވެސް ލިޔަންކިޔަން އެނގޭ ބަޔަކަށް ވާނަމައެވެ. އެދުވަސްވަރަކީ، ސިޓީ ބިޓީއާއި އަދި އެފަދަ ތަކެތި ބަދަލު ކުރި ޒަމާނަކަށްވިޔަސް، އެފަދަ ކަންކަން ކުރެވެނީ އޭރުގެ އެންމެ މޮޅަށް ކިޔަވައިގެން ތިބޭ މީހުންނަށެވެ.

ލިޔަންކިޔަން ދަންނަ ދެކުއްޖަކު ގުޅުވޭގޮތް ވެއްޖެނަމަ ފަންވަތް ލިޔެފާ ފޮނުވިދާނެއެވެ. ނޫންނަމަ "މަގޫފަތު ކުދިއަކުރުލިޔެ" ފޮނުވަނީއެވެ. ޢާންމުކޮށް ފޮނުވަނީ ރައިވަރެވެ. ލޯބިވާނަމަ ލޯބިވާވަރާއި އިންނަން ބޭނުންނަމަ އިންނަން ބޭނުން ވާކަން އެންގުމަށްޓަކައެވެ. ދެން އަނެއް ފަރާތުންވެސް ޖަވާބުގައި ގުޅުންހުރި ރައިވަރެއް ފޮނުވަނީއެވެ.

ލިޔަންކިޔަން ނުދަންނަ މީހުން "މެސެޖް" ފޮނުވަނީ ތަކެތިންނާއި ހަރަކާތުންނެވެ. އަންހެންކުއްޖަކު ހިނގާފައި ދަނިކޮށް އޭނާގެ ކުރިމައްޗަށް ފިރިހެންކުއްޖަކު ގައުކޮޅެއް ނުވަތަ މުށިކޮޅެއްފަދަ އެއްޗެއް އެއްލުމަކީ ލޯބިހުށަހެޅުމެވެ. އަންހެންކުއްޖާ އެއެއްޗެއް ނަގައިފިނަމަ މާނައަކީ ލޯބި ގަބޫލުކުރީއެވެ. ދެނެހުރިކަމަށް ނުހަދާ ހިނގައްޖެނަމަ އަދި ވަކިގޮތެއް ނުނިންމަނީއެވެ. އެއެތިކޮޅަށް ފައިންއަރައިފިނަމަ ނުރުހުނީކަމަށް ބަލަންވީއެވެ. އައިކޮޅަށް އަނބުރާލާފައި ހިނގައްޖެނަމަ މާނައަކީ އޭނާ އަކީ އެހެން މަގަކުންދާ ކުއްޖެކެވެ.

އަންހެންކުއްޖެއްގެ ކަނޑިކީގެ ނުވަތަ ލާ ހަރުވާޅަފަދަ އެއްޗެއްގެ އަންނަ ފަށަށް ފޮނުވައިފިނަމަ، އައުމަށް ދައުވަތުދިނީއެވެ. އަންނަފަށާއެކު މޫނުބަލާ ލޯގަނޑެއްގެ މޫނުފެންނަ ފަރާތް ނުސާފުވަފަދަ ގޮތެއް ހަދާފައި ފޮނުވައިފިނަމަ އޭގެ މާނައަކީ އިރުއޮއްސި މޫނު އަނދިރިކަންވީމަ އަންނާށޭއެވެ.

ފިރިހެނުންގެ ބޮލުގައި އަޅާފޮށާއަކީވެސް މެސެޖް ފޮނުވާ "ޓްރާންސްމީޓަރ" އެކެވެ. ފިރިމީހާއާއި މައްސަލަ ޖެހިގެންއުޅޭ އަންހެނަކަށް ދެއްކުމަށް އެހެން ފިރިހެނަކު ބޮލުގައިއޮތް ފޮށާނަގައި ތަޅާލުމަށްފަހު ކިހިއްޔަށް ޖަހައިފިނަމަ އެބުނީ ތިޔަތަނުން ސަލާމަތްވާށެވެ. އަހަރެން މިހުރީ ކަލޭ އުރައިގަން ގެންގުޅޭށެވެ. އެއަންހެންމީހާއަށް ކުއްޖަކު ލިބިފައި ހުރިނަމަ ބޮލުން ނެގިފޮށާ ކިހިއްޔަށްޖެހުމުގެ ބަދަލުގައި ބާއްވާނީ ކޮނޑުމަތީގައެވެ. މާނައަކީ ދަރިފުޅު ބެލުމުގެ ބުރަވެސް ކޮނޑުގައިއަޅަން އަހަރެން މިހުރީ ތައްޔާރަށެވެ.

މިއީ އޭރުގައި ކަންވާގޮތެވެ. މިހާރު ކަން ހިނގާގޮތް ވަރަށްވެސް ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. 30 އަހަރު ކުރީގަ ފަންވަތުގަ ލިޔެ ނޫޅޭ

  2. އަންހެންކުދިން ނާ ފިރިހެން ކުދިން ލޯބީގެ ގޮތުން ކައިވެނިން ބޭރުން ރައްޓެހި ވެގެން އުޅުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫން

  3. އަސްލުވެސް ކުރީގަ ކަންހިނގާފަހުރީ ހަމަ އެފަދައިން ބޮޑުބެއަކީވެސް އެކަން ތަޖުރިބާ ކުޅަ މީހެއް ހެހެހެހހހހ!!!!!!

  4. އޭރު ކަންތައް ކުރާ ގޮތް މާ ސަޅި

  5. އަނެއްކާއަރީފޫ

    ފިރިހެންކުއްޖާ އަރައިގެންދާ ސައިކަލުން އަންހެންކުއްޖާގެ ސްކޫޓަރުގައި ކާއްތާލާފައި ދިޔައިމާ އެބުނަނީ ގާތްވެލަން ހިނގާށޭއެވެ. އަންހެންކުއްޖާ ބަރު ގޮނު އަޅާފައި ދެތިން ހުތުރުބަހުން ޖެހީމާ އެބުނީ ނޫނެކޭއެވެ. އެކުއްޖާގެ ބިޓު އައިސް ކަޓަރު އަޅަން ދިމާކުރީމާ އެނގުނީ ހިތްހަމަ ނުޖެހިއްޖެ ކަމެވެ. މީ މިހާރުގެ ގޮތެވެ. އަދި މާސަޅި ދޯއެވެ.

  6. ދެން ބުޅާ ލަވަ ކިޔަނީ ކީކޭ ބުނަން

  7. 30 ހެއް ނޫން 50 އަހަރު ކުރިނ.

  8. 50 އަހަރު ކުރީގެ ވާހަކައެއް