ބޮލީވުޑްގެ ސުޕަސްޓަރ އަމީތާބް ބައްޗަން އާއި އިމްރާން ހާޝްމީ އެކީގައި ފެނިގެންދާ ފިލްމު 'ޗެހްރާ' ރިލީޒް ކުރާ ތާރީހު އަވަސްކޮށްފި އެވެ.

ފިލްމު 'ޗެހްރާ' ރިލީޒް ކުރަން ކުރިން ހަމަޖެހިފައި އޮތީ އޭޕްރީލް 30 ހުގައި އެވެ. ނަމަވެސް މިހާރު މި ފިލްމު ރިލީޒް ކުރާ ތާރީހު ވަނީ އޭޕްރީލް ނުއަވަނަ ދުވަހަށް އަވަސްކޮށްފަ އެވެ.

ރޫމީ ޖެފްރީ އިސްނަގައިގެން ހަދާފައިވާ މި ފިލްމަކީ މިސްޓެރީ ތްރިލާ އެކެވެ. އަނަންދް ޕަންޑިތް ޕްރޮޑިއުސް ކޮށް ނެރޭ މި ފިލްމުގައި ދެން ފެނިގެންދާ ތަރީންނަކީ އަންނޫ ކަޕޫރް، ކްރިސްޓަލް ޑީސޫޒާ، ދްރިތިމަން ޗައްތަރްޖީ، ރަގޫބިރް ހަދަވް އަދި ދިދާންތް ކަޕޫރް އެވެ.

އިންޑިޔާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ރިލީޒް ކުރާ ތާރީހު އަވަސް ކުރީ ފުރަތަމަ މި ފިލްމު ރިލީޒް ކުރަން ނިންމި ތާރީހުގައި އެހެން ފިލްމެއް ރިލީޒް ކުރާތީ އެވެ. އެގޮތުން އެ ތާރީހުގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަކްޝޭ ކުމާރުގެ ސޫރްޔަވަންޝި އެވެ.

ކުޅަދާނަ އެތައް ފިލްމެއް ކުޅެފައިވާ އަމީތާބް ބައްޗަން އާއި އިމްރާން ހާޝްމީ ފެނިގެންދާ މި ފިލްމަކީ ދެ ތަރީން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ދެ ތަރީންގެ ފޭނުން މިހާރު އިންޒިތާރު ކުރަމުން ދަނީ ފިލްމު ނެރޭ ދުވަހަކަށެވެ.