ބޮލީވުޑްގެ ފިލްމީ ތަރީންގެ ތެރެއިން އާމިރް ހާންއަކީ ކުޅަދާނަ ފިލްމުތަކެއް ކުޅެފައިވާ އެންމެ މަގުބޫލު ފަންނާނުންގެ ތެރޭގައި ހިމެނޭ އެއް ފަންނާނެވެ. އޭނާ ކުޅެފައިވާ ފިލްމުތަކާއި ކައިރި ކުރާ ވަރުގެ ފިލްމެއް ވެސް ބޮލީވުޑަށް އަދި އައިސްފައި ނުވާ އިރު އޭނާގެ ފިލްމުތައް ބަލާ ފަރާތްތައް އަދިވެސް ގިނައެވެ.

ފިލްމީ ހަޔާތުގައި ފާހަގަ ކޮށްލެވޭ އެތައް ކަމެއް ކޮށްފައިވާ އާމިރް ހާން އަށް އިއްޔެ ވަނީ 56 އަހަރު ވެފައެވެ. އަހަރަކު އެއް ފިލްމު ކުޅޭ ގޮތަށް އާމިރް ފިލްމީދާއިރާގައި މަސައްކަތް ކުރަމުން ދިޔައިރު އޭނާ އަކީ ބޮލީވުޑްގެ ސުޕާ ސްޓާރުންގެ ތެރެއިން އެވޯޑުތަކަށް ދާން ދެކޮޅު ހެދި ފުރަތަމަ ފަންނާނެވެ.

ގަޔާމަތް ސޭ ގަޔާމަތް ތަކް (1988) އާއި އަންދާޒް އާޕްނާ އާޕްނާ (1994) ، ރަންގީލާ (1995)، އާތް (1998)، ސަތްފަރޯޝް (1999) ފަދަ ފިލްމުތަކަކީ އެންމެ ކުރީގައި އާމިރްގެ ކުޅަދާނަ އެކްޓިން ފެނިގެންދިޔަ ފިލްމުތަކެވެ.

މިއަދު އާމިރް ހާންއަކީ ފިލްމީ ތަރިއެއްގެ އިތުރު ފިލްމު އުފެއްދުމުގައި ވެސް ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އޭނާ އުފައްދާފައިވާ ފިލްމުތަކަކީ ޖަޒުބާތީ، އެކި އިހުސާސްތައް ދައްކުވައިދޭ ފިލްމުތަކެކެވެ.

"ތާރޭ ޒަމީން ޕަރް"، "ތްރީ އިޑިއެޓް"، "ދަންޖާލް" ފަދަ ފިލްމުތަކުން އެތައް ގިނަ ފިލާވަޅުތަކެއް ބެލުންތެރިންނަށް ގެނެސްދޭ އިރު އެ ފިލްމުތަކަށް ގިނަ ބައެއްގެ ލޯބިވެސް ވަނީ ޖެހިފައެވެ. އާމިރްގެ ވާހަކަތަކަކީ އެންމެންނާ ވެސް ގުޅޭ ވާހަކަތަކަށްވާ އިރު އެއީ ގިނަ މީހުން އެންމެ ގަޔާވާ އެއް ކަމަކަށް ވަނީ ވެފައެވެ.

އާމިރް ހާންގެ ކޮންމެ ފިލްމަކީ ވެސް ތަފާތު ރޯލެއް، ތަފާތު ޝަހުސިއްޔަތެއް ފެނިގެންދާ މީހުން ގަޔާވާ އެތައް ކަމެއް ހިމެނިފައިވާ ފިލްމުތަކެވެ.