ގިނަ ފަހަރަށް ގިނަ މީހުން މުސްތަޤްބަލުގައި ކުރާނެ ކަމެއް އިޚްތިޔާރު ކުރަނީ މައިންބަފައިން އުޅޭ ދާއިރާއަކަށް ބަލާފައެވެ. އަދި ޚާއްސަކޮށް މަޝްހޫރު މީހުންގެ ދަރިން މިފަދަ ގޮތަކަށް ކަންތައް ކުރެއެވެ. މަޝްހޫރު ފުޓްބޯޅަ ތަރިއެއްގެ ދަރިއެއްނަމަ އެކުއްޖާވެސް ފެނުން އެންމެ ގާތީ ފުޓްބޯޅައާ ގުޅުން ހުރި ދާއިރާއަކުންނެވެ. ލަވަކިޔާ މީހެއްގެ ދަރިއެއްނަމަ މިއުޒިކް އިންޑަސްޓްރީގެ ތެރެއިންނެވެ.

ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ރެޕަރ އެމިނަމްގެ ދަރިފުޅު މިއުޒިކްގެ ދާއިރާއިން ކުރިޔަށް ދާކަށް ބޭނުން ނުވެއެވެ.

އެމިނަމްގެ ހަމައެކަނި ބައޮލޮޖިކަލް ދަރިފުޅު އުމުރުން 22 އަހަރުގެ ހައިލީ ޖޭޑް ސުކޮޓް ޑެއިލީ މެއިލްއަށް ދިން އިންޓަރވިއުއެއްގައިި ބުނެފައިވަނީ އަދި ދިރިއުޅުމުގައި ކުރަން ބޭނުންވާ ކަމެއް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް ބައްޕަ އުޅޭ ދާއިރާއިން ކުރިޔަށް ދިއުމުގެ އެއްވެސް ޝައުޤުވެރި ކަމެއް ނެތް ކަމަށެވެ. އޭނާގެ ބައްޕަ، އެމިނަމް އާ ބެހޭ ގޮތުން މީޑިޔާއަކަށް ދިން ފުރަތަމަ އިންޓަރވިއުގައި އޭނާ ބުނެފައިވަނީ އޭނާއާއި އޭނާގެ ބައްޕަ އާއި ދެމެދު އޮންނަ ގުޅުން ރަނގަޅު ކަމަށެވެ.

ހައިލީ ޖޭޑް ސުކޮޓްއަކީ އެމިނަމްގެ ކުރީގެ އަނބިމީހާ ކިމްގެ ދަރިއެކެވެ. ހައިލީ ޖޭޑް ސުކޮޓް އުޅެމުންދަނީ އޭނާގެ މަންމައާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު