މަޝްހޫރު ފަންނާނުންގެ ތެރެއިން އެންމެ ގިނައިން ވާހަކަ ދެކެވޭ ދެމަފިރިން ކަމުގައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދެ ފަންނާނުންނެވެ.

އަނބިމީހާ ޕްރިޔަންކާއަށް ތަޢުރީފު ކުރުމުގައި ފާހަގަ ކޮށްލެވޭ ނިކްގެ އައު އަލްބަމްގެ ޕްރޮމޯޝަންގައި ސިރިއަސްއެކްސްއެމްއާއި އެކު ކުރިއަށް ދިޔަ ވާހަކައެއްގައި ނިކް މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފައިވާ އެހެން އަންހެނުންނާއި ޕްރިޔަންކާއާއި ތަފާތު ވަނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެއީ ދެމީހެއްގެ ދެމެދުގައި އުފެދޭ ޖާދުވީ ބުނެދޭން ނޭނގޭ ފަދަ ގުޅުމެއް ކަމަށެވެ.

ނިކްއާއި ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ވެސް ދެމީހުންނަކީ ވަރަށް ގާތް އަދި އެކަކު އަނެކަކު އެނގޭ ދެމީހުން ކަމަށާއި ދެ މީހުންގެ ދެމެދުގައި އޮންނަ ރަހުމަތްތެރި ކަމަކީ ދެމީހުންގެ ގުޅުން އެންމެ ފުރިހަމަކޮށް ގެންދިޔުމަށް އެންމެ އެހީތެރިވެދޭ ކަމެއް ކަމަށް ވެސް ނިކް ބުނެފައިވެއެވެ.

އެހެން އެއްވެސް އަންހެނަކާއި ދެމެދު ނުއުފެދޭ ފަދަ ކަނެކްޝަނެއް ޕްރިޔަންކާއާއި އެކު އުފެދުމަކީ އެހެން އަންހެނުންނާއި ޕްރިޔަންކާއާއި ތަފާތުވާ ސަބަބު ކަމަށާއި ދިރިއުޅުމުގެ ބައިވެރިއަކަށް ޕްރިޔަންކާ ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އޭނާގެ ނަސީބު ކަމަށް ވެސް ނިކް ބުނެފައިވެއެވެ.

ޕްރިޔަންކާއަކީ ބަރޯސާވުމަށާއި އަދި ކުރިއެރުމަށް އެހީތެރިވެދޭ ބައިވެރިއެއް ކަން ވެސް ނިކްގެ މި ވާހަކައިގައި ފާހަގަ ކޮށްފައިވެއެވެ. ޕްރިޔަންކާގެ ކާމިޔާބީ ތަކާއި އަދި ނިކްއަށް ވެސް އެފަދައިން ކާމިޔާބު ލިބުމަށް އެދޭ ކަމަށް ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.